ޒުވާން މޮޅު ކޯޗުން ރާއްޖޭގައި އުފެދެނީ ވަރަށް މަދުންނެވެ. ގިނަ ފުޓްބޯޅަ ކުޅުންތެރިން ރިޓަޔާކޮށްފައި އިހްތިޔާރު ކުރަނީ ފުޓްބޯޅައާ ގުޅުން ނެތް މަސައްކަތެކެވެ. ތަފާތު ސަބަބުތަކާހެދި އެވެ. ނަމަވެސް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކުން ފެނުނު ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދަކީ ތަފާތު މީހެކެވެ.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ފަހަތް އިތުބާރާއެކު ބެލެހެއްޓި ސޮބާއަކީ ކުރިއަށްދިއުމުގެ ޝައުގުގައި ހުރި މީހެކެވެ. މިހެންވެ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އެނަލިސްޓެެއްގެ ގޮތުގައި ސޮބާ އަށް އަޅުގަނޑު ފުރުސަތު ދިނީމެވެ. އެއީ އެކަހަލަ ކަމެއްގައި އޭނާގެ ފުރަތަމަ ތަޖުރިބާއެވެ. މި ފުރުސަތު ސޮބާ އަށް ދިނުމުން ބައެއް ކޯޗުންގެ ފާޑުކިއުމާއި ނުރުހުން އަޅުގަނޑަށް ވެސް އަމާޒުވި އެވެ. އެކަމަކު ސޮބާ ތަފާތު ދެއްކި އެވެ. މިހާރު އޭނާއަކީ އެނރޮނގުން ވެސް ހިޓެކެވެ.
ވަރަށް ގިނަ ފަހަރުތަކުގައި ސޮބާއާ އެކު ފުޓްބޯޅައިގެ އެކިކަންކަމުގައި ވާހަކަ ދައްކާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބެ އެވެ. އެންމެ ފަހުން ބައްދަލުވީ ވިކްޓަރީގެ ކުރީގެ ކޯޗު އަދި ކުރީގެ ގައުމީ ކީޕަރު މައުރޫފް އަހުމަދު (މާއްޓޭ)އާއެކުގަ އެވެ. އޭނާ އަކީ ސްޕޯޓްސް މެނޭޖްމަންޓާއި ކޯޗިންގައި އަރާހުރި ތަޖުރިބާކާރެކެވެ. ވަރަށް ގިނައިރުވަންދެން ކޮފީގައި ތިބިއިރު މާއްޓޭ ތަކުރާރުކޮށް ބުނަމުންދިޔައީ އެއްވާހަކައެކެވެ.
"އަހަރެން ސޮބާ ގާތުގައި މިބުނަނީ އޭނާ މިހާރު ހަދަންވެއްޖެއޭ މަތީ ލައިސަންސްތައް. މޮޅު މީހަކަށްވާން ކޯޗިން އެޑިއުކޭޝަނަކީ މުހިންމު އެއްޗެއް. ސޮބާގެ ޕޮޓެންޝަލް އެބަހުރި. އަހަރެން އެހީވާނަން،" މާއްޓޭ ބުންޏެވެ.
އެއްވެސް މެޗަކުން ބަލިނުވެ، ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ގްރީން ސްޓްރީޓަށް ހޯދައިދީ އެކުލަބު ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނުމަކީ ކޯޗިންގައި ސޮބާގެ ފުރަތަމަ ކާމިޔާބީ އެވެ. އެކަމަކު އޭގެ ކުރިން މިދިޔަ އަަހަރު ރާއްޖޭގެ އެންމެ ބޮޑު އެއްކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ގައުމީ ފައިނަލަށް ގެންގޮސްދީ، ދިވެހި ލީގު ހޯދައިދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ. އޭގެ ކުރިން ވެސް އޮތީ ހާއްސަ މެޗެކެވެ. ހެޑް ކޯޗެއްގެ ގޮތުގައި އޭނާ ފުރަތަމަ ނުކުންނަން ޖެހުނީ ދެކުނު އޭޝިޔާ ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކޯޗެއް ކަމަށްވާ އިނގިރޭސި ކޯޗު ޑޭވިޑް ބޫތު ކޯޗުކޮށްދެމުން އައި ލާއޯސްގެ ޓޮޔޯޓާ އެފްސީއާ ދެކޮޅަށް މާލޭގަ އެވެ. އެންމެވެސް ހީކުރި ގޮތާ ހިލާފަށް 2-1އިން ނިއުމޮޅުވުމަކީ ކޯޗިން ކެރިއަރުގައި ކުރިއަށްދާން ސޮބާ ބުނާގޮތުގައި އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
ދެ ވަނަ ޑިވިޝަނުގެ ތަށި ހޯދައިގެން ސޮބާ ފުރަތަމަ ޑިވިޝަނަށް އައުމުން ހިތުގެ ޝުއޫރުތައް އެންމެ ސާފުކޮށް ބަންޑުންކޮށްލި މީހަކީ ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު މާއްޓޭ އެވެ.
"މަރުހަބާ ސޮބާހް މުހައްމަދު. ސޮބާ އަކީ މޮޅު ކޯޗަކަށް ވެވިދާނެ ކަމަށް އަހަންނަށް ފެނުނު މަދު ކޯޗުންގެ ތެރެއިން އެކަކު. މޮޅު ކޯޗަކަށް ވުމަށް ސޮބާގެ ކިބާގައި ހުރި އެންމެ މުހިންމު ސިފައަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއި ކުރިއަށްދާން އަބަދުވެސް ތައްޔާރަށްހުރުން." ސޮބާގެ ކެރިއަރުގެ މުހިންމު ދުވަސްތަކެއްގައި އޭނާ އަށް ކޯޗުކޮށްދިން މާއްޓޭ ބުނެފައިވެ އެވެ.
މީގެ އިތުރުން އެހެން މީހުންނަށް އިހްތިރާމް ކުރުމާއި ދޮށީ ކޯޗުންގެ ފަރާތުން އިރުޝާދަކީ ހޯދުމަކީ ވެސް މޮޅު ކޯޗަަކަށްވާން ސޮބާގެ ކިބައިން ފެންނަމުންދާ ކަންތައްތަކެއް ކަމަށް މާއްޓޭ ފާހަގަކޮށްފައިވެ އެވެ. އަދި ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ގޮތުގައި ނިއުރޭޑިއަންޓްގައި ހޯދި ތަޖުރިބާއަކީ ސޮބާގެ ކޯޗުކަމުގެ ފުރަތަމަ ފިޔަވަޅުކަން ފާހަގަކުރަމުން މާއްޓޭ ނަސޭހަތެއްދީފައިވެ އެވެ.
"ކުރިމަތީގައި އޮތް މަރުހަލާ (އަންނަ އަހަރަށް) ތައްޔާރުވާން އެބަބޭނުވޭ މިހާރަށްބޮޑަށް ޕްލޭންކޮށް ތައްޔާރުވުން. ހުއްޓާނުލައި ކުރިއަށްދޭ. ކުރިމަތި އޮތީ އުޖާލާކޮށް،" މާއްޓޭ ބުނެފައިވެ އެވެ.
މާއްޓޭގެ އިތުރުން ވަރަށް ގިނަ ކުރީގެ ކުޅުންތެރިންނާއި ކޯޗުން ސޮބާ އަށް މަރުހަބާކިޔާފައިވެ އެވެ. އެކަމަކު އޭނާގެ ވެސް އެންމެ ހާއްސަ މީހަކީ މާއްޓޭ އެވެ. ފުޓްބޯޅަ މެޗުތަކަށް އެނަލައިޒް ކުރުމަށް ވަރަށް ގިނަވަގުތު އޭނާއާއެކު އަޅުގަނޑު މަސައްކަތްކުރިއިރު މާއްޓޭ އާއި ސޮބާގެ ގުޅިފައިވާ މިންވަރު އެނގުނެވެ. މުހިންމު މެޗުތަކުގައި ސެޓަށް އެރުމުގެ ކުރިން އޭނާ މާއްޓޭގެ ލަފާހޯދަ އެވެ. ދެ ކޯޗުން ވާހަކަ ދައްކައި މައުލޫމާތު ބަދަލުކުރެ އެވެ.
"މާއްޓޭ ކޯޗަކީ އަހަރެން އެންމެ އިހްތިރާމްކުރާ ކޯޗު. އަހަރެން ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް މަޝްވަރާކުރާ މީހަކީ މާއްޓޭ ކޯޗު. އަހަރެން ކުރިއަށް ގެންދަން ވެސް މާއްޓޭ ކޯޗު ވަރަށް މަސައްކަތްކޮށްދޭ،" ސޮބާ ބުންޏެވެ.
ރޭގެ މެޗަށް ފަހު ވެސް އޭނާ އެންމެ ފުރަތަމަ ޝުކުރު އަދާކުރީ މާއްޓޭ އަށެވެ. އަދި މާޒިޔާގެ ކޯޗު އަލީ ސުޒޭނާއި އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) އަށް ވެސް އޭނާ ޝުކުރު އަދާކުރި އެވެ.
"ގްރީން ސްޓްރީޓްގެ މެނޭޖްމަންޓާއި ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރަންނަށް އިތުބާރުކޮށް ދީފައިވާ އެއްބާރުލުމަށް. ކުޅުންތެރިންނާއި މެނޭޖްމަންޓްގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ތަށި ލިބިގެންމިދިޔައީ،" ސޮބާ ބުންޏެވެ.
"ވިކްޓަރީ އާއި ނިއުރޭޑިއަންޓަށް އަހަރެން ޝުކުރުއަދާކުރަން ކުޅުންތެރިންއެއްގެ ގޮތުގައި ކާމިޔާބު މީހަކަށްވާން ދީފައިވާ ފުރުސަތަށްޓަކައި. ދޫކޮށްނުލައި ގަދަ އަޅައި މަސައްކަތްކޮށްގެން ކާމިޔާބު ހޯދަން ދަސްވީ ގައުމީ ޓީމުން. ގައުމީ ޓީމަށް ޝުކުރު އަދާކުރަން. ކެޕްޓަނެއްގެ ގޮތުގައި (ވިކްޓަރީގައި) ތަށި އުފުލާލަން ފުރުސަތުދީނީވެ ކޯޗު ސުޒޭނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެންގެ ކެރިއާ ފެށުނީ އީގަލްސް އިން. އެކުލަބަށް ޝުކުރިއަދާކުރަން. ސްކޫލުގައި އުޅުނުއިރު އަހަރެންނަށް ފުރުސަތު ހޯދައިދިން ކޯޗަކީ ސާންތީ. ސާންތީ ކޯޗަށް ވެސް ޝުކުރު އަދާކުރަން. އަހަރެންގެ ސަޕޯޓަރުންނާއި ހެޔޮއެދޭ އެންމެނަށް އަދި އަބަދުވެސް އެކުގައި ތިބޭ އާއިލާ އަށް ޝުކުރު އަދާކުރަން. މިމީހުންނާ ނުލައި މިކާމިޔާބީ އަހަންނަކަށް ނުހޯދުނީސް،" ސޮބާ ފާހަގަކުރި އެވެ.