ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޕެނަލްޓީ ނާކާމިޔާބު ވުމާއި އޭސީ މިލާންގެ އެންޓޭ ރެބިޗަށް ރަތް ކާދު ދެއްކައި ދަނޑުން ފޮނުވާލުމުގެ މަންޒަރުތައް ފެނުނު ޔުވެންޓަސް އާއި އޭސީ މިލާންގެ ސެމީ ފައިނަލު ދެވަނަ ލެގް މެޗު ލަނޑެއް ނުޖެހި އެއްވަރު ވުމުން އަވޭގޯލްގެ ފައިދާއިން ޔުވެންޓަސް ފައިނަލަށް ދަތުރު ކޮށްފި އެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން މެދުކަނޑާލި އިޓަލީގެ ފުޓްބޯޅަ ރޭ އަލުން ފެށީ، ކޮޕާ އިޓާލިއާގެ ސެމީ ފައިނަލުގެ ދެވަނަ ލެގް މެޗުންނެވެ. މިލާންގެ ސެންސީރޯ ސްޓޭޑިއަމްގައި ފެބްރުއަރީ މަހު މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 އެއްވަރު ވެގެންނެވެ.
ރޭ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ރެބިޗް މިލާނަށް އެ މެޗުގައި ލަނޑު ޖަހައި ދީފައި ވަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޔުވެންޓަސްގ ލަނޑު ކާމިޔާބު ކުރީ ރޭ ގެ މެޗުގައި ޕެނަލްޓީ މިސްކޮށްލި ރޮނާލްޑޯ އެވެ.
މެޗުގެ 16 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ރޮނާލްޑޯ ތިރިން ފޮނުވާލުމުން ގޯލްގެ ދަނޑީގައި ޖެހިފައި ރީބައުންސް ވެގެން ނުކުތީ އެވެ. މިލާންގެ ކީޕަރު ޖީއާންލުއީޖީ ޑޮނަރުއްމާ ޑައިވް ކުރީ ވެސް ރޮނާލްޑޯ ޕެނަލްޓީ ފޮނުވާލި ފަޅި އަށެވެ. އޭގެ އެއް މިނެޓް ފަހުން ރެބިޗަށް ސީދާ ރަތް ކާޑު ދެއްކީ ޔުވެންޓަސްގެ ޑިފެންޑަރު ޑަނީލޯގެ މެއަށް ކަރާޓީ ކިކެއް ޖެހުމުންނެވެ.
މެޗުގައި ޔުވެންޓަސް ކުޅުނީ ޕޮޒެޝަން ފުޓްބޯޅައެކެވެ. އެ ޓީމުގެ ކޯޗް މައުރީޒިއޯ ސާރީ ބުނީ މެޗު ފަށައިގެން އެ ޓީމުން ކުޅުނީ ހަލުވި ޕާސިން ގޭމެއް ކަމަށެވެ. ނަވެސް މިލާނަށް ރަތް ކާޑު ދެއްކުމުން ގޭމްގެސްޕީޑް ލަސްވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.
"އަހަރެން މިހުރީ ވަރަށް ހައިރާން ވެސް ވެފަ އަދި ވަރަށް ބޮޑަށް ހިތްހަމަވެސް ޖެހިފަ، ފުރަތަމަ 30 މިނެޓްތެރޭ އަހަރެމެން ބޯޅަ މޫވް ކުރަމުން ދިޔައީ ވަރަށް އަވަހަށް މުޅި ގޭމް ޑޮމިނޭޓް ކުރީ އަހަރެމެން،" ސާރީ ބުންޏެވެ. "ރަތް ކާޑު ދެއްކި ފަހުން ޓެމްޕޯ ލަސް ވެގެން ދިޔައީ، އެއީ ހުސްކޮށް އޮތް ސްޓޭޑިއަމެއްގައި ވެދާނެ ކަމެއް، އެކަމަކު ވެސް އަހަރެމެން ކުޅެމުން ދިޔައީ ވަރަށް ރަނގަޅަށް."
ސެމީ ފައިނަލުގެ ދެ ވަނަ މެޗުގެ ދެ ވަނަ ލެގްގައި މިރޭ ނަޕޯލީގެ ދަނޑުގައި އެ ޓީމުން ނުކުންނާނީ އިންޓަ މިލާން އާ ދެކޮޅަށެވެ.