ކުޅިވަރު

ރޮނާލްޑޯއަށް ރެސްޓް ދެވުމުން ސާރީ ހިތްހަމަޖެހޭ

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ރެސްޓް ދެވުމުން ހިތްހަމަޖެހޭ ކަމަށް ޔުވެންޓަސްގެ ކޯޗް މައުރީޒިއޯ ސާރީ ބުނެފި އެވެ.

އިންޓަނޭޝަނަލް ބުރޭކުގެ ކުރިން ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯ ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑުން ބާލާފަ އެވެ. އޭސީ މިލާން އާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލު ކުރުމުން އޭނާ ވަނީ މެޗު ނުނިމެނީސް ސްޓޭޑިއަމުން ނުކުމެގެން ގޮސްފަ އެވެ.

ރޭ އެޓަލާންޓާ އާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯއަށް މެޗުގެ ސްކޮޑުން ފުރުސަތު ވެސް ނުދެ އެވެ. ނަމަވެސް އިންޓަނޭޝަނަލް ބުރޭކުގައި ޕޯޗުގަލްގެ ގައުމީ ޓީމުގައި ހަތަރު ގޯލް ޖެހި އެވެ. އޭރުވެސް ރޮނާލްޑޯ ބުނީ އޭނާ ކުޅެމުން ދަނީ މުޅިން ފިޓްކޮށް ނޫން ކަމަށެވެ.

ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ސާރީ ބުނީ ރޮނާލްޑޯގެ ކަކުލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާއަށް ބަރާބަރަށް ޕްރެކްޓިސް ކުރުމުގައި އުނދަގޫ ކުރިމަތި ވެފައިވާ ކަމަށެވެ.

"އެ ތަދު އަބަދުހެން ހުންނަންޏާ ކުޅުން މެދުކަނޑާލަން ޖެހޭނެ،" ސާރީ ބުންޏެވެ. "އަހަރެން އުފާވޭ އޭނާއަށް ރެސްޓް ދެވުނީމާ، އަހަރެން ދެކޭ ގޮތުގައި އެންމެ ފުރަތަމަ ކަމަކަށް އަރާމު ކުރުން ވެސް މުހިންމު، ދެ ވަނަ ކަމަކަށް އޭނާގެ ޓްރެއިނިން މެތަޑްްތައް އަހަރެމެން އެނަލައިޒް ކުރާނަން."

އެޓަލާންޓާ އަތުން ލިބުނު މޮޅު ސާރި ފާހަގަ ކުރީ އުނދަގުލުން ލިބުނު ނަސީބު މޯލެއްގެ ގޮތުގައެވެ. އެޓަލާންޓާއިން ލިޑް ނަގާފައި ވަނިކޮށް ޔުވެންޓަސް މޮޅު ކޮށްދިން ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ގޮންޒާލޯ ހިގުއައިންއެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ޕައުލޯ ޑިބާލާ އެވެ.

އިންޓަ މިލާން ވެސް ވަނީ ޓޮރިނޯގެ މައްޗަށް ކާމިޔާބު ހޯދައި ރެކޯޑާ ދިމާލަށް މިސްރާބު ޖަހާފަ އެވެ. އެއީ އިންޓަގެ ހަޔާތުގައި އެންމެ ރަނގަޅަށް ފެށި ސީޒަންގެ ރެކޯޑާ ދިމާލަށެވެ.