ބޭރު ކުޅިވަރު

ޗޭންޖިން ރޫމުގައި ތަޅުލައިގެންހުރެ ގާޑިއޯލާ އެއްގަޑިއިރު ވާހަކަދައްކައިފި

ސައުތެމްޓަން އަތުން މެންޗެސްޓާ ސިޓީ 1-1އިން އެއްވަރުވި މެޗަށް ފަހު ޗޭންޖިން ރޫމުގައި ތަޅުލައިގެން ހުރެ އެއްގަޑިއިރު ވަންދެން ކޯޗު ޕެޕް ގާޑިއޯލާ ކުޅުންތެރިންނާ ވާހަކަ ދައްކައިފި އެވެ.

މިފަދައިން ގާޑީއޯލާ އަމަލުމިކުރީ ޖެހިޖެހިގެން ފަސް ވަނަ މެޗުން މޮޅުނުވެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ ފުޓްބޯޅައިގައި ފަސް މެޗުން ޖެހިޖެހިގެން ބަލިވެދާނެ ކަމަށެވެ. ފާއިތުވެދިޔަ ހަތް އަހަރު ތެރޭގައި ސިޓީ ނޫނީ އޭނާގެ ޓީމެއް ޖެހިޖެހިގެން ފަސް މެޗުން މޮޅުނުވެވިފައިނެތެވެ.

"އަހަންނަކީ ކުރީގެ ކުޅުންތެރިއެއް. އަހަންނަށް އެނގޭ މިހެން މިހެން (ފަސް މެޗުން ބަލި) ވެދާނެކަން. ޖެހިޖެހިގެން 10 މެޗުން މޮޅުވުމުގެ ގާބިލްކަން ހުރެފައި ފަސް މެޗުން ބަލިވެދާނެ. އެކަން ގަބޫލުކުރަންވާނެ. އެކަމަކު އެއީ އާއްމުކަމެއްނޫން. ކުޅުންތެރިންނާ އަހަރެން ވާހަކަ ދެއްކީ ކޮބާތޯ އަހަރުމެންނަށް ހެދިފައި ހުރި ގޯސްތަކަކީ. ކުރިއަށް އޮތްތަނަށް ކަންތައްތައް ރަނގަޅު ކުރަން އަހަރުމެން ވާހަކަ ދެއްކީ،" ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ބުންޏެވެ.

ގާޑިއޯލާ ބުނީ އޭނާ އަކީ އެހާ ފަސޭހައިން ހިތްވަރުދޫކޮށްލާ ކޯޗެއްނޫން ކަމަށާއި އޭނާ ހިތްވަރު ދޫކޮށްނުލާނެ ސަބަބުތަކެއް ވެސް އެބަހުރި ކަަމަށެވެ.

"އަހަރެން ކުޅުވަން އުޅޭ ގޮތެއްނޫން މައްސަލައަކީ. އަހަރުމެން 90 މިނިޓްގައި ކުޅުނީ ގޯސްކޮށެއްނޫން. އަހަރުމެން ރަނގަޅު ކަންތައްތަކެއް ވެސް ކުރިން. ހެދޭ ކުދިކުދި މިސްޓޭކްތަކުން އަހަރުމެން ބަލިވެފައިމިވަނީ. މިހެންވެ އަހަރުމެން އަދި މަސައްކަތް ކުރަނ ޖެހއނީ މިކަންތައްތައް ރަނގަޅު ކުރަން،" ގާޑިއޯލާ ބުންޏެވެ.

ނަމަވެސް އޭނާ ވަނީ ބަޔާން މިއުނިކާއި ބާސެލޯނާގައި އޭނާ ކުޅުވި ސްޓައިލް ސިޓީގައި އަންނަ އަހަރު ކާމިޔާބު ނުވެއްޖެނަމަ ވަޒީފާ ދޫކޮށްލާނެ ކަމަށް ބުނެފަ އެވެ.

ސިޓީ މިވަގުތު އޮތީ އާސެނަލް އާއި ލިވަޕޫލާ އެއްވަރުވެ ގޯލުގެ ތަފާތުން ޕްރެމިއާ ލީގުގެ ކުރީގަ އެވެ.