ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑުން ފައިބަން ޖެހި އެކަމާ އޭނާ ހިތްހަމަ ނުޖެހުން ފާޅު ކުރުން އެއީ މައްސަލައެއް ނޫން ކަމަށް ޔުވެންޓަސްގެ ކޯޗް މައުރީޒިއޯ ސާރީ ބުނެފި އެވެ.
ސާރީ އެގޮތަށް ވާހަކަ ދެއްކީ ރޮނާލްޑޯ އާ އާއި އޭނާ (ސާރީ) އާމެދު އޮންނަ ގުޅުން ރަނގަޅުތޯ މީޑިއާއިން ސުވާލު ކުރުމުންނެވެ. އެންމެ ފަހުން އެޓްލާންޓާ އާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން ވެސް ރޮނާލްޑޯއަށް ފުރުސަތެއް ނުދެ އެވެ. އަދި އޭގެ ކުރިން ޔުވެންޓަސް ކުޅުނު ދެ މެޗުގައި ވެސް ރޮނާލްޑޯ ވަނީ ބަދަލު ކޮށްފަ އެވެ. އޭސީ މިލާން އާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުރުމުން މެޗު ނުނިމެނީސް ރޮނާލްޑޯ ވަނި ސްޓޭޑިއަމުން ނުކުމެގެން ގޮސްފަ އެވެ.
ސާރީ އޭރު ބުނީ، ރޮނާލްޑޯ މުޅިން ފިޓް ނޫން ކަމަށެވެ. އެއީ އޭނާގެ ކަކުލަށް ލިބިފަައިވާ އަނިޔާއެއްގެ ސަބަބުންނެވެ. އެޓަލާންޓާ މެޗުގެ ސްކޮޑުގައި ވެސް ރޮނާލްޑޯ ނުހިމެނީ ވެސް އޭނާއަށް ރެސްޓް ދިނުމުގެ ގޮތުންނެވެ.
ޗެމްޕިއަންސް ލީގްގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ބޭއްވި ފަރިތަކުރުންތަކުގައި ރޮނާލްޑޯ ވަރަށް ރަނގަޅަށް ޕްރެކްޓިސް ކުރި ކަމަށް ސާރީ ބުންޏެވެ. އަދި މިރޭ ގެ މެޗު އޭނާއަށް ކުޅެވޭނެތޯ ބަލަން އިތުރަށް ޓެސްޓްތައް ހަދާނެ ކަމަށް ވެސް ސާރީ ބުންޏެވެ.
ރޮނާލްޑޯއާ އޮންނަ ގުޅުމަށް އިޝާރާތްކޮށް ސުވާލު ކުރުމުން އޭނާ ބުނީ ރޮނާލްޑޯ އާ މެދު އޮންނަ ގުޅުން ރަނގަޅު ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިޔަކު ބަދަލު ކުރުމުން އެކަމުގެ ހިތްހަމަ ނުޖެހުން ފާޅު ކުރުން ތަޖުރިބާކުރާތާ މިހާރު 25 އަހަރު ވެއްޖެ ކަމަށެވެ. އެހެންވެ އެއީ އޭނާ އަށް މާބޮޑު މައްސަލައެއް ނޫން ކަމަށެވެ.
"ވަރަށް ބައިވަރު ކާމިޔާބުތަކެއް ހޯދާފައިވާ ކުޅުންތެރިޔަކު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފައިބަން ޖެހުމުން އެކަމާ ރުޅިން އަންނަންޏާ އޭގެ މާނައަކީ އޭނާގެ މޯޓިވޭޝަން ވަރަށް ބޮޑޭ، އެއީ ވަރަށް ޕޮޒެޓިވް ފާހަގައެއް،" ސާރީ ބުންޏެވެ. "ކުޅުންތެރިން ބަދަލު ކޮށްގެން އެކަމާ ކުޅުންތެރިން ރުޅި އައުން އަހަރެން ތަޖުރިބާ ކުރާތާ މިއީ 25 ވަނަ އަހަރު، އެހެންވީމަ އެއީ އަހަންނަކަށް މައްސަލައެއް ނޫން."