ދިރާގު

ތެލަސީމިއާ ކުދިންނަށްޓަކައި ދިރާގު ރޯޑްރޭހުގައި ދުވެލަދީ!

ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ބޮޑު ދުވުމުގެ ރޭސް، ދިރާގު ރޯޑް ރޭސް އަންނަ މަހު 11 ގައި ބާއްވަން ދިރާގުން ނިންމާފައިވާއިރު އެ ރޭހުގެ އެންމެ ހާއްސަ އެއް ސިފަ އަކީ ރޭހުގައި ބައިވެރިވާ ފަރާތްތަކުން ލިބޭ ފައިސާ، ކަނޑައަޅާ ވަކި އެންޖީއޯތަކުގެ މެދުގައި ބެހުމަށް ނިންމާފައި އޮންނަ ނިންމުމެވެ. ދިރާގު ރޯޑް ރޭހަކީ ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވާ ރޭހަކަށް ވާއިރު، އެންޖީއޯތަކަށް މިއީ ފަންޑް ހޯދަން ހުޅުވާލެވޭ ރަނުގެ ފުރުސަތެކެވެ.

މިއަހަރުގެ ރޯޑްރޭސް އަންނަ މަހު ހުޅުމާޅޭގައި ބާއްވަން ނިންމާފައިވާއިރު، ރޭހަށް ހުވާފައިވާ އެންޖީއޯތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީ ވަނީ ހިމެނިފަ އެވެ. އެހެންކަމުން އެ އެންޖީއޯއިން މިވަނީ ރޯޑް ރޭހުގައި ތެލަސީމިއާ ކުދިންގެ ނަމުގައި ދުވުމަށް ވީހާވެސް ގިނަ ބަޔަކަށް ދައުވަތުދީފަ އެވެ.

ތެލަސީމިއާ ސޮސައިޓީގެ އިސް މެންބަރަކު ވިދާޅުވީ ރޯޑް ރޭހުގައި ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ތެލަސީމިއާ ސޮސައިޓީ ތަމްސީލު ކުރުމަކީ އެ ސޮސައިޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ތެލަސީމިއާ ކުދިންނަށް މިވަގުތު ދަތިވެފައި ހުރި ބައެއް ކަންކަމަށް ފަންޑް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ދިރާގު ރޯޑްރޭހަކީ ތެލަސީމިއާ ކުދިންނަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެންމެ ރަނގަޅު ޕްލެޓްފޯމަށް ވެގެންދާނެ ކަމަށެވެ.

"ތެލަސީމިއާ ކުދިންނަށް ދަތިވެފައިހުރި ބައެއް ކަންކަން އަދިވެސް އެބަހުރި. އެކަންކަން ހައްލުކުރުމަށް އަޅުގަނޑުމެން ފަންޑް ބޭނުން. މިސާލަކަށް ރާއްޖެއަށް ތެލަސީމިއާ ކުދިން ބޭނުންކުރާ ގުޅަ ބޭސް އެތެރެ މިކުރަނީ ތެލަސީމިއާ ސޮސައިޓީގެ ފަރާތުން، ހަމަ އެއާއެކު މި ކުދިން ކޮންމެ ދުވަހަކު ނަގަންޖެހޭ ޑެސްފަރޯލް އިންޖެކްޝަން ޖެހުމަށްވެސް ބައެއް ކުދިންނަށް ބޭނުންވޭ ތެލަސެޓް ކަށި. މި ކައްޓަކީ ފުދޭ ވަރަކަށް އަގުވެސް ބޮޑު ކައްޓެއް. މި ތަކެތި ހޯދައި، ކަންކަން ކުރުމަށް އަޅުގަނޑުމެން މިވަނީ ފައިސާއަށް ވަރަށް ބޮޑަށް ބޭނުންވެފައި،" ތެލަސީމިއާ ސޮސައިޓީގެ މެންބަރު ވިދާޅުވި އެވެ.

ދިރާގު ރޯޑްރޭހުގައި ތެލަސީމިއާ ސޮސައިޓީއަށް ސަޕޯޓް ކުރުމަށް އެ ސޮސައިޓީން އެދިފައިވާއިރު ދުވުންތެރިން ތަމްރީން ކޮށްދޭ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ މޭޑް ރަނާސް އިން ވަނީ ރޯޑް ރޭހުގައި އެ ސޮސައިޓީއަށް ސަޕޯޓް ކުރަން ނިންމާފަ އެވެ. މޭޑް ރަނާސް އިން ވަނީ ތެލަސީމިއާ ސޮސައިޓީގެ ނަމުގައި ދުވަން ބައިވެރިވާ މީހުންނަށް ރޭހުގެ ކުރިން ދުވުމާބެހޭ ތަމްރީން ދިނުމަށް ވެސް ނިންމާފަ އެވެ.