ހަބަރު

ކޮންމެ ރަށަކުން ޕީޕީއެމްގެ ތިން ކައުންސިލަރުން ހޮވަންޖެހޭ: ތޯރިގު

ރަށްރަށަށް ތަރައްގީ ގެނައުމަށް ކުރިޔަށް އޮތް ކައުންސިލް އިންތިހާބު ޕީޕީއެމް އިން ކާމިޔާބު ކުރަން ޖެހޭ ކަމަށާއި އެގޮތުން ކޮންމެ ރަށަކަށް އެ ޕާޓީގެ ތިން ކައުންސިލް މެންބަރުން އިންތިހާބު ކުރަން އަމާޒު ކުރަންޖެހޭ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ށ. ކަނޑިތީމުގެ ނަރުދަމާ ނިޒާމް އިފްތިތާހު ކޮށްދެއްވުމަށް މިއަދު އެ ރަށުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވެސް ޕީޕީއެމް ކައުންސިލަރުން ހޮވުމުގެ މަސައްކަތްތަކަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލަރު ކަމަށް އިންތިހާބުވާން ބޭނުންވާ ފަރާތްތަކަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ޕާޓީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ކުރިމަތީގައި މިއޮތީ ލޯކަލް ކައުންސިލްގެ އިންތިހާބު. އެ އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަ ކުރާ ފަރާތްތައް ހޮވަމާ ހިނގާ. ކޮންމެ ރަށެއްގައި ވެސް ޕީޕީއެމްގެ ތިން ކައުންސިލަރުން ބައިތިއްބަމާ ހިނގާ. އެއީ އަޅުގަނޑުމެންގެ އަޒުމަކަށް ހަދަން ހިނގާ. ޔަގީނުންވެސް އެކަންތައް ކުރާނަމަ އަޅުގަނޑުމެން [ތަރައްގީއަށް] މި ކުރާ މަސައްކަތް މިހާރަށްވުރެ މާބާރަށްކޮށް ނިންމާލެވޭނެ،" ތޯރިގު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޮންނަނީ އަންނަ ޖެނުއަރީ މަހު އެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ އެވެ.