ކުޅިވަރު

ޓޮމްގެ ބަސް: ކުލަބުތަކާއި ރައީސް ޔާމީންގެ ތާއީދު އޮތީ އަޅުގަނޑަށް

Oct 24, 2016
2

އެފްއޭއެމްގެ ރައީސްކަން ގެއްލުނު ނަމަވެސް އަލުން އެ މަގާމަށް ވާދަކުރައްވަން ނިންމީ، ކްލަބުތަކާއި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާ އެކު ކަމަށް، އެ މަގާމަށް ކުރިމަތިލާފައިވާ ގައުމީ ޓީމްގެ ކުރީގެ މަޝްހޫރު ފޯވާޑް، އަހުމަދު ތޯރިގް، ޓޮމް މިރޭ ބުނެފި އެވެ.

އޭނާގެ ފޭސްބުކް ޕޭޖްގައި މިއަދު އާންމު ކުރި މެސެޖެއްގައި ވިދާޅުވީ، އެފްއޭއެމްގެ އިންތިހާބަށް ވާދަކުރަނީ ރައީސް ޔާމީން އާއި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ ވެސް އެކުގައި ކަމަށެވެ. އަދި އެފްއޭއެމްގެ އިންތިހާބު ވޯޓް ލެވޭ ގިނަ ކްލަބުތަކާއި ފުޓްބޯޅަ އާއިލާގެ ގިނަ ބަޔެއްގެ އެހީތެރިކަން ވެސް އޭނާ އެ މަގާމަށް ގެންނަން ލިބެމުން އަންނަ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވަނީ އެ ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއި އެކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިފަހަރު ދެން އޭނާއާ ވާދަ ކުރައްވަނީ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންތަކެއްގެ ތާއީދާ އެކު އެ މަގާމަށް ކުރިމަތިލާ އެފްއޭއެމްގެ މިހާރުގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ.

"މާތްﷲ ގެ ވާގިފުޅާއެކު އަޅުގަނޑު، އެފްއޭއެމްގެ އިންތިހާބު ކާމިޔާބު ކުރާނަން،" ޓޮމް ވަނީ ވިދާޅުވެފަ އެވެ.

ޓޮމްއަށް ތާއީދު ކުރަން ނިންމާފައިވާ ބޮޑެތި ކްލަބްތަކުގެ ތެރޭގައި މިފަހަރުގެ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަން ޓީމް މާޒިޔާ އާއި އިގަލްސް ވިކްޓްރީ ސްޕޯޓްސް ކްލަބްހިމެނެ އެވެ. ޓޮމް އަށް ތާއީދު ކުރާ ފަރާތްތަކުން ބުނަނީ އޭނާއަށް ތާއީދު ކުރާ ތިން ވަނަ ޑިވިޝަންގެ 21 ކްލަބު އެބަ އޮތް ކަމަށެވެ.

ޓޮމް އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ މަގާމު ގެއްލުނީ، އެކްސްކޯގެ އަގުލަބިއްޔަތު މެންބަރުން ބޯޑުން އިސްތިއުފާ ދެއްވުމުންނެވެ.