ރިޕޯޓް

އެނދު އިތުރުވެއްޖެ! އެކަމަކު ޓޫރިސްޓުން އިތުރެއް ނުވޭ

  • ތިން އަހަރުން އެނދުގެ އަދަދު 74 އިތުރު
  • މިދިޔަ އަހަރު އެކަނި 11 ރިސޯޓެއް ހުޅުވި
  • ރިސޯޓު ހުޅުވަން ތިން ބިލިއަން ރުފިޔާ މައާފުކުރި

ވޭތުވެދިޔަ ހައެއްކަ އަހަރަށް ބަލާއިރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ހުރީ ގާތް ގަނޑަކަށް އެއްވަރެއްގައޭ ބުނެވިދާނެ އެވެ. ބައެއް އަހަރުތަކުގައި އިތުރުވަމުން އައިނަމަވެސް މުޅި އަހަރަށް ބަލާއިރު އުޅެނީ އެއް ހަމައެއްގަ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު "ހިފެހެއްޓިފައި" ހުރިނަމަވެސް އެނދުގެ އަދަދު ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ މިކަމުން ނުކުންނާނެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟

"ދެހާސް އަށް ވަނަ އަހަރާއި ހަމަ އަށް ރާއްޖޭގެ ފަތުރުވެރިކަމަށް އައި ކުރިއެރުމަށް ބަލާއިލިއިރު އެވްރެޖްކޮށް އިތުރުވެފައިވަނީ ހަހާސް ބެޑު. ނަމަވެސް ދަހާސް ނުވައަކުން ދެހާސް ތޭރައަށް 563 ބެޑު. ނަމަވެސް ދެހާސް ސާދަ އިން ފެށިގެން މިހާތަނަށް 1،034 ބެޑު ވަނީ އިތުރުވެފަ،" ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވިދާޅުވުން ރަނގަޅެވެ؛ ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މާކެޓަށް އާ ރިސޯޓުތައް ގެންނަން ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކޮށްފިކަމެވެ. ނަތީޖާ ވެސް ގޯހެއް ނޫނެވެ. މިދިޔަ އަހަރު އެކަނި ވެސް 11 ރިސޯޓު ހުޅުވައިފި އެވެ. އަދި މިކަން ފަހި ކުރުމަށް އިންވެސްޓްމަންޓް ގާނޫނުތަކަށް ބަދަލު ގެނެސް، ރިސޯޓު ތަރައްގީ ކުރަން އެތެރެ ކުރާ މުދަލުން ވަނީ ޑިއުޓީ ވެސް މައާފުކޮށްދީފަ އެވެ. މިގޮތުން 2005 ވަނަ އަހަރު ރިސޯޓު ތަރައްގީ ކުރަން 1.7 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރިނަމަވެސް މިދިޔަ އަހަރު މި އަދަދު ވަނީ ތިން ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މީގެން، އެނގެނީ މި ދާއިރާ އިން ކުރެވުނު މަސައްކަތް ގިނަ ކަމެމެވެ.

މީގެ ނަތީޖާއަކީ ރިސޯޓުތަކުގެ އެނދުގެ އަދަދު އިންތިހާ އަށް އިތުރުވެގެން ދިއުމެވެ. މިގޮތުން ހަމައެކަނި ރިސޯޓުތަކަށް ބެލިނަމަވެސް މި އަހަރު ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ 124 ރިސޯޓުގައި 27،000 އަށް ވުރެ ގިނަ އެނދު އެބަހުއްޓެވެ.

އެހެން ތަފާސްހިސާބުތަކަށް ބަލައިލަމާ ހެއްޔެވެ! ޓޫރިޒަމް ޕްރޮޕަޓީ އިތުރު ވެގެން އައިސްފައިވާ ވަރު ވަރަށް ރަނގަޅަށް މިއޮތީ ފެންނާށެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2013 ވަނަ އަހަރު ނިމުނުއިރު މުޅިރާއްޖޭގައި އޮޕަރޭޓް ކުރަމުން ގޮސްފައިވަނީ ޖުމުލަ 28،770 އެނދެވެ. އަދި މި އަހަރު ރާއްޖޭގައި ހިންގަމުން ދިޔައީ 106 ރިސޯޓެވެ. ނަމަވެސް 2014 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ 30،689 އަށް އުފުލިފަ އެވެ. މިއީ ގާތްގަނޑަކަށް 1،916 އެނދުގެ އިތުރުވުމެކެވެ. މި އަހަރަށް ބަލާއިރު މުޅި ރާއްޖޭގައި އޭރު ޖުމުލަ 111 ރިސޯޓު އޮޕަރޭޝަންގައި ހުއްޓެވެ. މި އަދަދު ވަނީ ޖެހިގެން އައި އަހަރު 32،237 އަށް އިތުރުވެފަ އެވެ. އަދި 2016 ވަނަ އަހަރު 32،837 އަށް އިތުރުވިއިރު މި އަހަރުގެ މިހާތަނަށް ބަލާއިރު ވެސް ރާއްޖޭގައި ހުރި ޓޫރިސްޓު އެނދުގެ އަދަދު އުޅެނީ 38،648 ގަ އެވެ. މާނައަކީ މި އަދަދަކީ 2013 ވަނަ އަހަރާ އަޅާބަލާއިރު 9،878 އެނދު އިތުރުވުމެކެވެ.

ދެން އުފެދޭ ސުވާލަކީ ރާއްޖެ އަށް އަންނަ މީހުންގެ އަދަދު އެއްވަރެއްގައި "ހިފަހެއްޓިފައި" ހުރިއިރު އެނދުގެ އަދަދު އިތުރުވުމުން ދިމާވާނީ ކޮން މައްސަލައެއް ހެއްޔެވެ؟ ރާއްޖޭގެ ރިސޯޓުތަކޭ އެއް ހަމައެއްގައި ގެސްޓްހައުސް އެނދުގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ގެސްޓްހައުސްތަކުގައި 6،000 އަށްވުރެ ގިނަ އެނދު އެބަހުއްޓެވެ. މީގެ ސަބަބުން ރާއްޖޭގެ ޖުމްލަ އޮކިއުޕެންސީ އަށް އަންނާނީ ކޮން ބަދަލެއް ބާ އެވެ؟

ޓޫރިޒަމް ދާއިރާގެ މާހިރުން ދެކޭ ގޮތުގައި ރާއްޖޭގެ ރިސޯޓުތައް ގިނަވިނަމަވެސް ޓޫރިޒަމް އެރަވައިވަލް އިތުރު ނުވާނަމަ ރިސޯޓުތައް ވިއްކުމުގައި ދަތިތަކާ ކުރިމަތިވާނެ އެވެ.

"ހިއެެއް ނުވޭ ރާއްޖެއާ އެއްވަރަކަށް މި ސަރަހައްދުގައި ވެސް މިހާ ގިނަ އިން ޓޫރިޒަމް ޕްރޮޕަޓީ މާކެޓަށް ގެނެސްފައިވާ ދެވަނަ ގައުމެއް އޮތް އެހެނެއް. ނަމަވެސް މައްސަލަ ޖެހެނީ ޕްރޮމޯޝަންގައި. މިކަން ރަނގަޅު ކުރަނިކޮށް އެރައިވަލް އިތުރު ކުރެވޭނެ."

އެންމެ ފަހުގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އައިސްފައިވަނީ 657,540 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 619,921 ޓޫރިސްޓުންނާ އަޅާބަލާއިރު ހަ ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިދިޔަ އަހަރު އައިސްފައިވަނީ 1.2 މިލިއަން މީހުންނެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ވެސް އައިސްފައިވަނީ މިގޮތަށެވެ.

ރިސޯޓުތައް އިތުރުވުމަކީ ޓޫރިޒަމަށް އޮތް ހެޔޮފާލެކެވެ. އަދި މިހާރު އޮތީ މި ބަދަލުގެ ހެޔޮ ފައިދާ ހޯދުމަށް މާކެޓު ކުރުން ރަނގަޅު ކުރުމެވެ.