ބޭރު ކުޅިވަރު

ސިޓީ ކަޓުވާލުމަށް ފަހު ޔުނައިޓެޑް ކުއާޓާ އަށް

Oct 27, 2016

ހުއާން މަޓާ 54 މިނެޓުގައި ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާ އެކު މެންޗެސްޓާ ޔުނައިޓެޑުން ލީގު ކަޕުގައި، ވާދަވެރި މެންޗެސްޓާ ސިޓީ ރޭ ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

އޯލްޑް ޓްރެފޮޑްގައި ކުޅުނު މި މެޗަށް ފަހު ކުއާޓާ ފައިނަލުގައި ހަމަ މި ދަނޑަށް ޔުނައިޓެޑް ދެން ނުކުންނާނީ ޗެލްސީގެ މައްޗަށް ރޭ ކުރި ހޯދި ވެސްޓް ހޭމްއާ ދެކޮޅަށެވެ.

ރޭގެ މެޗަށް ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ނެރެފައި ވަނީ ނުވަ ބަދަލެއް ގެނެސްފައިވާ ޒުވާން ޓީމެކެވެ. ނަމަވެސް ޔުނައިޓެޑްގެ ކޯޗު، ހޯސޭ މޮރީނިއޯގެ ޓީމުގެ އެންމެ ވަރުގަަދަ ކުޅުންތެރިންނާ އެކު ސުޕަސްޓާރުން ވެސް ފެނިގެން ދިޔަ އެވެ.

ލީގު ކަޕަކީ މޮރީނިއޯ އަށް އިންގްލެންޑްގައި ހާއްސަކަމެއް އޮންނަ ޓްރޮފީއެކެވެ. އެގޮތުން މިއީ ޗެލްސީގެ ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އިންގްލެންޑްގައި މަސައްކަތްކުރިއިރު މޮރީނިއޯ އަށް ކާމިޔާބުކުރެވުނު ފުރަތަމަ ޓްރޮފީ އެވެ.

އަނެއްކޮޅުން ޔުނައިޓެޑުން ޗެމްޕިއަން ސިޓީ މުބާރާތުން ކަޓުވާލާފައިވާއިރު މީގެ ކުރިން ޔުނައިޑެޓާ ވާދަކޮށް ސިޓީ ކަޓައިގެން ދިޔަ ދެ ފަހަރު ވެސް މުބާރާތުގެ ތަށި އުފުލައިލީ ޔުނައިޓެޑުންނެވެ. އެހެންކަމުން މޮރީނިއޯގެ ފުރަތަމަ ސީޒަނުގައި ވެސް ޔުނައިޓެޑަށް ތައްޓެއްގެ ލިބުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފަ އެވެ.