ޔުވެންޓާސް

ރޮނާލްޑޯއާ ޑިބާލާގެ ގުޅުމުގެ ފައިދާ ފެނިއްޖެ: ސާރީ

ޔުވެންޓަސްގެ ދެ ފޯވަޑުން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕައުލޯ ޑިބާލާގެ ކޮމްބިނޭޝަންގެ ފައިދާ ދެ ކުޅުންތެރިންނަށް ވެސް މިހާރު ކުރަމުން އަންނަ ކަމަށް، ޔުވެންޓަސްގެ ކޯޗް މައުރީޒިއޯ ސާރީ ބުނެފި އެވެ.

ސޭރީ އޭ ގައި ރޭ ޖެނޯއާ ދެކޮޅަށް 3-1 ން މޮޅުވި މެޗުގައި ޑިބާލާ އާއި ރޮނާލްޑޯ ވެސް ވަނީ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުން މޮޅުވުމުން ޔުވެންޓަސް ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޑިބާލާ އެވެ. ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ހުއާން ކްއެޑްރާޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ޑިބާލާއަށް ބޯޅަ ލިބުނު އިރު އޭނާ ހުރީ އޭރިއާ ތެރެގަ އެވެ. އޭނާ ބޯޅަ ފޮނުވާލީ ގޯލްގެ ދުރު ކަނަށެވެ.

އަންނަ ސީޒަންގައި ބާސާ އާގުޅެން އެ ކުލަބާއެކު ހަތަރު އަހަރުގެ އެއްބަސް ވުމެއްގައި ހޯމަ ދުވަހު ސޮއި ކުރި މިރެލެމް ޕިއާނިޗްއަށް މެޗުގެ ފުރަތަމަ 11 އިން ސާރީ ވަނީ ފުރުސަތު ދީފަ އެވެ. މެޗުގެ 56 ވަނަ މިނެޓްގައި އޭރިއާގެ ބޭރުުން ގޯލްގެ ތެރެއަށް ފޮނުވާލި ބޯޅަ ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސް ކޮށްދިނީ ޕިއާނިޗް އެވެ. މެޗުގެ 73 ވަނަ މިނެޓްގައި ޑަގުލަސް ކޯސްޓާ ޖެހި ލަނޑަކީ ވެސް އޭރިއާ ބޭރުން ފޮނުވާލި ބޯޅައެކެވެ. ޑިބާލާ ދިން ބޯޅަ އޭރިއާ ބޭރުގައި ހުރެފައި ކޯސްޓާ ގޯލްތެރެއަށް ބޯޅަ އޮއްސާލީ އެވެ.

ފުރަތަމަ ހާފުގައި ރޮނާލްޑޯއަށް ވަނީ ތަނަވަސް ދެ ފުރުސަތު ލިބިގެން ގޮސްފަ އެވެ. އޭނާ ފުރަތަމަ ފޮނުވަލި ބޯޅަ ޖެނޯއާގެ ކީޕަރު ޕެރިން ދިފާ ކުރީ އެވެ. އޭގެ ފަހުން ޑިބާލާ ދިން ބޯޅަ އޭނާ ފޮނުވާލުމުން ހަނި އޭންގަލުން ޕެރިން ބޯޅަ ދިފާއު ކުރީ އެވެ.

ހުކުރު ދުވަހު ލީޗެ އާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ޑިބާލާ ވަނީ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ސާރީ ބުނީ ޑިބާލާ އާއި ރޮނާލްޑޯގެ ކޮމްބިނޭޝަން މުހިންމުކަން އެ ދެ ކުޅުންތެރިންނަށް ވެސް އިހްސާސް ކުރެވިފައިވާ ކަމަށެވެ.

"ބޯޅަ މޫވް ކުރުމުގައި ކޮންމެވެސް ކަމެއް ބަދަލު ވެއްޖެ. ކުރިއަށް ވުރެ މާ ބޮޑަށް އެ ކުޅުންތެރިންނަށް އެ ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ގުޅިގެން މަސައްކަތް ކުރަން، މިހާރު ދަސްވެއްޖެ" ސާރީ ވާހަކަ ދެއްކި އެވެ. "އެ ދެ މީހުންނަށް އެނގިއްޖެ އެ ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ކޮމްބިނޭޝަން ރަނގަޅުވުމުން ދެ ކުޅުންތެރިންނަށް ވެސް ލިބޭ ފައިދާ، މިހާރު ދެ ކުޅުންތެރިންނަށް ވެސް އެކަމުން ފައިދާ ކުރޭ، ޕްރެކްޓިހުގައި ވެސް އަހަންނަށް އޮތީ އެކަން ފާހަގަ ވެފަ."