ލައިފްސްޓައިލް

އޯޓިޒަމްގެ ފަރުވާ ބެލެނިވެރިންނަށް ވެސް ދޭން ޖެހޭ: ދިރާސާ

Oct 27, 2016

އޯޓިޒަމް ކުދިން ގެންގުޅެންޖެހިފައިވާ އާއިލާތަކަކީ ކޮންމެ ދުވަހަކުވެސް ހިތްދަތި އެތަކެއް އިހުސާސަކާއި ގޮންޖެހުންތަކެއް ކުރިމަތިލާންޖެހޭ ބައެކެވެ. ބައެއް ބެލެނިވެރިންނަކީ ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމަށް ދަރިފުޅު ރިއެކްޓް ކުރާ ގޮތް ދެނެގަތުމަށް ވެސް ގިނަ އުނދަގޫތަކެއް ކުރިމަތިލާންޖެހޭ، ނުވަތަ އެއްގޮތަކަށްވެސް ދެނެގަންނަން ނޭނގޭ ބައެކެވެ. ސިކުނޑިއަށް ދިމާވާ އުނިކަމެއްގެ ސަބަބުން މެދުވެރިވާ މި ހާލަތުގެ ސަބަބުން ކުދިންނަށް، އެހެންމީހުންނާއި ގުޅިގެން އުޅުމާއި، އިހުސާސްތައް ކިޔައިދީ ހާމަކުރުމަށް ދަތި ކުރިމަތިވެ އެވެ.

ރާއްޖެއަކީ ވެސް އޯޓިޒަމް ކުދިން ނިސްބަތުން ގިނަ ގައުމެކޭ ބުނުން ގޯހަކަށް ނުވެދާނެ އެވެ. އޯޓިޒަމަށް ހޭލުންތެރިކުރުވުމަށް ފާއިތުވި ފަސް ވަރަކަށް އަހަރުތެރޭގައި ރާއްޖެއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. މިހާރުވެސް ދަނީ ކުރަމުންނެވެ. އޯޓިޒަމް ހުންނަ ކުދިންނަށް ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެފަދަ ކުދިންނަށް ދޭފަދަ ތެރަޕީ މިހާރު ރާއްޖެއިން ވެސް މިވަނީ ދޭން ފަށާފަ އެވެ. ނަމަވެސް ތަޖުރިބާކާރުންގެ އެހީގައި ކުދިންނަށް ދޭ މި ތެރަޕީތަކަކީ އެކުދިންނަށް ރަނގަޅު ބަދަލެއް ގެނެސްދޭ ފަރުވާތަކަކަށް ވިޔަސް، އެ ބަދަލު ފެންނަލެއް ލަހެވެ.

ސިއްހަތާ ބެހޭ އޮންލައިން ސައިޓެއް ކަމަށްވާ "ދަ ލާންސެޓް" ގައި މިދިޔަ އަންގާރަ ދުވަހު ޝާއިއުކުރި އާ ދިރާސާއަކުން ދައްކާ ގޮތުން، އޯޓިޒަމް ހުންނަ ކުދިންގެ ބެލެނިވެރިންނަށް އެކުދިންނާ އެކު އެންމެ ކުޑައިރުއްސުރެން ފެށިގެން ރަނގަޅަށް މަސައްކަތް ކުރެވިއްޖެ ނަމަ އެކުދިންގެ އޯޓިޒަމް ލެވެލް ދަށްކުރެވިދާނެ ކަމަށެވެ. އަދި އެ ކުދިންގެ ވާހަކަ ދެއްކުމުގެ ހުނަރުވެސް މަތި ކުރެވިދާނެ ކަމަށެވެ.

މިއީ މެންޗެސްޓާ ޔުނިވަސިޓީ ގެ ޗައިލްޑް އެންޑް އެޑޯލްސެންޓް ސައިކޭޓްރީގެ ޕްރޮފެސަރެއް ކަމަށްވާ ޖޮނަތަން ގްރީން އިސްވެ ހުންނަވައިގެން ބެލެނިވެރިންނާއި ކުދިންގެ "ހިއްސާ ކުރުމުގެ ހުނަރު" ހަރުދަނާ ކުރުމަށް ގޭގައި ކުރެވިދާނެ މަސައްކަތްތައް އެނަލައިޒް ކުރުމަށް ހިންގި ޕްރީސްކޫލް އޯޓިޒަމް ކޮމިއުނިކޭޝަން ޓްރެއިލް ޕްރޮގްރާމުން ނިކުތް ނަތީޖާ އެކެވެ.

އެ ނަތީޖާ ލިބުމުން ޕްރޮފެސާ ގްރީން ވިދާޅުވެފައިވަނީ، އޯޓިޒަމަށް ޑައިގްނޮސް ވުމަކީ އަކީ ގިނަ އާއިލާތަކެއްގެ "ހިތްތައް ކުދިކުދިކޮށްލާ" ކަމެއް ކަމަށެވެ. ނަމަވެސް "ބޮޑު ސުވާލަކަށް ވާން ޖެހެނީ "ކީއްވެ" ނޫން ކަމަށާއި އޭގެ ބަދަލުގައި "ދެން ވާނީ ކިހިނެއް،" ކަމާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

އޯޓިޒަމްގެ އެންމެ އުނދަގޫ އަލާމާތްތައް ހުންނަ ކުދިން ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ދިރާސާގައި އެއްބައިކުދިން ހިމެނީ ޕޭރެންޓުންނާ ކުދިންނަށް ހާއްސަ ތެރަޕީ ދޭ ގްރޫޕްގަ އެވެ. އަނެއް ބައިކުދިންގެ ބެލެނިވެރިން މަސައްކަތް ކުރީ އެކުދިންނަށް ތެރަޕީދޭން މަސައްކަތް ކުރާ ޓީޗަރުންނާއެކު އެކުދިންނަށް އަންނަ ބަދަލުތައް ބަރާބަރަށް މޮނިޓާ ކުރުމަށެވެ.

އެ ޓްރެއިނިންގައ ބެލެނިވެރިންނަށް، އެމީހުން ކުދިންނާއެކު ހޭދަކުރާ ވަގުތު ތައް ރިކޯޑްކޮށް ވީޑިއޯތަކެއް ވަނީ ދައްކާފަ އެވެ. އެގޮތަށް ހެދުމުން އެ ބެލެނިވެރިންނަށް ވަނީ އެމީހުންނަށް ކުދިންނާ ދޭތެރޭ މުއާމަލާތްކުރެވޭ ގޮތް އަމިއްލަޔަށް ފެނި، އެއަށް ކުއްޖާ ރިއެކްޓްކުރާ ގޮތް ފާހަގަވެފަ އެވެ. އަދި ރަނގަޅުކުރަން ޖެހޭ ކަންކަން އެހެން ހެދުމުން އެ ބެލެނިވެރިންނަށް ދަސްވި އެވެ.

ޕްރޮފެސާ ގްރީން ވިދާޅުވީ، "ބެލެނިވެރިޔާ އަމަލުކުރާ ގޮތް ބަދަލުކުރުމުން، ކުއްޖާ ވެސް އަމިއްލަޔަށް އެ ބަދަލު ފާހަގަކޮށް، އަމިއްލަޔަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެއީ ކުއްޖާއަށް އަންނަ ހެޔޮ ބަދަލެއް ކަމަށެވެ،"

މި ބަދަލުތައް ފާހަގަވެފައިވަނީ އޯޓިޒަމްގެ އެންމެ ސިވިއާ ނުވަތަ އެންމެ އުނދަގޫ އަލާމާތްތައް ފެންނަ ކުދިންގެ ފަރާތުން ކަމަށް ވުމުން އެއަށްވުރެ އޯޓިޒަމް ލެވެލް ދަށް ކުދިންނަށް މީގެ ސަބަބުން ވަރަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުންމީދެއް މި ދިރާސާގެ ސަބަބުން އާ ލިބިގެން ގޮސްފައިވާ ކަމަށް ގްރީން ފާހަގަކުރެއްވި އެވެ.

ނަމަވެސް މި ބަދަލު އައުން ބޮޑަށް އެކަށީގެންވަނީ ވަރަށް ޅަ އުމުރުން ފެށިގެން އެކަށީގެންވާ މަސައްކަތްތަކެއް ބެލެނިވެރިންނަށް ކުރެވިއްޖެނަމަ ކަމަށް ވެސް އެ ޓީމުން ވަނީ ބުނެފަ އެވެ.