ލައިފްސްޓައިލް

ބޮލުގައި ހަން ފޮޅުމަށް ގޭގައިވެސް ހައްލެއް ހޯދިދާނެ

Oct 28, 2016
1

ބޮލުގައި ހަންފޮޅޭ ވާހަކަ އާއި ބޮލުގައި ހަންފޮޅުމުން ކުރެވިދާނެ ފަރުވާތައް ނިކަން ގިނަ އެވެ. ސޯޝަލް މީޑިއާގައިވެސް މޮޅެތި "ބޭސް ތައް" ތައްޔާރުކުރާނެ ގޮތުގެ ޕޯސްޓުތައް ދައުރުުރެ އެވެ. ޓީވީ ހުޅުވާލިއަސް މޮޅެތި ޝޭމްޕޫތަކާއި ތެޔޮތަކުގެ އިޝްތިހާރު ދައްކަ އެވެ. އެންމެ ފަހުން ބޭނުންކުރަންވީ ކޯއްޗެއްކަން ނޭނގި އެކިފަހަރު އެކި އެއްޗެހި ބޭނުންކުރާ މީހުންވެސް މަދެއް ނޫނެވެ.

ބައެއް މީހުންނަކީ ފާޑުފާޑުގެ ބޭސްތަކާއި ޝޭމްޕޫތަކަށް އިތުބާރުކުރާ މީހުންނެއް ނޫނެވެ. އެމީހުން ބޭނުންވަނީ ގުދުރަތީ ފަރުވާ އެކެވެ. ޝޭމްޕޫ ފަދަ ތައްޔާރީ އެއްޗެހީގައި ބޭނުންކޮށްފައި ހުންނަ ކެމިކަލްތަކަށް އިތުބާރު ނުކުރެވޭތީ އެއިން އިތުުރ ގެއްލުމެއް ލިބިދާނެތީ އެވެ. އެހެންވީމަ އެންމެ ރަނގަޅުވާނީ ގޭގައި ފަސޭހައިން ތައްޔާރުކޮށްލެވޭ ކަހަލަ ބޭހެއް ބޭނުން ކުރުމެވެ.

ލުނބޯހުތުގެ ތެރެއަށް ކުޑަ ހުތް ކިރު ފޮދެއް އަދި ތެޔޮފޮދެއް އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު ބޮލުގައި އުނގުޅާށެވެ. 15-20 މިނެޓު ވަންދެން އުނގުޅާފައި ބެހެއްޓުމަށްފަހު ދޮވެލާށެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު މިގޮތަށް މި ޕޭސްޓް ބޭނުންކުރަންވާނެ އެވެ. މީގެ އިތުރުން އޭގެ ތެރެއަށް ކުކުޅު ބުހުގެ ރީނދޫބައިވެސް އިތުރުކުރެވިދާނެ އެވެ. މި ޕޭސްޓް އުނގުޅުމަށްފަހު ޕްލާސްޓިކް ކަވާ އަކުން ބޯ ނިވާކޮށްލަން ޖެހޭނެ އެވެ.

ބޮލުގެ ހަންފޮޅުމަށް ގޭގައި ތައްޔާރުކުރެވިދާނެ އަނެއް ފަރުވާއަކީ ޑޭންޑްރަފް ރިމޫވާއެއްގެ ގޮތުގައި ބޭކިން ސޮޑާ ބޭނުންކުރުމެވެ. ބޭކިން ސޮޑާއަކީ ބޮލުގެ ހަންފޮޅުމަށް އަވަސް ހައްލެއް ގެނެސްދޭ އެއްޗެއް ކަމަށް ސިއްހަތާބެހޭ މާހިރުން ވިދާޅުވެ އެވެ. މީގެ އިތުރުން އެޕަލް ސައިޑާ ވިނިގާއަކީ ވެސް ރަނގަޅު ފަރުވާއެކެވެ. ބޮލުގައި އެޕަލް ސައިޑަ ވިނިގާ އުނގުޅުމަށްފަހު 20 މިނެޓުވަންދެއް ބަހައްޓާފައި ދޮވެލާށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެދެވޭ ނަތީޖާއެއް ލިބިދާނެ އެވެ.

މީގެ އިތުރުން ޓީ ޓްރީ އޮއިލްގެ މިންވަރެއް އެކުލެވޭ ޝޭމްޕޫއެއް ބޭނުންކުރުމަކީވެސް މުހިންމު ކަމެކެވެ. ޓީ ޓްރީ އޮއިލްގައި ހަންގަނޑަށް މުހިންމު އެތައް މާއްދާއެއް އެކުލެވިގެންވެ އެވެ.