ވިޔަފާރި

ދިވެހި އިންޝުއަރެންސް: ދާއިރާ ބަދަލުކޮށްލާނެ އާ މިސްރާބަކަށް

Oct 27, 2016
  • އާ ޕްރޮޑަކްޓްތަކެއް ފެނިގެންދާނެ
  • އިންޝުއަރެންސު ދާއިރާ ކުރިއަރުވާނެ
  • ދިވެހި މުވައްޒަފުން ދާއިރާއިން ތަމްރީން ކުރާނެ

މުޅިން އަލަށް އިންޝްއަރެންސްގެ ހިދުމަތް ފެށި ދިވެހި އިންޝުއަރެންސް ކުންފުނިން އެ ސިނާއަތަށް ނުކުތީ، ހަމައެކަނި ވާދަ ކުރަން އެކަނި ނޫން ކަމަށާއި، އެންމެ ބޮޑު މަގުސަދަކީ އިންޝުއަރެންސުގެ ހިދުމަތް ފުޅާކޮށް، އާއްމުން ހޭލުންތެރި ކުރުވުން ކަމަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަތޭކަ ޕަސެންޓް ދިވެހި ހިއްސާދާރުންގެ ކުންފުންޏެއް ކަމަށްވާ "ދިވެހި އިންޝުއަރެންސް" ގެ މެނޭޖިން ޑިރެކްޓަރު އަދި އިންޝްއަރެންސް ދާއިރާގެ އެއް ތަޖުރިބާކާރު، އަބްދުލް ވާހިދު ތައުފީގު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ކުންފުނިން ރާއްޖޭގެ އިންޝުއަރެންސް ބާޒާރަށް ނުކުތީ 100 ޕަސެންޓް ދިވެހިންނާއެކު، ދިވެހި މެނޭޖުމަންޓަކާއެކު ކަމަށާއި، އެހެންވެ އެންމެ ބޮޑު މަގުސަދަކީ މި ދާއިރާ އަށް ދިވެހިން ބިނާކޮށް އާއްމުން ހޭލުންތެރި ކުރުވުން ކަމަށެވެ. އޭނާ ވިދާޅުވީ ރަނގަޅު ޓީމެއް އުފެއްދުމާއި އިންޝްއަރެންސަށް ހޭލުންތެރި ކުރުވުމަކީ އެ ކުންފުނީގެ ވިޔަފާރީގެ މައި ސްޓްރެޓެޖީއެއް ކަމަށެވެ.

"އިންޝުއަރެންސަކީ ވަރަށް އެކްސްޕަޓީސް ބޭސް ބިޒްނަސްއެއް. އެހެންވެ މީގެ އެންމެ ބޮޑު އިންވެސްޓްމަންޓަކަށްވާނީ ހިއުމަން ރިސޯސް [މީހުން ބިނާކުރަން] މިކުރާ އިންވެސްޓްމަންޓް. އެހެންވެ އަޅުގަނޑުގެ އަބަދު ވެސް ވިސްނުމަކީ ދިވެހި މެނޭޖުމަންޓްތަކުން ހިންގާ ކުންފުނިތަކުން ދިވެހިން ތަމްރީން ކުރުން. އެގޮތަށް އެކަން ކުރީމަ ވަރަށް ކާމިޔާބު. އެލައިޑް އިންޝުއަރެންސްގެ ވެސް ހިދުމަތް ފުޅާވެގެން ގޮސް ރިސޯސަސް ބިލްޑްކުރީ މުޅިން ވެސް ދިވެހިން،" އެލައިޑް އިންޝުއަރެންސުގެ މެނޭޖިން ޑިރެކްޓަރުކަން ހަ އަހަރު ވަންދެން ކުރެއްވި ވާހިދު ވިދާޅުވި އެވެ."އެހެންނަމަވެސް މި އިންޑަސްޓްރީ ތެރޭގައި މިކަން ފެންނަނި މިހެންނެއް ނޫން. މީހުން ޓްރެއިން ކުރުމާ ކަންތައްތައް ވަރަށް ދަށްކޮށް ދިޔައީ."

އޭނާގެ މެނޭޖްމަންޓްގެ ދަށުގައި އެ ނިކުންނަނީ އެކަން ބަދަލުކޮށްލުމަށެވެ.

"ހިދުމަތް ބައްޓަން ކުރާނީ ތަޖުރިބާ އިން"

އެލައިޑް އިންޝުއަރެންސުގައި 20 އަހަރު މަސައްކަތް ކުރެއްވި، ވާހިދު ވިދާޅުވީ ދިވެހި އިންޝުއަރެންސުގެ މަސައްކަތް ބައްޓަން ކުރާނީ މި އިންޑަސްޓްރީން ލިބިލެއްވި ތަޖުރިބާގެ މައްޗަށް ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި އިންޝްއަރެންސް ވާނީ އާންމު ދިވެހިންނަށް ދިމާވާ ކަންކަން ދެނެގަނެ އެ ފަދަ ކަންކަމަށް ބަދަލު ހޯދައިދޭނެ އަދި އެންމެ ދިވެހިންނާ ގުޅޭނެ އިންޝްއަރެންސް ޕެކޭޖްތަކެއް ތައާރަފް ކުރުމަށެވެ.

"މިހާރު މި އިންޑަސްޓްރީގައިދޭ ހިދުމަތްތައް ބަދަލަކާއެކު ދޭނީ. އަޅުގަނޑަށް ވިސްނުނީ މިހާރުދޭ އިންޝުއަރެންސް ފުޅާކުރުން. ކަސްޓަމަރުންނަށް އިންޝުއަރެންސް ސޮލިއުޝަންސް ކިހިނެއްތޯ ދެވޭނީ. ކަސްޓަމަރުންނަށް ބޮޑަށް އެޑްވައިޒަރީ ރޯލެއްގެ ގޮތުގައި މަސައްކަތް ކުރަނީ،" ވާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި އިންޝުއަރެންސުން ބަލާނެ އަނެއް ކަމަކީ، އިންޝުއަރެންސް ކަވަރޭޖުތައް ނެތް އެހެން ދިމަދިމާލަށް ތައާރަފު ކުރުމަށް ކަމަށެވެ. އެގޮތުން ވިޔަފާރިތަކުގެ އެކި ދާއިރާތަކަށް ހާއްސަ އިންޝްއަރެންސްތަކާއި ޕާޒަނަލް އެކި އިންޝްއަރެންސްތައް ވެސް ދޭނެ ކަމަށް ވާހިދު ވިދާޅުވި އެވެ.

"ވިޔަފާރިތަކަށް ހާއްސަ އިންޝުއަރެންސްތައް ދޭނީ ފުރަތަމަ. މިހާރުވެސް ރިސޯޓުތަކާއި ވިޔަފާރިތަކުން ޝައުގުވެރިވޭ އެބަ،" ވާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ އިންޝުއަރެންސް ކުންފުނިތައް އައުމަކީ މުޅި ދާއިރާ އަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ސާވިސް ސްޓޭންޑަސްތައް ރަނގަޅުވެ، ރާއްޖޭގެ ވާދަ ކުރުމުގެ ތެރެއިން ރަނގަޅު ފުރުސަތުތަކެއް ވެސް ފެނިގެންދާނެ،" ދިހަ މުވައްޒަފުންނާއެކު އިންޝުއަރެންސުގެ ހިދުމަތް ފެށި، ކުންފުނީގެ އެމްޑީ ވިދާޅުވި އެވެ.

ދިވެހި އިންޝުއަރެންސް ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މަސް ކުންފުނި ކަމަށްވާ އެންސިސްގެ ސަބްސިޑަރީ ކުންފުންޏެވެ.