ކޮފީ ތައްޓަށް ޒަހަރު އަޅައި ބޯންދީގެން އެކުވެރިޔާ މަރާލި އިންޑޮނޭޝިއާގެ އަންހެންމީހާ 20 އަހަރަށް ޖަލަށްލާން ޖަކާޓާ ސެންޓްރަލް ކޯޓުން ހުކުމްކޮށްފި އެވެ.
މުޅި އިންޑޮނޭޝިޔާ ސިއްސުވާލި އެ މައްސަލާގައި ކޯޓުން އިއްޔެ އިއްވި ނިޔާއާ މެދު މައްސަލާގައި ޖަލަށްލި ޖެސިކާ ވޮންގޯ ބުނެފައިވަނީ އޭނާއަށް ޖަލު ހުކުމް އިއްވާފައިވަނީ ބޭއިންސާފުން ކަމަށެވެ. ވޮންގޯ އަކީ އޮސްޓްރޭލިއާގައި ދިރިއުޅެމުންދާ އިންޑޮނޭޝިއާގެ ރައްޔިތެކެވެ.
މަރާލި ރަހުމަތްތެރިޔާ، ވަޔާން މިރްނާ ސާލިހިން އާ ވޮންގޯ އެންމެ ފަހުން ބައްދަލުވީ މިދިޔަ ޖެނުއަރީމަހު ޖަކާޓާގެ ކެފޭއަކުންނެވެ. އެ ދުވަހު ކެފޭގައި ވަޔާންއަށް ކޮފީ އޯޑަރު ދިނީ ވޮންގޯ އެވެ. ވަޔާޏް މަރުވީ އޯޑަރު ކުރި ކޮފީން ކޯވަރެއް ބުއިތާ މިނިޓްތަކެއް ފަހުން ކަމަށް އިންޑޮނޭޝިއާގެ ރިޕޯޓްތައް ބުނެ އެވެ. ވަޔާންގެ މަރުގެ ތަހުގީގަށް ހެދި އޮޓޯޕްސީގެ ނަތީޖާއިންވެސް ވަނީ އޭނާގެ ހަށިގަނޑުން "ސެނައިޑް" ނަމަކަށް ކިޔާ ކެމިކަލެއް ފެނިފަ އެވެ. އެއީ އިންސާނުންނަށް ޒަހަރެކެވެ.
އިންޑޮނޭޝިއާގައި "ކޮފީ ކިލާގެ" ނަމުން މަޝްހޫރުވެފައިވާ ވޮންގޯ ވަނީ ޝަރީއަތުގައި އޭނާގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި ވަކީލު އޭނާއާ ދެކޮޅަށް ދެއްކި ހުރިހާ ވާހަކައަކަށް ވެސް އިންކާރުކޮށްފަ އެވެ. އެ މައްސަލާގައި އިދިކޮޅު ވަކީލު ބުނެފައިވަނީ އެކުވެރިޔާ މަރާލަން ވޮންގޯ ނިންމީ، އޭނާ ރައްޓެހިވެގެން އުޅުނު ފިރިހެންކުއްޖާއާ ގުޅުން ކަނޑާލަން ސާލިހިން ނަސޭހަތްދިނުމުން ކަމަށެވެ.
ވޮންގޯގެ ޝަރީއަތް ކުރިއަށްދިޔަ އިރު ޖަކާޓާގެ ސެންޓްރަލް ކޯޓު ކައިރީގައި އެތައް ސަތޭކަ މީހުން މަންޒަރު ބަލަން އެއްވި އެވެ. އެގައުމުގެ ދުރު ސަރަހައްދުތަކުން ވެސް އެ ޝަރީއަތުގެ ކަންކަން ކުރިއަށްދާގޮތް ބަލަން އެއްވި ކަމަށް އެގައުމުގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ގާތްގަނޑަަކަށް 500 އެއްހާ މީހުން އެ ސަރަހައްދަށް އިއްޔެ އެއްވި އިރު، މީހުންގަނޑު ކޮންޓްރޯލްކުރަން ގިނަ އަދަދެއްގެ ފުލުހުން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.
ވޮންގޯ 28، އެންމެ ފުރަތަމަ ސާލިހިންއާ ބައްދަލުވީ، ސިޑްނީގެ ޑިޒައިން ކޮލެޖްގައި ކިޔަވަމުން ދިޔަ ދުވަސްވަރު އެވެ. އޭގެ ފަހުން އެ ދެމީހުން އުޅުނީ ގާތް ދެ އެކުވެރިންގެ ގޮތުގަ އެވެ. މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެ ދެމީހުން ޖަކާޓާގެ ކެފޭ އެއްގައި ބައްދަލުވީ ކޮފީ އަކަށެވެ. އޭގެ ކުރިން ވޮންގޯ ވަނީ ޑްރިންކްސް އޯޑަރު ކުރާނީ އޭނާ ކަމަށް ބުނެ ސާލިހިން އަށް މެސެޖެއް ކޮށްފަ އެވެ. އެ މައްސަލާގައި ޝަރީއަތުގައި ދެއްކި ސީސީޓީވީ ފުޓޭޖުން ފެނުނީ، ކޮފީ ބުއިމަށް ސާލިހިން އިތުރު އެކުވެރިއަކާއެކު ކެފޭ އަށް އައި ތަނެވެ. އަދި ކޮމީ މޭޒުގައި އިށީނުމަށްފަހު ކޮފޯތަށިން ކޯވަރެއް ބޯލިތާ ކުޑަ އިރުކޮޅެއް ފަހުން މަރުވެގެން ވެއްޓުނު މަންޒަރެވެ. ނަމަވެސް ފުލުހުންނަށް ވަނީ އެ މަރާ ގުޅިގެން ހިންގި ތަހުގީގުން ހެދި އޮޓޯޕްސީން ސާލިހިންގެ ބަނޑުން ސެނައިޑް ފެނިފަ އެވެ.