އަހުމަދު ތޯރިގް

މާޒިޔާ އާއި އީގަލްސްގެ ތާއީދު ޓޮމްއަށް ދީފި

Oct 24, 2016

އަންނަ ނޮވެމްބަރު މަހު 20 ވަނަ ދުވަހު ބާއްވާ ރާއްޖޭ ފުޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި މިހާރުގެ ވެސް ރައީސް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރަން ނިންމައި އީގަލްސް އާއި މާޒިޔާއިން އެކަން އާންމުކޮށްފި އެވެ.

މާޒިޔާ އާއި އީގަލްސް އަކީ އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ކުރިމަތި ލުމަށް ފޯމް ހުށަހެޅުއްވިއިރު، އޭނާ އަށް އެންޑޯޒް ދީފައިވާ ދެ ކުލަބެވެ.

މާޒިޔާއިން މިއަދު އާންމްކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުން ނެގޭނެ ބޭފުޅަކީ ޓޮމް ކަމަށެވެ. އަދި ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެކަމަށް އެންމެ ގާބިލު ބޭފުޅަކީ ވެސް ޓޮމް ކަމަށެވެ.

ޓޮމް އަށް ތާއީދު ކުރާކަން ހާމަ ކުރުމުގެ ގޮތުން އީގަލްސް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޓޮމް އަކީ އެފްއޭއެމްގެ ރައީސް ކަމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވިއިރު، ފުޓްބޯޅަ އަށް ގިނަ ބަދަލުތަކެއް ގެނެސްދީފައިވާ ބޭފުޅެއް ކަމަށެވެ. އަދި ޓޮމްގެ ދައުރުގައި ގައުމީ ޓީމަށް ބަދަލުތަކެއް ގެންނަވާ ޓީމުގެ ރޫހް އާލާ ކުރުމަށް ބަދަލުތަކެއް ގެނެސްފައިވާކަން ވެެސް އީގަލްސް އިން ފާހަގަ ކޮށްފައިވެއެވެ.

އެ ދެ ކުލަބުންވެސް ބުނެފައިވަނީ ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް ގެނައުމަށް އެ ދެ ކުލަބުގެ މެނޭޖްމެންޓާއި ސަޕޯޓަރުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ދެން ކުރިމަތިލައްވާފައިވަނީ ޓޮމްގެ ޖެނެރަލްސެކެޓްރީ ބައްސާމް އަދީލް ޖަލީލެވެ.

މިދިއ މޭ މަހުގެ 31 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ޓޮމް ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ނަމަވެސް އަލުން އިންތިހާބަކަށް ދާން ޖެހުނީ، ޓޮމްގެ އެކްސްކޯގައި ހިމެނުނު ފަސް މެންބަރުން އިސްތިއުފާ ދިނުމުންނެވެ.