ލައިފްސްޓައިލް

ކަފް ސިރަޕަށްވުރެ އަލަނާސި ޖޫހުން ކެއްސުން އަވަހަށް ރަނގަޅުވޭ!

Oct 26, 2016

ކެއްސާނަމަ އަލަނާސީ ޖޫސް ބޯށޭ މީހަކު ބުނި އަޑު ދުވަހަކުވެސް އެހިން ހެއްޔެވެ؟ އާންމުކޮށް އިވެނީ ކޮންމެވެސް މޮޅު ކަފް ސިރަޕެއްގެ ވާހަކަ އެވެ. ކެއްސާ ވާހަކަ ރައްޓެއްސެއްގެ ކައިރީގައި ބުނި ނަމަވެސް އަބަދުވެސް ލަފާދޭނީ ކޮންމެވެސް މިކަހަލަ ސިރަޕެއް ބޭނުންކުރާށެވެ.

އަލަނާސިއަކީ ބަލިތަކާ ދުރުކޮށްދޭ ވިޓަމިން ސީ އަދި އެންޓި އިންފްލެމޭޓަރީ މާއްދާތައް ހިމެނޭ އެއްޗެކެވެ. މި މާއްދަތަަކުން ކަރުތެރޭގައި އުފެދިފައި ހުންނަ ބެކްޓީރިއާތައް މަަރާލައި ދިފާއީ ނިޒާމް ވަރުގަދަކޮށްދެ އެވެ. އަލަނާސި ޖޫސް ބޭނުންކުރާއިރުވެސް ރޯ އަލަނާސީގެ ޖޫސް ބޭނުންކުރަން ސިއްހީ މާހިރުން އިރުޝާދު ދެ އެވެ. އަދި އަލަނާސި ޖޫހަކީ ކަފް ސިރަޕަށްވުރެ ފަސް ގުނަ އަވަހަށް ނަތީޖާ ފެންނަ އެއްޗެއް ކަމަށްވެ އެވެ.

އަލަނާސީ ޖޫހަކީ އާދައިގެ ވައިރަލް ރޯގާގެ ސަބަބުން ކެއްސާ ކެއްސުން ނުވަތަ ހިކި ކެއްސުންތަކަށް ފަރުވާ އެކެވެ. ނިއުމޯނިއާ ނުވަތަ ޓީބީ ބަލި ހުންނަ މީހުންނަށް އަލަނާސި ޖޫހަކީ އެންމެ އެކަށީގެންވާ ފަރުވާއަކަށް ނުވެ އެވެ. ކެއްސުމުގެ އިތުރުން އަލަނާސިއަކީ ކިނބިހި އެޅުމާއި، އެހެނިހެން އާދައިގެ އިންފެކްޝަންސްތަކަށް ވެސް ފަރުވާއެކެވެ.

ދެހާސް ދިހަ ވަނަ އަހަރު ޑަ ފަރްމާ ކެމިކާގައި ޕަބްލިޝްކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ޓިއުބަކްލޯސިސް، ޓީބީ އަދި އެ ނޫންވެސް ނޭވާލާ ނިޒާމަށް އިންފެކްޝަންގެ ސަބަބުން ޖެހޭ ބަލިތައް ހުންނަ މީހުންނަށް އެންމެ އެކަށީގެންވާ އެއް ފަރުވާއަކީވެސް އަލަނާސި ޖޫސް ކަމަށެވެ. މި ދިރާސާގައި ބުނެފައިވާގޮތުން ރޯ އަލަނާސީގެ ތެރެއަށް އަށޭމިރުސް، ލޮނު އަދި މާމުއި އަޅައިގެން ދިނުމުން ފުއްޕާމެެއަށް ލުއިވެ ކަރުތެރެވެސް ސާފުވެގެންދާ ކަމަށެވެ.

ދިރާސާގައި ބުނެފައިވަނީ ޕެކެޓް ނުވަތަ ފުޅީގައި ބަންދުކޮށްފައި ހުންނަ އަލަނާސި ޖޫހަށްވުރެ ރޯ އަލަނާސި ބޭނުންކޮށްގެން އަމިއްލައަށް ތައްޔާރުކުރާ ޖޫހުން ލިބޭ ފައިދާ ބޮޑު ކަމަށެވެ.

މީގެއިތުރުން ކެއްސާނަމަ އަލަނާސި ޖޫސް ތައްޔާރުކުރާއިރު އެއް ޖޯޑު އަލަނާސި ޖޫހުގެ ތެރެއަށް ޖޯޑެއްގެ ހަތަރު ބައިކޮށްފައި އެއްބަޔަށްވާވަރުގެ ލުނބޯ ހުތް ފޮދަކާއި، ކުޑަ އިނގުރުކޮޅަކާއ، މޭޒުމަތީ ސަމްސަލެއްގެ ތާޒާ މާމުއި އަދި މޭޒުމަތީ ސަމްސަލެއްގެ ދެބައިކޮށްފައި އެއްބައި އަސޭމިރުސް (މުގުރާފައި) އަޅާލުމަށްފަހު ޖޫސް ތައްޔާރުކުރާށެވެ. މި ޖޫސް ދުވާލަކު ދެއެއް ނުވަތަ ތިން ފަހަރު، ކޮންމެ ފަހަރަކު ޖޯޑެއްގެ ހަތަރު ބައި ކޮށްފައި އެއްބައި ހުންނަ ވަރުގެ ޖޫސް ފޮދެއް ބޯށެވެ. ކެއްސުން ރަނގަޅު ވަންދެއްން މި ޖޫސް ބޭނުންކުރަންވާނެ އެވެ.