ކުޅިވަރު

ކަސާނޯގެ މޮޅު ލިސްޓްގައި ރޮނާލްޑޯ ނުހިމެނޭ

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފަސް ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގައި ކްރިސްޓިއާނޯ ނުހިމެނޭ ކަމަށް އެންޓޯނިއޯ ކަސާނޯ ބުނެފި އެވެ.

މީގެ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު އިޓަލީގެ ފޯވާޑް ކަސާނޯ ބުނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ރޮނާލްޑޯ ނުހިމެނޭ ކަމަށެވެ. ޓީވީ އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން ކަސާނޯ ބުނީ "ލައިނަލް މެސީ، ޕެލޭ، ޑިއެގޯ މަރަޑޯނާ، ޔޯހަން ކްރައިފް އަދި ރޮނާލްޑޯ ނަޒާރިއޯ އެއީ މުޅިން އެހެން ލެވެލެއް" ކަމަށެވެ.

އަދި ރޮނާލްޑޯ އަކީ ނަޕޯލިއަން ބޮނަޕާޓޭއަށް ފަހު ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނެ ކަސާނޯ ވަނީ ޖޯކު ޖަހާފަ އެވެ.

ކަސާނޯ އަކީ އޭނާ ފުޓްބޯޅަ ކުޅުނު ދުވަސްވަރު ތަފާތު މޮޅު ކުޅުމެއް ދެއްކި ފޯވާޑެކެވެ. މީގެ އިތުރުން އެޓޭކިން މިްޑްފީލްޑަރަކާއި، ވިންގަރެއްގެ އިތުރުން ސްޓްރައިކަރަކަށް ވެސް ކަސާނޯ ކުޅުނެވެ. ރޯމާގެ އިތުރުން ލަލީގާގެ ރެއާލް މެޑްރިޑަށް ކުޅުނު ކަސާނޯ ވަނީ ރެއާލް އާއެކު ލީގު ކާމިޔާބު ކޮށްފަ އެވެ. އެކަމަކު އޭނާ ޓީމުން ބޭރުކޮށްލީ ޕާފޯމޭންސް އާއި މަސައްކަތު ރޭޓު ދަށްވުމުގެ އިތުރުން އަހްލާގީ މައްސަލަ ތަކެއް ދިިމާ ވެގެންނެވެ.

ކަސާނޯގެ އިންޓަވިއުގައި އޭނާ ވަނީ ޑޯޓްމަންޑްގެ އާލިން ހާލަންޑް އާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. ހާލަންޑަކީ މޮޅު ކުޅުންތެރިއެއް ކަން ފާހަގަ ކުރަމުން ކަސާނޯ ބުނީ ރެއާލް މެޑްރިޑްގައި އޭނާއަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. މިއަންނަ ޓްރާންސްފާ މާކެޓުގައި ހާލަންޑް ރެއާލް އާއި ގުޅޭނެ ކަމަށް ބެލެވެ އެވެ.