ހަބަރު

ފުރަގަސް ފަރާތު ފޮރުވައިގެން ޑްރަގް އެތެރެކުރި ބިދޭސީއަކު ހައްޔަރު ކޮށްފި

Mar 5, 2015

އެތެރެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އަތުލައިގަނެ ހައްޔަރު ކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނީ އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ ސްރީލަންކާމަގުން ރާއްޖެއައި ޕާކިސްތާނުގެ މީހެއް ކަމަށެވެ. އުމުރުން 69 އަހަރުގެ މީހާ ރާއްޖެއައިސްފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.

ކަސްޓަމްސް އިން ބުނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބޭ ކަސްޓަމްސްގެ އޮފިސަރުން އެމީހާއާ ސުވާލުކޮށް ފާސްކުރުމުގެ ތެރޭގައި، އޭނާގެ ހަށިގަނޑުގެ އެތެރޭގައި އެފަދަ އެއްޗެއް ފޮރުވާފައި ހުރެދާނެ ކަމަށް ބެލެވި، ހޮސްޕިޓަލަށް ގެންގޮސް އޭނާގެ ހަށިގަނޑު އެކްސްރޭކޮށްގެން ބެލިއިރު، ފުރަގަސްފަރާތަށް ލައްވާފައި 5 ބުލެޓް އޮތް ކަމަށާއި ިބްލެޓްތައް ނަގައި އޭގައި ހުރި ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވްވި ކަމަށެވެ.

އަތުލައިގެން އެތަކެތީގެ ބަރުދަނުގައި 50 ގްރާމް ހުރި ކަމަށާއި އަތުލައިގަތް މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.