ޑިޒްނީ އަށް މިއިން ޒަމާނަކު ވެސް "ފްރޯޒެން" ވަރުގެ ފިލްމެއް އުފެއްދިފައެއް ނެތެވެ. މި ފިލްމަކީ ބޮކްސް އޮފީހުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އެނިމޭޓެޑް ފިލްމެވެ. ކުރިން އެއް ވަނާގައި އޮތް "ޓޯއީ ސްޓޯރީ 3" ގެ މައްޗަށް "ފްރޯޒެން" ކުރި ހޯދާފައި ވަނީ 1.2 ބިލިއަން ޑޮލަރު ބޮކްސް އޮފީހުގައި ނަގައިގެންނެވެ.
މި ކާމިޔާބީއާ އެކު މި ފިލްމު ވަނީ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓްގެ ފަސް ވަނަ އަށް މިހާރު އަރައިފަ އެވެ. މިއީ އެންމެ ވިޔަފާރި ކާމިޔާބު ފިލްމުތަކުގެ ލިސްޓްގެ ގަދަ 10 އެއްގައި ހިމެނޭ އެނިމޭޓް ހަމައެކަނި ފިލްމު ވެސްމެ އެވެ.
އަނެއްކޮޅުން "އަޔަން މޭން 3" އަދި "ޑެސްޕިކަބްލް މީ 2" ގެ އިތުރުން "މޭން އޮފް ސްޓީލް" ފަދަ ބޮޑެތި ފިލްމުތަކެއް ނުކުތް 2013 އަށް ބަލާއިރު އެ އަހަރުގެ އެންމެ ބޮޑު ވިޔަފާރިއެއް ކުރި ފިލްމަކީ ވެސް "ފްރޯޒެން" އެވެ.
މި ފިލްމުގެ ދެ ވަނަ ބައެއް އަންނަން ޖެހޭ ކަމަށް އެންމެން ވެސް ބުނަމުން ދަނީ މި ސަބަބާ ހެދި އެވެ. "ފްރޯޒެން" ގެ ފިނިކަމެއް އަދިވެސް ނުކެނޑެ އެވެ. ނަމަވެސް "ފްރޯޒެން" ގެ ދެ ވަނަ ބައެއް ޑިޒްނީ އިން އަދިވެސް އިއުލާނެއް ނުކުރެ އެވެ.
އެކަމަކު މިހާ ހިސާބުން އަދި "ފްރޯޒެން" ގެ ވާހަކަ ނިމުނީކީއެއް ނޫނެވެ. އިތުރު ދެ ތިން ފިލްމު ގެނެސްދެވޭ ވަރަށް އޭގެ ކެރެކްޓާސްތައް ބޮޑު ކަމަށް ޑިޒްނީ އިން ވެސް އެއްބަސްވެ އެވެ.
ފަހަރެއްގައި "ފްރޯޒެން ފޯއެވާ" ގެ ނަމުގައި ޑިޒްނީ އިން އެންމެ ފުރަތަމަ ކުރު ފިލްމެއް ގެނެސްދެނީ ބޮޑު ފިލްމަށް ތައްޔާރުވުމުގެ ގޮތުންނެވެ.
ހަތް މިނެޓްގެ މި ކުރު ފިލްމު ޑިޒްނީ އިން ޕްރިމިއާކުރާނީ އެމީހުންގެ "ސިންޑްރެއްލާ" އާއެކު މި މަހުގެ 13 ގަ އެވެ. "ފްރޯޒެން ފޯއެވާ" އަކީ އެންމެ ހަތް މިނެޓްގެ ފިލްމެވެ. މި ފިލްމު ބަލައިގެން އޭގެ ފޭނުންގެ ހިތެއް ނުފުރޭނެކަން ޔަގީނެވެ.
ބެލުންތެރިން ބޭނުންވާ "ފްރޯޒެން" ގެ ފިލްމު އުފެއްދުމުގެ މަސައްކަތް ޑިޒްނީ އިން ފަށާފައި ނެތަސް ބޮޑު ސިލްސިލާއެއްގެ ގޮތުގައި "ފްރޯޒެން" ގެ ވާހަކަ ދިގުކުރުމުގެ މަޝްވަރާތައް ދަނީ މިހާރު ވެސް ކުރިއަށެވެ. ޑީޒްނީގެ ސީއީއޯ ބޮބް އައިގާ ވެސް ބުނެފައި ވަނީ "ފްރޯޒެން" އަށް ލިބުނު ކާމިޔާބީ އަކީ މި ސިލްސިލާގެ އިތުރު އެނިމޭޓެޑް ފިލްމުތަކެއް އަންނާނެ ކަމުގެ އިޝާރާތެއް ކަމަށެވެ.