ހަބަރު

ސަރުކާރަށް ކުރާ ތާއީދު މައުމޫން ގެންދަވައިފި

މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ކުރަމުން ގެންދެވި ތާއީދު ސަރުކާރު ހިންގާ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް މިރޭ އަނބުރާ ގެންދަވައިފި އެވެ.

އެ މަނިކުފާނު މި ތާއީދު އަނބުރާ ގެންދެވީ ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލު ކުރުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް މިރޭ ޕާޓީއަށް ފަސް އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވަން އުޅުނު ޖަލްސާއެއް މަސްލަހަތައްޓަކައި ފުލުހުން ހުއްޓުވާފައި ވަނިކޮށް ކުއްލި ގޮތަކަށް ޝީ ބިލްޑިންގުގައި ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ.

މިރޭ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވަން ނިންމި ނިންމެވުމުގެ ވާހަކަ ވިދާޅުނުވެ ވޭތޯ މިހާތަނަށް ވެސް ބެއްލެވި ކަމަށެވެ.

"އަޅުގަނޑަށް މިހާރު ގަބޫލުކުރެވެނީ މި ހިނގާ ސަރުކާރަކީ ޕީޕީއެމްގެ ވިސްނުމާއި ޕީޕީއެމްގެ އާއްމު އުސޫލުތަކާއި އެއްގޮތަށް ހިންގާ ސަރުކާރެއް ނޫނޭ. އަދި މި ސަރުކާރުގެ ކަންކަން އަޅުގަނޑު މި މަގާމުގައި ހުރީމަ ކޮންމެސް ވަރަކަށް އަޅުގަނޑުގެ ބޮލުގައިވެސް މި ޒިންމާ އެޅޭ. އެހެންވީމަ އަޅުގަނޑު މި ގަސްތުކުރީ މިހާތަނަށް މި ސަރުކާރަށް ދެމުން އައި ތާއީދު މިހާރުން ފެށިގެން އަނބުރާ ގެންދިއުމަށް،" މައުމޫން ވިދާޅުވި އެވެ.

މިހާރު ސަރުކާރު ތެރޭގައި މި ހިނގާ ބޮޑެތި ކަންކަމުގެ ޒިންމާ އެމަނިކުފާނު އުފުއްލަވަން ބޭނުންފުޅު ނުވާކަމަށާއި އަދި ފަހުންވެސް ޕީޕީއެމްގެ ރައީސްގެ މަގާމުގައި ވަކި މީހަކު ހުރެގެން ޕީޕީއެމްގެ ސަރުކާރުން އެވެނި މިވެނި ކަންތައްތަކެއް ކުރިކަމަށް ބުނުމުގެ ފުރުސަތު ދޭން ބޭނުންފުޅު ނުވާ ކަމަށް ވެސް މައުމޫން މިރޭ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ މި ސަރުކާރު ގެނައީ އެޕާޓީގެ މެމްބަރުންގެ މަސައްކަތުން ކަމަށާއި ވެރިކަމަށް އައީ ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒުކުރަން ކަމަށެވެ. މި ސަރުކާރުން ކުރަމުންދާ ގޯސް ކަމެއް އޮތް ނަމަ އެކަންތައްތަކުގެ ބަދުނާމު އެ މަނިކުފާނުގެ އިސްތަށިފުޅުގައި އެޅޭ ކަމަށާއި އެކަންކަމުގެ ޒިންމާ ނަގަން ޖެހެނީ ރައީސް މައުމޫނު ކަމަށް ދެކެ މީހުން ވަރަށް ގިނަ މަށެވެ. އަދި އެއީ ޕާޓީގެ ރައީސަކީ އެމަނިކުފާނު ކަމަށްވީތީ ކަމަށެވެ.

ރައީސް ޔާމީނާ ބައްދަލުކޮށް މައްސަލަތައް ހައްލުކުރުމަށް ކުރެއްވި ކަމަށާއި އެ މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށާއި އެމަނިކުފާނާއި ރައީސް ޔާމީން ބައްދަލުނުވާތާ އަހަރެއް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭ ރައީސް މައުމޫން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެ ވަރަށް ގިނަ ތުހުމަތުތަކެއް ވެސް ކުރައްވާފަ އެވެ.