މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިރާގަށް 1.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 184 މިލިއަންގެ ކުރިއެރުމެކެވެ. މިއީ ދިރާގުން ހޯދި ރެކޯޑް އަދަދެއްގެ ކާމިޔާބީ އެކެވެ.
ދިރާގުން އާންމުކޮށްފައިވާ މި އަހަރުގެ ނުވަ މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ތިންވަނަ ކްއާޓާގެ ސާފު ފައިދާގެ ގޮތުގައި ވަނީ 203 މިލިއަން ރުފިޔާ ދިރާގަށް ލިބިފަ އެވެ. އަދި ސެޕްޓެމްބަރުގެ ނިޔަލަށް ހިއްސާއަކަށް އާމްދަނީގެ ގޮތުގައި 10.72 ރުފިޔާ ޖެހެ އެވެ.
މި އަހަރު މިހާތަނަށް ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 806 މިލިއަން ރުފިޔާ ވަނީ ބަހާފަ އެވެ.
ތިންވަނަ ކުއާޓާގައި އަލަށް ތައާރަފްކުރި ކަންކަން
- 15 ޖީބީގެ މޮބައިލް ޕެކެޖް ތައާރަފްކުރުން
- މާފުށީގައި ފައިބާ ނެޓްވޯކެއް ގާއިމުކޮށް، ގޭގެއަށާއި ވިޔަފާރިތަކަށް ހައިސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުން
- އައިފޯންތައް ހާއްސަ އިންސްޓޯލްމެންޓް ޕްލޭންތަކާއެކު ފޯރުކޮށްދިނުން
- ލ. އަތޮޅުގެ ގޭގެއަށް ހާއްސަ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފްކުރުން
- ބަންގްލަދޭޝް ކަސްޓަމަރުންނަށް ހާއްސަ ޕެކެޖެއް "ސޭރާ"ގެ ނަމުގައި ތައާރަފްކުރުން
- އެންމެ ހެޔޮ އަގުގައި ހައްޖު މަހު ސައުދީއަށް ގުޅޭނެ ރޭޓެއް ތައާރަފްކުރުން
އެ ކުއާޓާގެ ތެރޭގައި ސީއެސްއާރް ހަރަކާތްތަކެއް ވެސް ވަނީ ދިރާގުން ހިންގާފަ އެވެ. އެގޮތުން ރެޑް ކްރެޒެންޓްގެ ކޯޕަރޭޓް މެންބަރަކަށްވުމާއި ކުޑަ ކުދިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ކެއާ ސޮސައިޓީ އަދި ޖެންޑާ މިނިސްޓްރީއާއެކު ހަރަކާތްތަކެއް ހިންގުމަށް ފައިސާގެ އެހީ ދީފައިވެ އެވެ. އަދި އީދު ދުވަހާ ގުޅުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް އީދު ހަދިޔާ ދީފައިވެ އެވެ.