ބައެއް މީހުންނަށް ކްރިސްޓިއާނޯ ރޮނާލްޑޯ މޮޅަށް ކުޅުނު ކަމަށްވަނީ އޭނާ ހެޓްރިކް ހަދައިފިނަމަ އެކަނި ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.
މިދިޔަ މަހު ރަފާ ބެނީޓޭޒް ވަކިކުރުމުން ޓީމާ ހަވާލުވި ޒިދާން މިހެން ބުނީ އެސްޕަނިޔޯލް އަތުން ރޭ 6-0އިން ރެއާލް މޮޅުވި މެޗަށް ފަހު އެވެ.
މި މެޗުގައ ރޮނާލްޑޯ ވަނީ ހެޓްރިކް ހަދައިފަ އެވެ. އޭނާގެ އިތުރުން ދެން ގޯލު ޖެހީ ކަރީމް ބެންޒެމާ އާއި ހާމޭސް ރޮޑްރިގޭޒެވެ. ރެއާލްގެ ފަހު ގޯލަކީ ދުރާޓޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗަށް ފަހު ޒިދާން ބުނީ އޭނާ ބޭނުންވި ގޮތަށް ރޮނާލްޑޯ ކުޅުނު ކަމަށާއި ރޮނާލްޑޯގެ ގޯލުތައް ރެއާލް އަށް ވަރަށް މުހިންމު ކަމަކަށެވެ.
"އަހަރުމެން ޖެހޭ އޭނާގެ ގޯލުތައް ބޭނުންކުރަން. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. ހުރިހާ ގޯލެއް އޭނާ ޖަހާކަށް ވެސް ނުޖަހޭ. އެކަމަކު ބައެއް މީހުންނަށް އޭނާ ކުޅުނު ކަމަށްވަނީ ހެޓްރިކް ހެދީމަ. އަހަރެންގެ ނަޒަރުގައި މި މެޗުގައި އޭނާ ތިން ލަނޑު ޖަހާފައި ވަރަށް ރަނގަޅަށް ޑިފެންސްވެސް ކުރި. އެހެން މީހުން އޭނާގެ ޑިފެންސްކުރުން ފާހަގަ ނުކުރޭ،" ޒިދާން ބުންޏެވެ.
މި މެޗުން މޮޅުވުމުން ރެއާލް އޮތީ ސްޕެނިޝް ލީގުގެ ތިން ވަނާގައި 47 ޕޮއިންޓާއެކުގަ އެވެ. މިއީ އެއްވަނާގައިވާ ބާސެލޯނާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމަށްވުރެ ހަތަރު ޕޮއިންޓް ދަށް އަދަދެކެވެ. ބާސެލޯނާ އަށް 51 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވަނީ އެތްލެޓިކ މެޑްރިޑެވެ. އެ ޓީމަށް ލިބިފައިވަނީ 48 ޕޮއިންޓެވެ.