ރާއްޖެ ކުޅިވަރު

ރެއާލްގެ ސަޕޯޓަރުންގެ ނުރުހުން ރޮނާލްޑޯ އަށް

ޖެހިޖެހިގެން ހަތަރު މެޗުގައި ލަނޑު ނުޖެހިދިޔައިރު އޭނާ އަށް މެޗު ފުރިހަމަކުރަން ފުރުސަތުދޭތީވެ ރެއާލް މެޑްރިޑުގެ ސަޕޯޓަރުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

2009 ވަނަ އަހަރުގެ ސީޒަށް ފަހު ރެއާލްއާ ގުޅުނު ރޮނާލްޑޯ އަށް މިހާތަނަށް ޖެހިޖެހިގެން ހަތަރު މެޗުގައި ލަނޑެއް ނުޖެހި ހުންނަން ޖެހިފައިވުމަކީ މުޅިން އާކަމެކެވެ. ނަމަވެސް މިއީ އޭނާގެ އެންމެ ގޯސްކޮށް ފެށި ސީޒަނެވެ. އަނިޔާގެ ސަބަބުން ސީޒަނުގެ ފުރަތަމަ ދެ މެޗު ގެއްލުނުއިރު އޭނާގެ ފޯމު ކުރިއަށްވުރެ ދަށެވެ.

ރޮނާލްޑޯ ފޯމު ކަޓާފައިވާއިރު އޭނާއާ މެދު ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ އެހެން ކުޅުންތެރިންނަށް ލިބޭ ފުރުސަތުތަކަށް އިހްތިރާމް ނުކުރާތީވެސްމެ އެވެ.

ސްޕެނިޝް ލީގުގައި އެތްލެޓިކް ބިލްބާއޯ އަތުން 2-1އިން ރެއާލް މޮޅުވި މެޗުގެ ފަހު ލަނޑު ޖެހީ މެޗު ނިމެން ހަ މިނިޓަށްވެފައިވަނިކޮށް އަލްވާރޯ މޮރާޓާ އެވެ. އުފަންދުވަހު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އޭނާ ލަނޑު ޖެހިއިރު ރޮނާލްޑޯ ވަނީ އެސިސްޓެންޓް ރެފްރީ އަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެއީ އެބޯޅަ އޮފްސައިޑްކަމަށް ދިދަ ނުނަގައިގެންނެވެ. ސަޕޯޓަރުން ރުޅިއައި އެއް ސަބަބަކީ މިއީ އެވެ.

މެޗުގައި އިސްކޯ ބަދަލު ކުރުމުން ސަޕޯޓަރުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ލޫކަސް ވަޒްކުއޭޒް ކުޅެން ނުކުތުމުން އުފާ ކުރާ ކަމަށާއި ނަމަވެސް އިސްކޯ ފޭބުމުން ދެރަވާކަމަށް ސަޕޯޓަރުން ގޮވައިހެދި އެވެ. އަދި ބަދަލު ކުރަންޖެހޭނީ އެހެން ކުޅުންތެރިއެއް ކަމަށް ރޮނާލްޑޯ އަށް އިޝާރާތްކޮށް ސަޕޯޓަރުން ގޮވައިހެދި އެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހި ކަރީމް ބެންޒެމާ 74 ވަނަ މިނިޓްގައި ބޭލުމުން ވެސް ސަޕޯޓަރުން އެކަމާ ނުރުހުން ފާޅުކުރި އެވެ.

ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ރޮނާލްޑޯ އަށް އަމާޒުވެފައިވީ ނަމަވެސް 2021 ވަނަ އަހަރާ ހަމައަށް އެކުލަބުގައި ހުރުމަށް އޭނާ މިހާރު ވަނީ ކުލަބާއެކު އެއްބަސްވެފަ އެވެ.