ޕީޕީއެމްގެ ކޯޅުންތައް

ތިން މެންބަރަކު މައުމޫން ފަޅިއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ގުޅިވަޑައިގެންފި އެވެ.

މިއަދު މައުމޫންގެ ފަހަތްޕުޅަށް އަރައިވަޑައިގަތީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދާއި ތިނަދޫ ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.

އާ ތިން މެންބަރުން މައުމޫންއާ ގުޅިވަޑައިގެން ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާ ވަނީ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި މައުމޫންއަށް ތާއީދުކުރައްވާކަން މީގެ ކުރިން ހާމަކުރައްވާފައިވާ ޕީޕީއެމްގެ އެހެން މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެގޮތުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އަދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހިމެނިވަޑައިގަންނަވަ އެވެ. އަދި އެމްޑީއޭއަށް ނިސްބަތްވާ މެންބަރު ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި މެންބަރުންނަކީ މިހާތަނަށް ވެސް ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ވިޕްލައިނާ ހިލާފަށް ވޯޓް ދެއްވާ ސަރުކާރުގެ ސިޔާސަތު ތަކާ ދެކޮޅު ހައްދަވާ ބޭފުޅުންނެވެ.