މޮޅީ ކްރިސްޓިއާނޯ ރޮނާލްޑޯތަ؟ ނޫނީ ލަޔޮނަލް މެސީތަ؟. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ބަހުސެވެ. ކުޑަކުދިންނާއި އަންހެންވެރިންނާއި ހަރުމުސްކުޅިންގެ މެދުގައި ވެސް ނިމުމެއްނެތި ކުރިއަށްދާ އެންމެ ހޫނު ބަހުސެވެ. ސޯޝަލް މީޑިޔާ ފުރިފައި އޮތީ މި ދެ ކުޅުންތެރިންގެ ވާހަކަތަކާއި ޖޯކުޖެހުންތަކާއި ތައުރީފުތަކުންނެވެ. މިހެންވެ މި ރިޕޯޓްގައި މި ބަލާލަނީ މެސީ ނުވަތަ ރޮނާލްޑޯ އިހްތިޔާރުކުރުމުގައި ގިނަ މީހުންގެ އަމަލުކުރާ ގޮތަށެވެ.
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ގާތުގައި މީގެ ތިން އަހަރު ކުރިން ނޫސްވެރިއަކު މެސީ އާއި ރޮނާލްޑޯއާ ބެހޭ ގޮތުން ސުވާލުކުރި އެވެ. ބެލެޓާ ދެއްވި ޖަވާބުން މައްސަލަަ ވަރަށް ގޯސްވި އެވެ. އެ އަހަރުގެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ ހޮވުމުގެ ހަފުލާ އަށް ނުދާނެ ކަމުގެ އިޝާރާތެއް ވެސް ރޮނާލްޑޯދިނެވެ. އެއީ އޭގެ ކުރީ ހަތަރު އަހަރު ވެސް މެސީ އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވާތީވެ، އެއީ ބްލެޓާގެ ނުފޫޒުން ހިނގާ ކަމެއް ކަމަށް ކޮންމެވެސް ވަރަށް ގަބޫލުކޮށްގެންނެވެ.
"މެސީ އަކީ ކޮންމެ މަންމަ އަކާއި ބައްޕަ އަކު ވެސް އެމީހެއްގެ ގެއަށް ގެންދަން ބޭނުންވާ ފަދަ ކުއްޖެއް. އޭނާ ވަރަށް ހަލުވި. ރަނގަޅަށް ކުޅޭނެ. މާކަންތައް ބޮޑުނުކުރާނެ. މިހެންވެ އޭނާ އަށް ގިނަ ވޯޓު ލިބެނީ. ރޮނާލްޑޯ އަކީ މިއާ މުޅިން ތަފާތު މީހެއް. އޭނާ އަކީ ދަނޑުމަތީގައި އާދަޔާ ހިލާފު ކޮމާންޑަރެއް. އެކަހަލަ ކުޅުންތެރިން ތިބުމަކީ ފުޓްބޯޅަ އަށް ރަނގަޅެއް. އަހަރެން ނުބުނާނަން މޮޅީ މިވެނި ކުޅުންތެރިއެކޭ. ދެމީހުން ވެސް މޮޅު. އަހަރެން ބޮޑަށް ގަޔާވަނީ މެސީއާ،" ބްލެޓާ ވިދާޅުވި އެވެ.
އޭނާގެ މި ވާހަކަތަކާ ގުޅިގެން ކުރިމަތިވި ފާޑުކިއުންތަކާހުރެ މަސްރަހު އަމާންކުރުމަށް ބްލެޓާ ފަހުން ވާހަކަ ދެއްކި އެވެ. ވިދާޅުވީ ވޯލްޑް ކަޕް 2014ގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ އަށް ލިބުމުން އެކަމާ ހައިރާންވި ކަމަށެވެ.
1970އާ ހަމައަށް ތެރޭގައި އެންމެ މޮޅު މީހަކީ ބްރެޒިލްގެ ޕެލޭ އެވެ. އޭގެ ފަހުން އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ އެވެ. އެއަށްފަހު ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ ރަސްކަންކުރި ދުވަސްވަރެއް ވެސް ދިޔަ އެވެ. އެކަމަކު މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަހުސަކީ މާފޯރިގަދަ ބަހުސެކެވެ.
ގިނަ ބަޔަކު މިތަނުން މޮޅު ކުޅުންތެރިޔާ ކަނޑައަޅަނީ ކުޅޭ ކުޅުމާއި ޖަހާ ގޯލަށް ވެސް ބަލާފަ އެވެ. ޓީމު މޮޅުކޮށްދޭ މިންވަރާއި ކުލަބާއި ގައުމީ ޓީމުގައި ހޯދާ ކާމިޔާބީ އަށް ވެސް ބަލައިގެންނެވެ. ބުރުސޫރައަށް ވެސް ބަލަ އެވެ.
މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފަ އެވެ. ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ބާސެލޯނާގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހީ ވެސް އޭނާ އެވެ. ގައުމީ ޓީމުގައި މެސީ ހޯދާފައިވަނީ އޮލިމްޕިކްސް އާއި ޔޫތު ވޯލްޑް ކަޕެވެެ. ދުނިޔޭގެ އެންމެ ބޮޑު މުބާރާތް ވޯލްޑް ކަޕް ފައިނަލުގައި 2014 ވަނަ އަހަރު ކުޅެފައިވާއިރު އެ މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ކޮޕާ އެމެރިކާ ފައިނަލުގައި ތިން ފަހަރު ކުޅެ ނާކާމިޔާބުވީ އެވެ. މިހެންވެ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުން ވެސް ހުއްޓާލީ އެވެ.
މިއާ ހިލާފަށް ރޮނާލްޑޯ ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދައިފަ އެވެ. ޗެމްޕިއަންސް ލީގު ހޯދީ ވެސް ތިން ފަހަރު އެވެ. ރެއާލްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް އޭނާ އެވެ. ގައުމީ ޓީމުގައި ޔޫރޯ ފައިނަލުގައި ދެ ފަހަރު ކުޅެ މި އަހަރުގެ މުބާރާތުގެ ތަށި ހޯދި އެވެ.
މިހިސާބުން 28 އަހަރުގެ މެސީ އާއި 31 އަހަރުގެ ރޮނާލްޑޯގެ ބަހުސްގައި ރޮނާލްޑޯ ކުރި ހޯދައިފި ކަމަށް ގިނަ ދިވެހިން ވެސް ބަލަން ފަށައިފި އެވެ. އެކަމަކު ސުވާލަކީ މި ދެ ކުޅުންތެރިންނަށް މީހުން ސަޕޯޓް މިކުރަނީ ކިހިނެތް، ކޮން ގޮތަކަށް ބަލާފައި ހެއްޔެވެ؟
ރެއާލް މެޑްރިޑާއި ބާސެލޯނާ އަކީ ދުނިޔޭގައި އެންމެ ބޮޑަށް ޖެހިފައި އޮތް ދެ ކުލަބެވެ. އެއްކުލަބެއްގައި ހުރެފައި އަނެއް ކުލަބަކަށް ކުޅުންތެރިއަކު ހިނގައްޖެނަމަ ގިނަ ފަހަރުތަކުގައި ކޮންމެވެސް އެއްބަޔަކަށް އެއީ ދާއިމީ ހަތުރަކެވެ. މިހެންވެ ރެއާލް މެޑްރިޑް ދެކެ ރުޅި އަންނަ ނުވަތަ އެކުލަބަށް ސަޕޯޓް ނުކުރާ ގިނަ މީހުންގެ އެއްވަނަ ހޮވުމަކީ މެސީ އެވެ. ހަމަމިފަދައިން ބާސެލޯނާ ދެކެ ހިތްހަމަނުޖެހޭ ގިނަ މީހުންނަކީ ރޮނާލްޑޯގެ ސަޕޯޓަރުންނެވެ.
އާޖެންޓީނާގެ ހުރިހާ ސަޕޯޓަރުން ކަހަލަ ގޮތަކަށް ތާއީދު ކުރާނީ މެސީ އަށެވެ. ޕޯޗުގަލްގެ ސަޕޯޓަރުންނަށް ރޮނާލްޑޯ ވަރެއްނެތެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ހާޑްކޯ ސަޕޯޓަރުންގެ އެއްވަނަ ހޮވުމަކީ ވެސް ރޮނާލްޑޯ އެވެ. އެއީ އޭނާ އެކުލަބަށް ގިނަ ކާމިޔާބުތަކެއް ހޯދާދީފައިވާތީ އެވެ. އާޖެންޓީނާގެ އެންމެ ބޮޑު ވާދަވެރިއަކީ ބްރެޒިލް ކަމަށްވުމުން އެ ގައުމުގެ ގިނަ ބަޔަކު ރޮނާލްޑޯ އަށް ތާއީދު ކުރުން އެކަށީގެންވެ އެވެ. އެކަމަކު ބްރެޒިލްގައި ވެސް ރެއާލް މެޑްރިޑާއި ބާސެލޯނާގެ ވާދަވެރިކަމާހުރެ އެމީހެއްގެ ޓީމުގެ ކުޅުންތެރިޔާ އަށް އިސްކަންދެވެ އެވެ.
ބްރެޒިލް ކަޓައިފިނަމަ ނޭމާ އާޖެންޓީނާ މޮޅުވާން އެދެނީ މެސީ އަށްޓަކަ އެވެ. ޕެލޭ އާއި ރިވާލްޑޯ އަދި ރޮމާރިއޯ ފަދަ ކުޅުންތެރިން މެސީ އަށް ތާއީދު ކުރަނީ ބާސެލޯނާ ކުޅެ އެކުލަބަށް ތާއީދު ކުރާތީ އެވެ. ރޮބާޓޯ ކާލޮސް އާއި ކަކާ އަދި މާސެލޯ އަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވޯޓުދެވެނީ އެމީހުން ރެއާލް އަށް ކުޅެފައިވާތީ އެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ރޮނާލްޑޯ އަށް ވޯޓުދެނީ ރެެއާލް މެޑްރިޑުގައި ރޮނާލްޑޯ އަށް ކޯޗުކޮށްދީފައިވުމާއި އޭނާއެކޭ އެއްފަދައިން ޕޯޗުގަލްގެ ރައްޔިތަކަށްވާތީ އެވެ. އެކަމަކު މޮރީނިއޯ އަބަދުވެސް މެސީ އަށް ތައުރީފު ކުރެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ދުނިޔެ ދެކެފައިވާ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ މެސީ އާއި މަރަޑޯނާ އަދި ޕެލޭ އެވެ.
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކްރިސްޓިއާނޯ ރޮނާލްޑޯއާ ސަލާމް ވެސް ނުކޮށްދޫކޮށްލި އެވެ. ގާޑިއޯލާ އަކީ މެސީގެ ކުރީގެ ކޯޗު އަދި ބާސެލޯނާގެ ކުރީގެ ކެޕްޓަނެވެ.
ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންނާއި ކޯޗުންގެ ވިސްމުމަކީ ވެސް މިއީ އެވެ. ޔުނައިޓެޑަށް ރޮނާލްޑޯއާއެކު ކުޅުނު ގިނަ ކުޅުންތެރިން ތާއީދު ކުރަނީ އޭނާ އަށެވެ. އެކަމަކު ޔުނައިޓެޑާ އަބަދުވެސް އެންމެ ވާދަވެރި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑަށް މި ސުވާލު އަމާޒުކޮށްފިނަމަ އޭނާ ވޯޓު ދީފައިވަނީ މެސީ އަށެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތް ރޮނާލްޑޯ ކާމިޔާބުކުރުމުން ދުނިޔޭގެ ތަރިން މިހާރު ވަނީ މި ދެ ކުޅުންތެރިންގެ ދިފާއުގައި އަލުން ވާހަކަ ދައްކަން ފަށައިފަ އެވެ. ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާންގެ ނަޒަރުގައި މޮޅީ ރޮނާލްޑޯ އެވެ. ހަމަމިފަދައިން ރެއާލްގެ ކުޅުންތެރިންނާއި އޭނާއާއެކު މެޑްރިޑަށް ކުޅުނު ގިނަ ކުޅުންތެރިން ވެސް ތިބީ ރޮނާލްޑޯ ކުރިއަށް ނެރެގެންނެވެ.
މިއާ ހިލާފަށް ބާސެލޯނާގައި މެސީއާއެކު ކުޅުނު ކުޅުންތެރިން ވަނީ ރޮނާލްޑޯ ޔޫރޯ ކާމިޔާބު ކުރި ނަމަވެސް މެސީއަށްވުރެ ކުރި ހޯދޭނެ ކުޅުންތެރިއަކު މިއުޑުދަށުގައި ނެތް ކަމަށް ބުނަން ފަށައިފަ އެވެ. މިވާހަކަ ފުރަތަމަ ދެއްކީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ އެވެ. އޭގެ ކުރިން ބްރެޒިލްގެ ރޮނާލްޑީނިއޯ ވެސް ވަނީ އެންމެ މޮޅީ މެސީ ކަމަށް ބުނެފަ އެވެ.
ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުގައި ރޮނާލްޑޯ މޮޅު ކުޅުންތެރިއަކަށް ހަދައިދިން އެކުލަބުގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ވަނީ މިޖީލުގެ ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯއާ އަޅާކިޔާލެވޭނެ މީހަކު ނެތް ކަމަށް ބުނެފަ އެވެ. ފާގަސަން ވަނީ ޔޫރޯ ތަށި އުފުލާލުމަށްފަހު ރޮނާލްޑޯ ސްޓޭޖުން ފައިބަންދެން އެތައް އިރަކު އޭނާގެ އިންތިޒާރުގައި ހުރެފަ އެވެ. އެއަށްފަހު ދެ މީހުން ކޮނޑާކޮނޑުޖައްސައި ސަލާމްކުރި އެވެ.
ރޮނާލްޑޯ އާއި މެސީގެ ވާދަވެރިކަމުގައި މޮޅު މީހަކު ކަނޑައަޅަން މިފަދަ ގޮތަކަށް ކަންތައްތައް އޮތްއިރު މީގެ ތެރެއިން ވަކި މީހަކު ނަގަން އުނދަގޫވެފައިވާ ކުޅުންތެރިން ވެސް އެބަތިއްބެވެ. މީގެ ތެރެއިން އެއް ކުޅުންތެރިއަކީ ބްރެޒިލްގެ ރޮނާލްޑޯ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދައި ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ އަކީ ބާސެލޯނާ އަދި ރެއާލް މެޑްރިޑުގެ ވެސް ލެޖެންޑެކެވެ. ދެ ބައިމީހުން ވެސް އޭނާ ބަލައިގަނެ އެވެ.
މިހެންވެ މިހާތަނަށް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ބެހޭ ގޮތުން ސުވާލުކުރި ގިނަ ފަހަރުތަކުގައި އޭނާ ދީފައިވަނީ ވަކި ފަރާތަކަށް ނުޖެހޭ ޖަވާބެކެވެ. ނަމަވެސް މަދު ފަހަރުތަކުގައި މެސީ ކޮޅަށް ބުރަވާ ރާގުގައި ވާހަކަ ދައްކާފައިވެ އެވެ. ފަހަރުގައި އޭނާގެ ނަމުން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މުހާތަބު ކުރާތީ ތޯއްޗެވެ؟
ރާއްޖެއިން މިފަދަ ކުޅުންތެރިއަކަށް އަޅުގަނޑަށް ފެނުނީ ވެލެންސިއާ އާއި ނިއުރޭޑިއަންޓް އަދި ކުރީގެ ގައުމީ ކެޕްޓަން މޫސާ މަނިކު (ކުޑަމޫސަ) އެވެ. ކޯޗެއްގެ ގޮތުގައި ހުރަ އަށް ގިނަ ކާމިޔާބުތަކެއް ހޯދައިން ހުސްވި ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް މި ސުވާލު ތަކުރާރުކޮށް އަމާޒުކުރުމުން ބުނީ ވަކި މީހަކު ނުނަގާނެ ކަމަށާއި ތަފާތު ސްޓައިލެއްގެ ދެ ކުޅުންތެރިންނަށް ވެފައި ދެމީހުން ވެސް މޮޅު ކަމަށެވެ.