- ރިސޯޓު ހަދަން ހަވާލުކުރިތާ ނުވަ އަހަރު
- އެންމެ ފަހުން އެމްޓީޑީސީއަށް ނާގޯށި ގެއްލިއްޖެ
- ނާގޯށި ތަރައްގީ ކުރާނީ އާ އިންވެސްޓަރެއް
ޓޫރިޒަމް މުޅި ރާއްޖެ އަށް ފެތުރިއްޖެ އެވެ. ސިނާއަތުގެ ފޮނި މީރުކަން ކޮންމެ ވެސް ގޮތެއްގައި ނުލިބޭ މީހަކު ޔަގީނުންވެސް ރާއްޖެއަކު މިހާރަކު ނެތެވެ. ނަމަވެސް ޓޫރިޒަމް ފައްކާނުވާ، އަތޮޅެއް ރާއްޖޭގައި އެބަ އޮތެވެ. އެއީ އެންމެ ހިތްގައިމު އެއް އަތޮޅު ކަމަށްވާ ހދ. އަތޮޅެވެ.
ހދ. ގައި ރިސޯޓެއް ހެދުމުގެ ވާހަކަ ދައްކާއިރަށް، ހިތަށް އަރާނީ "ނާގޯށި" އެވެ. މި ރަށުގައި ހަދާ ރިސޯޓުގެ ދިގުލައިގެންދާ ދިގު އަދި ނުނިމޭ ވާހަކައަކީ ޕޯޑިއަމްތަކުގައިވެސް އެންމެ ހޫނު އެއް ވާހަކަ އެވެ. ސުވާލަކީ މުޅި ރާއްޖޭގައި ރިސޯޓުތައް ހަދައި، އެ ރަށްތަކުން ރަންބިސް ނަގާއިރު، ނާގޯށިން ރަން ބިސް ނުނެގިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟
"ނާގޯށި ނުހެދި ލަސްވެގެން ގޮސްފައިވަނީ ރިސޯޓް ހަވާލު ކުރި ދުވަސްވަރު އިގްތިސާދަށް ކުރިމަތިވި މައްސަލަ ތަކެއްގެ ސަބަބުން،" ހދ. ނާގޯށީގައި ރިސޯޓެއް ހެދުމުގެ މަސައްކަތް މިހާތަނަށް ކުރަމުން ގެންދިޔަ، ޓޫރިޒަމް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވި އެވެ.
ނާގޯށީގެ މަސައްކަތް ދިޔަ ގޮތް
ނާގޯށީގައި ރިސޯޓެއް ތަރައްގީ ކުރަން ސަރުކާރުގެ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސަރުކާރުން ދީފައިވަނީ ޑިސެމްބަރު 5، 2007 ވަނަ އަހަރު އެވެ. އެގޮތުން އެމްޓީޑީސީއިން އެރަށް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ ރަޝިޔާ ކުންފުންޏެއް ކަމަށްވާ ތްރީކޭ އިންޓަނޭޝަނަލް ކުންފުންޏެވެ. ރިސޯޓު ހިންގައި ހުޅުވުމުގެ މަސައްކަތް 2012 ވަނަ އަހަރު އެމެރިކާގެ ރެޑިޝަން ކުންފުނިން ވެސް ކޮށްފައިވެ އެވެ. ގާތްގަނޑަކަށް 91 މިލިއަން ޑޮލަރު އަގު ބޮޑު މި ރިސޯޓު ހުޅުވާނެ އެކި ތާރީހުތައް ދީފައިވެ އެވެ. މި ގޮތުން 2015 ވަނަ އަހަރަކީ ވެސް ނާގޯށި ހުޅުވުމަށް އޮތް އަހަރެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި ރިސޯޓުގެ މަސައްކަތް އޮތީ ވަޅުޖެހިފަ އެވެ.
ނާގޯށި ރިސޯޓުގެ މަސައްކަތް ހުއްޓުމަކަށް އައުމާހަމަށް ރަޝިޔާ ކުންފުނިން ވަނީ ގިނަ މަސައްކަތް ތަކެއް ކޮށްފަ އެވެ. އެގޮތުން 2550 މީޓަރުގެ ބޮޑު މި ރިސޯޓުގައި 600 އެނދު ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، ރިސޯޓުގެ ކޮންސްޓްރަކްޝަންގެ 50 ޕަސެންޓް އޮތީ ނިމިފަ އެވެ.
ނާގޯށި ރިސޯޓުގެ މަސައްކަތް ކުރުކޮށް
- ރަޝިޔާ ކުންފުންޏާ ހަވާލުކުރީ 2007 ވަނަ އަހަރު
- ރިސޯޓުގެ 50 ޕަސެންޓް މަަސައްކަތް ނިމިފައި
- މަތީ ފަންތީގެ، 600 އެނދުގެ ރިސޯޓެއް
- މަސައްކަތް ހުއްޓިފައި އޮންނަތާ ނުވަ އަހަރު
މި އަހަރުގެ ޖުލައި މަހު އެމްޓީޑީސީގެ އާ އެމްޑީ ޝުޖާއު "އަވަސް" އަށް ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރު އެންމެ އިސްކަމެއް ދެނީ ނާގޯށި ނިންމައި، ރިސޯޓު ހުޅުވަން ކަމަށެވެ. އެގޮތުން ތްރީއޭ ކުންފުނިން އަލުން މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ އަންނަ އަހަރުގެ މެދުތެރޭ ސީޒަނަށް ވާން ވާއިރަށް ރިސޯޓު ހުޅުވޭނެ ކަމަށް،" ޝުޖާއު ވިދާޅުވި އެވެ.
ނަމަވެސް، އަނެއްކާ ވެސް ރިސޯޓުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. އަދި މި ރިސޯޓުގެ މަސައްކަތް ގޮސްފައިވާ ހިސާބު ބެލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްޓީޑީސީން ވަނީ އިއުލާނު ވެސް ކޮށްފަ އެވެ. މިއާއެކު އަނެއްކާ ސަރުކާރުން ނިންމަވާފައި އެ ވަނީ އެމްޓީޑީސީގެ އަތުން މި ރަށް ނަގާށެވެ.
ހދ. ނެއްލައިދޫ ބަނދަރު ހުޅުވުމަށް އިއްޔެ އެރަށުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އެރަށް އެމްޓީޑީސީގެ އަތުން ނެގުމަށް ނިންމާފައިވާ ކަމަށާ އެރަށް ތަރައްގީ ކުރާނެ އިންވެސްޓަރެއް މިހާރު އެބަހުރި ކަމަށެވެ.
އަނެއްކާ ވެސް އާ އުންމީދެއް
ނާގޯށި ރިސޯޓަކީ ހދ. އަތޮޅަށް އެންމެ މުހިންމު އެއް ތަނެވެ. ސަބަބަކީ މި ރިސޯޓުގެ ސަބަބުން އެތަށް ސަތޭކަ ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސް ވެގެން ދާނެތީ އެވެ. މިރަށުގައި 600 އެނދު ތަރައްގީ ކުރާއިރު، ރިސޯޓުން 200 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ އެވެ. އަދި މި ރިސޯޓާއެކު، ޓޫރިޒަމް އުފެދިގެން އައުމުން ލޯކަލް ޓޫރިޒަމްގެ އިތުރުން، ރަށްރަށުގެ އިގްތިސާދަށް ގިނަ ފައިދާތަކެއް ލިބޭނެ އެވެ.
ރައީސް ޔާމީން ކުރިނބީގައި ވިދާޅުވީ ރިސޯޓު ތަރައްގީ ކުރުމަށް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ދޫކުރާ 15 ރަށުގެ ތެރެއިން 85 ޕަސެންޓް ދޫކުރާނީ ހދ. ގެ ދާއިރާތަކަށް ކަމަށެވެ.
"ރިސޯޓު ބޭނުމަކަށްވާނީ ހަމަ ހަގީގަތުގައި ވެސް މި ރަށްރަށުގެ ޒުވާނުންނަށް ވަޒީފާ ލިބޭނެ ފުރުސަތުތައް ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ނާގޯށި ތަރައްގީ ކުރުމުގެ ވިސްނުން ބަދަލުކޮށް، ޕްރައިވެޓް އިންވެސްޓަރެއް ހޯދުމަށް ނިންމުން ވެެގެން ގޮސްފައި މިވަނީ އަނެއްކާވެސް އާ އުންމީދަކަށެވެ. މިއާއެކު ހދ. އަތޮޅު އުންމީދު ކޮށްގެން ތިބީ މި ރިސޯޓުގެ މަސައްކަތް ނިންމައި، އަންނަ އަހަރު ރިސޯޓު ހުޅުވުމަށެވެ.