ކުޅުދުއްފުށި

ހާޖީ ހަސަންފުޅުގެ ސާދާ ދިރިއުޅުމާއި ތަފާތު ފިހާރަ!

ފިހާރައިގެ ސޭޓަކަށް އިނީ ދޮން އަންހެނެކެވެ. ބުރުގާ އަޅައި ދިވެހި ލިބާސް ލައިގެން އިން އަންހެން މީހާ މާ ގިނަ ވާހަކަތަކެއް ނުދައްކަ އެވެ. ފަހަރެއްގައި ތައާރަފެއް ދިނީމަ، ކުރަން މި އުޅެނީ ކީއްކަން އެނގުނު ހިސާބުން ވާހަކަ ދައްކަން ބޭނުންނުވީ އެވެ.

"އިންޓަވިއުއެއް ދެއްވާނަންތޯ؟" ތައާރަފަކާއެކު އަހާލައިފީމެވެ. ދެން ވެސް އަންހެން މީހާ އެހާ ފަސޭހައިން ވާހަކައެއް ނުދެއްކި އެވެ. އެއަށް ފަހު ބުނީ، އިންޓަވިއުއެއް ދޭވޭނީ އިންޓަވިއުއެއް ދޭ ކަހަލަ ގޮތަކަށް ރީތިވެލައިގެން ހުރެ ކަމަށެވެ. އަންހެން މީހާ މާ ބޮޑު ޝައުގުވެރިކަމެއް ނުދިން އިރު ކައުންޓަރުގެ ބޭރުގައި ހުރި ޕްލާސްޓިކް ގޮނޑިއެއްގައި އިތުރު އަންހެނަކު ވެސް އިނެވެ. ފެންނަ ފެނުމަށް، ސޭޓަކަށް އިން އަންހެން މީހާ އަށް ވުރެ ޝައުގުވެރިވެފައި އިނީ ބޭރުގައި ހުރި ގޮނޑިއެއްގައި އިން އަންހެން މީހާ އެވެ. މިއީ ވެސް ދިވެހި ލިބާހުގައި އިން އަންހެނެކެވެ.

ވާހަކައެއް ފަށައިގަތުމަށް ކުރި ބައެއް ސުވާލުތަކަށް އެންމެފަހުން ޖަވާބު ވެސް ލިބުނީ، ތަންކޮޅެއް އަނގަގަދަ ކަމަށް ފާހަގަކުރެވުނު އެ އަންހެން މީހާގެ ފަރާތުންނެވެ. އެއީ ކާކުގެ ފިހާރައެއްތޯ ސުވާލު ކޮށްލުމުން، ސޭޓަކަށް އިން އަންހެން މީހާ އަށް އަނގަ ހުޅުވައި ނުލެވެނީސް، ކައުންޓަރުގެ ބޭރުގައި ހުރި އަންހެން މީހާ އެއަށް ވެސް ޖަވާބު ދީފި އެވެ: "މިއީ އަހަރެމެން ދެ މީހުންގެ ފިހާރައެއް!"

މިހާ ހިސާބަކަށް ވާހަކަ ދިޔަތަނުން، އިސްކޮޅުން ދިގު ފިރިހެނަކު އައިސް ވަދެއްޖެ އެވެ. އެއީ ހުދުކުލައިގެ ކޮނޑުކެނޑިގަނޑެއް ބޮލުން މަހާލައި ކޮށިކޮށް އަރުވާޖަހާފައިވާ މުންޑެއް އަނދެ ހުސް ފައިގައި ހުރި އެކަމަކު ފެންނަފެނުމަށް ޖާނުން ވަރުގަދަ ފިރިހެނެކެވެ.

މާ ބޮޑު ސަމާލުކަމެއް ނުދީ އެ މީހާ ފިހާރަ ތެރެއަށް ވަދެގެން އައިގޮތަށް އައިސް ޝާމިލުވެގަތީ އަމިއްލަ ކަމެއްގަ އެވެ. ފިހާރަ ތެރޭގައި ތިބި، ދެ އަންހެނުން "މިއީ އަހަރެމެންގެ ފިހާރައެކޭ" ބުންޏަސް ފިހާރައިގެ އަސްލު ވެރި މީހާ މިއައީ އެވެ. ދެ އަންހެނުންނަކީ އޭނާގެ ދެ އަނބިންނެވެ.

މިހާ ހިސާބުން މި ފެށެނީ، ކުޅުދުއްފުއްޓަށް މަޝްހޫރު ހާޖީ ހަސަންފުޅުގެ އާދަޔާހިލާފު ވާހަކައިން ތަންކޮޅެކެވެ. އެކަމަކު އޭނާ ވާހަކައެއް ނުދެއްކި އެވެ. އިންޓަވިއުއެއް ވެސް ނުދިނެވެ. ހަސަންފުޅާ ބެހޭ ގޮތުން މާ ގިނަ ވާހަކަތަކެއް ކިޔައިދޭން އެނގޭ މީހަކު ވެސް ރަށަކު ވެސް ނެތެވެ.

އިންޓަވިއު ނުދިނަސް ހަސަންފުޅުގެ ފިހާރަ އާއި ކުޑަކުޑަ އެ ހޮޓަލަށް ވަދެ ދެ ތަން އެކުގައި ބޭނުން ގޮތަކަށް ފޮޓޯ ނެގުމުގެ ފުރުސަތު އެމީހުން ދިނެވެ. ފޮޓޯތައް ނަގަމުންދިޔައިރު ހަސަންފުޅުގެ ދެ އަނބިން އެތަނުގައި ތިބެގެން ފިހާރަ އާއި އެމީހުންގެ ސައިހޮޓަލާ ބެހޭ ޝައުގުވެރިވަނިވި އެހެން މައުލޫމާތު ވެސް ކޮންމެވެސް ވަރަކަށް ދިނެވެ.

އެކަމަކު ވެސް މި ރަށުގެ އެންމެ އާދަޔާހިލާފު އެއް ކެރެކްޓާގެ އަޖާއިބުކުރުވަނިވި ވާހަކައިގެ މިންވަރެއް ކިޔައިދިނީ ރަށު މީހުންނެވެ.

"ހަސަންފުޅުގެ އަސްލު ހަގީގަތެއް ނޭނގޭ އަހަރެމެންނަކަށް. އޭނައަކީ ވަރަށް ތަފާތު ވަރަށް އާދައިގެ މީހެއް އެހާ ސާދާ މީހެއް،"

"އަބަދުވެސް ރަށުގައި ދިރިއުޅޭ މީހެއް އޭނާއަކީ. ކެއުން ބުއިމުގައި ވެސް ރަށުގެ އެހެން އާންމުންނާ ތަފާތު މީހެއް. އާންމު ކޮއްތަކީ ވެސް ވަރަށް އާދައިގެ ކޮއްތު ބައެއް ފަހަރަށް ކުޑަ ހިކި މަސްކޮޅަކާ، ރޮށި ފަޅިއަކާ ސައިތައްޓެއް، އެހާ ވެސް ސާދާ އާދައި ހިތްތިރި މީހެއް،" އޭނާއާ އެކުގައި ކުރިން ސައިބޮއެ ކައި ހެދި ގާތް މީހަކު ނަން ނުޖެހުމަށް އެދި ކިޔައިދިނީ މިހެންނެވެ.

އަޖާއިބުކުރުވަނިވި ވާހަކަ އަކީ ހަމައެކަނި މި ހަސަންފުޅެއްގެ ވާހަކަ އެކަންޏެއް ނޫނެވެ. ކުޅުދުއްފުށީ މެދުތެރޭގައި ހުރި އޭނާގެ މި ފިހާރައަކާއި ސައިހޮޓަލުގެ ވާހަކަ ވެސް އަދި އެތަނުގެ ތެރެއިން ފެންނަ މަންޒަރު ވެސް ތަފާތެވެ. އޭނާގެ ހާޖީ ކެފޭ ނުވަތަ ޒަމާނަށް ފައްތާލާފައި ގްލޯރީ ހޮޓަލޭ ކިޔަސް މިއީ އަދި މާ ބޮޑު ތާރީހައް އޮތް ސައި ހޮޓަލަކާއި ފިހާރައެކެވެ.

ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ހުޅުވި ފިހާރަތަކުގެ ތެރެއިން އެއް ފިހާރައަކީ ހަސަންފުޅުގެ ގްލޯރީ އިސްޓޯރެވެ. ފިހާރަތެރެއިން ވަދެވޭ ގޮތަށް އިންވެގެން ހުރި ކުޑަ ސައި ހޮޓަލަކީ އެ ރަށުގައި ހުޅުވި ފުރަތަމަ ސައި ހޮޓަލެވެ. އެތަނުގައި ހުރީ ތިން މޭޒާއި 12 ގޮނޑި އެވެ. ފޮޓޯތަކާއި ޕްލާސްޓިކް މަލުން ޖަރީކޮށް ނަލަކޮށްލާފައިވާ ތަނެކެވެ. ހޮޓަލުގެ ފާރުގައި މި ރާއްޖޭގެ ހުރިހާ ރައީސުންގެ ފޮޓޯތަކުން ފެށިގެން ރަސްރަސްކަލުންގެ ފޮޓޯތައް ވެސް ހަރުކޮށްފައި ހުއްޓެވެ.

"މިއީ މި ރަށުގައި ހުޅުވި ފުރަތަމަ ހޮޓަލޭ. [ކުރީގެ ރައީސް] ނާސިރުގެ ވެރިކަމުގައި ހުޅުވި ތަނެއް މިއީ. އަދި މާ ފަހަކުންނޭ މި ރަށުގެ އަތިރިމަތީގަ އާއި އެހެންތަންތަނުގައި މީހުން ސައިހޮޓަލާއި ކެފޭތައް ހަދައިގެން އެ އުޅެނީ،" ފިހާރަ އާއި ސައިހޮޓަލަށް ވެރިވި ޝައުގުވެރިކަމުގެ ތެރެއިން އުފެދުނު ސުވާލުތަކަށް ޖަވާބު ދެމުން، ސޭޓަކަށް އިން ދޮން އަންހެން މީހާ ބުންޏެވެ.

ހޮޓަލުގެ ވާހަކަ ބާއްވާލާފައި، ފިހާރަތެރެއަށް ދެމިގަންނައިރު މިއީ މުޅި ރަށުގައި ވެސް ހުރި އެންމެ ތަފާތު އިންޓީރިއާ ސެޓިން އަދި އެއްޗެހި ވެސް ވިއްކަން ހުރި ތަނޭ ބުނެވިދާނެ އެވެ. ކުރު ގޮތަކަށް ބުނަނީ ނަމަ، ފިހާރަ ކިތަންމެ ކުޑަޔަސް، އެތަނުގައި ނެތް ހަމަ އެކައްޗެއް ވެސް ނެތެވެ.

ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނާއި ކާޑުގެ އާންމު ބާވަތްތަކާއި ނޫޑްލިހާއި ބިސްކޯދުން ފެށިގެން ގޮސް ހާޑުވެއާގެ އެންމެހައި ބާވަތްތައް ވެސް ލިބެން އެބަހުއްޓެވެ. ހަސަންފުޅު "އިސްޓައިލްގެ" މޮޅު މުންޑު ވެސް ފިހާރައިގެ އެކި ދިމަދިމާލުގައި އަތުރާފައި ހުއްޓެވެ.

މި ފިހާރައެއްގެ ތަފާތުކަމުގެ ވާހަކަ ދައްކާއިރު ހަސަންފުޅުގެ "އިސްޓައިލް" ރަށުގެ އެހެން ވިޔަފާރިވެރިންނާ ތަފާތުވާ އެހެން ސަބަބެއް ވެސް އެބައޮތެވެ.

"އޭނަގެ އަދި ހުންނަ ސިފައެއް އިނގޭ، ކޮންމެ ދަންވަރަކު ދިޔަޔަސް، ޓަކި ޖަހާލީ ހުޅުވާލީ! އެކަމަކު ގަޑި ބަލައިލާނެ. ގަޑިން ކިހާއިރެއް ހެއްޔޭ އަހައިލާނެ. އޭރު މިސާލަކަށް ގަޑިން ރޭގަނޑު 12 ޖަހައިފި ނަމަ، ފަސް ރުފިޔާ އަށް ވިއްކާ އެތީގެ އަގަށް ބަދަލެއް އަތުވެދާނެ. އެ ޖެހޭނީ ގަބޫލުކުރަން،" ހަސަންފުޅާ އެކު ކުރިން މަސައްކަތްކުރި އޭނާގެ ގާތް މީހަކު ކިޔައިދިނެވެ.