ވިޔަފާރި

ސަޓާ އެވޯޑު އެމްއެމްޕީއާރުސީން އެންޑޯޒްކޮށްފި

Oct 28, 2016

ސްރީލަންކާގެ ކޮލަމްބޯގައި އަންނަ މަހު ބާއްވާ ސައުތު އޭޝިޔަން ޓްރެވަލް އެވޯޑު (ސަޓާ) މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އެންޑޯޒް ކޮށްފި އެވެ.

ދެކުނު އޭޝިޔާއަށް ހުޅުވާފައިވާ ބާއްވާ މި އެވޯޑު އިންތިޒާމު ކުރާ "ހައިރައިޒް" އިން ބުނީ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީއާ ބައްދަލުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ބައިވެރި ވަޑައިގަތީ އެކްޓިން އެމްޑީ ހާރިސް މުހައްމަދު އެވެ. އަދި އަޓާގެ ފަރާތުން ބައިވެރި ވަޑައިގަތީ ނައިބް ރައީސް ޝައުޝާން ޝަފީގާއި ސެކްރެޓަރީ ޖެނަރަލް މިރުޝާދު އެވެ. އަޓާ ސްރީލަންކާގެ ފަރާތުން ބައިވެވަޑައިގަތީ ތުއާން ޝާބިރު ގަފޫރު އެވެ.

މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިސް ވިދާޅުވީ ސަޓާ އެވޯޑަށް 270 ފަރާތެއް ނޮމިނޭޓް ވެފައިވުމަކީ މި ސަރަހައްދުގެ ޓޫރިޒަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ސަޓާ އެވޯޑު އޮތީ އަންނަ މަހުގެ 15 އިން 16 ސްރީލަންކާގެ މައުޓް ލެވީނިޔާ ހޮޓެލްގަ އެވެ.ސަޓާ އެވޯޑަށް 273 ނޮމިނޭޓް ކޮށްފައިވެ އެވެ. މި އެވޯޑަށް 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ. މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.