އެމްއެންޑީއެފް

ލަންކާއާ ދިވެހި ސިފައިން މިއަދު ހަވީރު ސަގާފީ ކުޅިވަރުތައް ދައްކާލަނީ

Oct 29, 2016

މިހާރު ކުރިއަށްދާ އެކްސަސައިޒް ދޯސްތީގައި ބައިވެރިވުމަށް ރާއްޖެ އައިސްއުޅޭ ސްރީލަންކަން ކޯސްޓްގާޑު ޝިޕް ސާގަރާގެ ސިފައިންނާއި އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުގެ ސިފައިން ގުޅިގެން މިއަދު ޝަގާފީ އައިޓަމްތަކެއް ހުށަހަޅާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި މި ސަގާފީ ހަރަކާތްތައް ކުރިއަށް ދަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގަ އެވެ. ކުޅިވަރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގަ އެވެ. ކުޅިވަރުތައް 5:30 އާ ހަމައަށް ކުރިއަށްދާނެ އެވެ. ކުޅިވަރުތައް ބަލައިލުމުގެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.

މިއަދު ހުށަހަޅައިދޭ އައިޓަމްތަކުގައި ރާއްޖެ އާއި ސްރީލަންކާގެ ޝަގާފީ ހަރަކާތްތައް ދައްކާލުމަށް ހަމަޖެހިފައިވާއިރު، ދެ ގައުމުގެ މިލިޓަރީ ބޭންޑުގެ މިޔުޒިކް އައިޓަމްތައް ވެސް ހުށަހަޅައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތްތައް ހުށަހަޅައިދޭ ދެ ގައުމުގެ ސިފައިންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.