ރިޕޯޓް

ވީޑިއޯއިން: މަސައްކަތްތެރި ކެޔޮދޫ!

Apr 10, 2017
1

ރާއްޖޭގެ އެންމެ މީހުން މަދު އަތޮޅު ކަމަށްވީނަމަވެސް މި އަތޮޅުގައި ވެސް މަސައްކަތްތެރިން ގިނަ އެވެ. އަދި ހީވާގިކަމާއެކު މަސައްކަތްކުރާ މީހުން ތިބި ރަށްތައްވެސް އެބަހުއްޓެވެ. މީގެތެރެއިން އެއް ރަށަކީ ވ. ކެޔޮދޫ އެވެ. ތިރީގައި އެ ވަނީ "އަވަސް" އިން ކެޔޮދޫއާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ކުޑަ ވީޑިއޯ ރިޕޯޓެކެވެ.

ކެޔޮދޫގެ އާބާދީއަކީ 830 އެވެ. ހިތް ހެޔޮ، މީހުނާ ގުޅާ ރައްޔިތެއް ދިރިއުޅަމުން އަންނަ މި ރަށުގައި ސިއްހީ މަރުކަޒެއް ހުރެ އެވެ. އެތާނގައި ޑޮކްޓަރަކާއި ދެ ނަރުހުން މަސައްކަތް ކުރެ އެވެ. މީގެ އިތުރުން މިރަށުގެ ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް މިރަށުގައި އެކަށީގެންވާ ފެނުގެ ނިޒާމެއް ގާއިމްވެފައެއް ނެތެވެ.

ކެޔޮދޫގައި މީގެ 10 ވަރަކަށް އަހަރު ކުރިން ކުރަމުން އައި މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. ކުރިން މި މަސައްކަތުގައި ހަތް ދޯނި ދުއްވި ކެޔޮދޫގެ އިގްތިސޯދުގައި މަސްވެރިކަމުގެ ހިއްސާ ވަރަށް ވެސް ބޮޑެވެ. މިގޮތުން އެ ދުވަސްވަރު މި ރަށުގެ ރައްޔިތުންގެ މައިގަނޑު މަސައްކަތަކީ މުޅީންމެ މަސްވެރިކަމެވެ.

ވ. އަތޮޅަކީ ފަރު މަހަށް އެންމެ ވަރުގަދަ އެއް އަތޮޅަށްވުމުން މި ބާވަތުގެ މަސްވެރިމުގައި ވެސް މިރަށުގެ ގިނަ ބަޔަކު ކުރިން އުޅުނެވެ. ނަމަވެސް ލޯކަލް ޓޫރިޒަމް ރާއްޖެއަށް ތައާރަފުވުމާއެކު ގެސްޓް ހައުސް ވިޔަފާރި ވަނީ މިހާރު މި ރަށުގައި ވައިގައި ހިފާފަ އެވެ.

މިހާރު މި ރަށުގައި އަށް ގެސްޓްހައުސްއެއް ރަޖިސްޓްރީކޮށްގެން ހިދުމަތްދެ އެވެ. މި ރަށުގައި 30 އަށްވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، މި ރަށަށް އަންނަ ޓޫރިސްޓުންގެ މައިގަނޑު ހިއްސާއަކީ ޔޫރަޕު މީހުންނެވެ.

ކެޔޮދޫގައި ޓޫރިޒަމް ފުޅާވެ، ތަރައްގީ ވެގެންގޮސް ރަށުގެ ރައްޔިތުންގެ އަތްމަތި ތަނަވަސްވަމުން ދިޔަނަމަވެސް ރަށަށް މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަނދަރު ހަލާކުވެފައި އޮތުން ކަމަށް ކައުންސިލުން ބުނެ އެވެ. މިރަށު ކައުންސިލުން ބުނި ގޮތުގައި ރަށުގައި ތަރައްގީގެ މަސައްކަތެއް ނުކުރެވި ހުއްޓިފައި އޮތުމުގެ މައިގަނޑު އެއް ސަބަބަކީ ރަށުގެ ބަނދަރެވެ.