އިސްލާމިކް ސްޓޭޓް

މޫސަލް ދޫކޮށްދިޔަ އައިއެސްގެ ލަޝްކަރު ރުތުބާ ހިފައިފި

Oct 25, 2016

އިރާގްގެ އަންބާރު ޕްރޮވިންސްގެ ރުތުބާ ސަރަހައްދު އައިއެސްގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

އަންބާރުގެ ރުތުބާ އައިއެސްއިން ހިފީ، މޫސަލް ހިފުމަށް އަސްކަރީ ކޯލިޝަނުން ފަށާފައިވާ ހަނގުރާމައިގައި މޫސަލް ދޫކޮށް ދިއުމުގެ ގޮތުން ކަމަށް އަލްޖަޒިރާއިން ބުނެއެވެ. މުސަލްގައި އައިއެސް ބަލިވަމުން ދިއުމާއެކު، އަންބާރުގެ ރުތުބާ ސަރހައްދުގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު، އެ ސަރަހައްދަކީ ބަޣުދާދަށް ދިއުމަށާއި އުރުދުން އާއި ސިރިޔާގެ ސަރހައްދަށް ދާން އޮންނަ މައި މަގު ހިމެނޭ ސަރަހައްދެވެ.

ރުތުބާއަކީ 20000 މީހުން ދިރިއުޅޭ ސަރހައްދެކެވެ. އެ ސަރަހައްދު ހިފުމަށްފަހު އައިއެސްއިން ވަނީ މޭޔަރުގެ އޮފީހަށް ހަމަލާދީ ގެއްލުން ދީފައެވެ.

"ރުތުބާއަކީ ވަރަށް ސްޓްރެޓެޖިކް ރަށެއް. އެމީހުންނަށް އެ ރަށް ލިބުމަކީ އެމީހުންނަށް ލިބުނު ބޮޑު ކާމިޔާބަކަށް ވާނެ،" އައިއެސްގެ ހަރަކާތްތައް ކަވަރު ކުރާ އަލޖަޒީރާގެ ނޫސްވެރިޔަކު ބުނެފައި ވެއެވެ.

ރުތުބާ އައިއެސްގެ ބާރުގެ ދަށަށް ދިއުމުން، އެ ސަރަހައްދުން އިރާގްގެ އެހެން ސަރހައްދުތަަކަށް ހަމަލާ ދިނުމުގެ ފުރުސަތު ލިބުމަކީ އެ އިރާގްގެ ރައްޔިތުންނަށް އެކަމުން ނުރައްކާ ވާނެ ސަބަބެކެވެ.