ލައިފްސްޓައިލް

ލޯބިވީ ފިލަން ކެރޭވަރަށް! ހިތްނުބައިވީ މަރަން ކެރޭވަރަށް!

އަލަތު ދަރިފުޅަށް ބަލިވެ އިން އަނބިމީހާ ވިއްސާ ކޮޓަރިއަށް ވެއްދިއިރު ހުސެން (އަސްލު ނަމެއް ނޫން) ގެ ބަނޑު ވެސް އާދަޔާހިލާފަށް ބޮޑެވެ. ވިހެއުމުގެ ވޭންވަރު ލައިގަނެފައި އޮތް އަނބިމީހާގެ ކެކުޅުންތައް ގަދަވަމުންދިޔައިރު ހުސެންގެ ހާލު ވެސް ދިޔައީ ބޮޑުވަމުންނެވެ. ބަނޑު ވެސް ދިޔައީ ފުފެމުން ބޮޑުވަމުން ބޭރަށް ނުކުންނަމުންނެވެ. އެކަމަކު ހުސެންގެ ބަނޑުގައި އޮތީ ދަރިއެއް ނޫންކަން ކަށަވަރެވެ. ނަމަވެސް އެ ކަންބޮޑުވުން އެންމެފަހުން ބިރުވެރި ކަމަކަށް ބަދަލުކޮށްލީ ޑޮކްޓަރަށް ދައްކައިގެން ވެސް ހައްލެއް ނުލިބި، ވާނުވާ ނޭނގި އުޅެނިކޮށް އެއް ރެއެއްގެ މެންދަމުގައި ހުސެންއާ ހުވަފެނުގައި ބައްދަލުކުރި ކަޅު ބިޔަ މީހެއްގެ ބަރު ހަށިގަނޑު ދަށުވެ ފިތި، ނޭވާނުލެވިގެންނެވެ.

އެ ބިރުވެރި ހުވަފެނަކުން ސިއްސައިގެން ގޮސް ހޭލެވި، ހޭވެރިކަންވިޔަސް އޭރު ވަގުތު ފާއިތުވެއްޖެ އެވެ. ހުވަފެނެއްހެން ހީވިޔަސް އެއީ ހުވަފެނެއް ނޫނެވެ. މާރިނދު ޖިންނިއަކު ގޮސް ހުސެންގެ ހަށިގަނޑު ތެރެއަށް ވަދެ އޭނާގެ މައްޗަށް ވެރިވެގަތީ އެވެ.

އޭރު ހުސެންގެ އަންހެނުން ވިހައިފި އެވެ. ލޯބި، ލޯބި އަންހެން ކުއްޖެކެވެ. އެކަމަކު އެ އުފާވެރިކަމެއް އިހްސާސްނުކުރެވި ހުސެންގެ ނަފުސު މަޑުމަޑުން ގެނބެމުން ގޮސް ގެއްލެމުން ދިޔައީ ފުން އަނދިރިކަމެއްގެ ތެރެއަށެވެ. ރުގްޔާ ކިޔަވާ މީހާ އައިސް އޭނާގެ ނިއްކުރީގައި ހިފަހައްޓައިގެން ހުރެ ކިޔެވެލި ކިޔަވަން ފެށީމަ ނޭވާ ހާސްވެގެން މަރަށް ތެޅިގަންނަނީ އެވެ.

އެ ހަށްޓަކު އޭރަކު ހެއެއް ނެތެވެ.

މިއީ ހަގީގީ ވާހަކައެކެވެ. ކުއްލިއަކަށް ލައިގަތް މުސީބާތަކުން ދިރިއުޅުމުގެ ފަހު ނޭވާ ތަޖުރިބާކުރަން ޖެހިފައިވާ ޒުވާނެއްގެ ބަލި ހާލާތާއި ބަދުނަސީބާއި ބަލިއެނދުގެ ބިރުވެރި ވާހަކަ އެވެ.

މި ވާހަކައެއް ފަށައިގަންނާނީ ލޯބި އެންމެ ލޯބި ހަނދާނާއި ކަރުނައިގެ ތެރެއިންނެވެ. މިއީ ހަމައެކަނި ޖިންނި އަކާއި އިންސާނެއްގެ ވާހަކައަކަށް ނުވާތީ އެވެ. ލޯބީގެ ފަލްސަފާ އާއި ދަރުބާރާއި ހަސަދަ އާއި ސިހުރު ހާހޫރުގެ ނުބައި އަހުލުވެރިން ވެސް މި ވާހަކަގައި އުޅޭތީ އެވެ.

ނަމަވެސް ލޯތްބަށް ވުރެން ގަދަ ކަމެއް ނުވަތަ ބާރުގަދަ އެހެން މީހަކު ވެސް މި ވާހަކައެއްގައި އެންމެ ފުރަތަމަ ނެތެވެ.

ލޯބިވީ ފިލަން ކެރޭވަރަށް!

ލޯބީގެ އެންމެ ބާރުގަދަ ވައްތަރަކީ މިއީ އެވެ. މުޅި ދުނިޔެ ދެކޮޅުހެދިޔަސް އެ ލޯތްބެއްގެ ދިފާއުގައި ނުކުންނަން ކެރުމުގެ ޖެހިލުން ކުޑަ ކަމެވެ.

ހުސެން އާއި ރީމާ (އަސްލު ނަމެއް ނޫން) ގެ ހިތް ބައްދަލުވެ، ގުޅި ގެތިގެން ދިޔައީ މި ގަދަފަދަ ފަލްސަފާގެ ތެރެއިންނެވެ. ހިތާއި ހިތް ގުޅި، ދެ ހަށިގަނޑު އެއް ހަށިގަނޑަށް ބަދަލުވެގެން ދިޔައީ އެވެ. އެންމެ ފުރަތަމަ ސޯޝަލް މީޑިއާ ތެރެއިންނެވެ. އެއަށް ފަހު ސިޑިމަތިންނެވެ. އެއަށް ފަހު ސައިކަލުގައި މާލެ ކުޑަކުރި ބުރުތަކުންނެވެ.

ނަމަވެސް މާފޮޅުވަން ތިބި ސިޑިއަށް ވުރެ މައްޗަކަށް އެންމެ ފުރަތަމަ މި ލޯބީގެ ހަރުގަނޑުން އެ ދެ މީހުންނަކަށް ނޭރުނެވެ. ބައެއްގެ ހިތްނުބައިވެ، ހަސަދަލައިގަތީ އެވެ. ނުވަތަ ޓީޗަރަކަށް ހެދުމަށް ކިޔަވަން މާލެ ފޮނުވި އަންހެން ކުއްޖާ މީހަކާ ހިތާވުމުން އެކަން އެ އަންހެން ކުއްޖާގެ އާއިލާ އަށް ކަމުނުދިޔައީ އެވެ.

"މަށާ ކައިވެނިކުރަން ކެރޭނެތަ؟" ފިރިހެން ކުއްޖާ ކުރީ މި ސުވާލެވެ.

"ހީވޭތަ އެމީހުން އެއްބަސްވާނެހެން؟،" އަންހެން ކުއްޖާ ވެސް ކުރީ ސުވާލެކެވެ.

"ކީއްވެ ގަބޫލުނުވާންވީ؟،" އެންމެފަހުން އެ ސުވާލަކުން ނޭރި އެވެ.

ސިޑިން މައްޗަކަށް ދެ މީހުންގެ ލޯބީގެ ވާހަކައެއް ވެސް ނޭރި އެވެ. ދެ މީހުން ރައްޓެހިވެގެން އުޅޭކަން އަންހެން ކުއްޖާގެ އާއިލާ އަށް އެނގުނު ހިސާބުން އަންހެން ކުއްޖާގެ އަތުން ފޯނު އަތުލައި، ދެ މީހުން ބައްދަލު ކުރުން ވެސް މަނާކޮށްފި އެވެ. ނަމަވެސް ސިޑިމަތީގައި ފޮޅެމުން ދިޔަ ލޯބީގެ ގުލްޒާރު މޯޅިވެ، މިލައިގެނެއް ނުދިޔަ އެވެ. – އޭގެ މޫތައް ފުނަށް ހެދި އިތުރަށް ވަރުގަދަވީ އެވެ.

އެންމެފަހުން އަންހެން ކުއްޖާގެ ކިޔެވުން ހުއްޓުވާލުމަށް ފަހު އޭނާ ގޮވައިގެން އާއިލާ މީހުން ރަށަށް ފުރައިފި އެވެ. ދެ މީހުންނަށް ވާހަކަ ދެކެވޭނެ މަގާއި ދެ މީހުން ފެންނާނެ މަގުތައް ވެސް ބަންދުކޮށްފި އެވެ.

އިތުރު ގޮތެއް ނެތުމުން، ހުސެން ފުރައިގެން ދިޔައީ އޭނާ ވެއިޓަރެއްގެ ވަޒީފާ އަދާކުރާ ރިސޯޓަށެވެ. ނަމަވެސް އެންމެ ލޯބިވާ މީހާ ފެންނަން ނެތް ހިސާބުގައި ހުސެންގެ ހަތަރެސްފައި ރަނގަޅަކަށް މަސައްކަތެއް ނުކުރެ އެވެ.

މި ހާލެއްގައި އުޅެނިކޮށް އޭނާގެ ފޯނަށް އަންނަނީ، ނުދަންނަ ނަމްބަރަކުން ކޯލެކެވެ. މިސްވި އެ ކޯލަށް ފަހު އޭނާ އަލުން އެ ނަމްބަރަށް ގުޅީ އެއީ ރީމާގެ ފޯނު ކޯލެއްކަން ޔަގީންވެގެންނެވެ. އޭރު ލޯބިވެރިޔާގެ ހާލު ވަރަށް ވެސް ގޯހެވެ. އާއިލާ މީހުންގެ އަނިޔާ އާއި ކަސްތޮޅުގައި ވަރުދެރަވެފަ އެވެ.

އެ ހިސާބުން ވަގުތުން ރިސޯޓުގެ ވަޒީފާ ދޫކޮށްލުމަށް ފަހު، ހުސެން ފުރައިގެން ދިޔައީ އޭނާގެ ލޯބިވެރިޔާ ހިމާޔަތް ކުރުމަށެވެ. ދެ އަތް ދިއްކޮށްގެން ދިޔަ ނަމަވެސް އެ ދެ އަތުގައި ހިފޭ ވަރަށް ވުރެން އަންހެން ކުއްޖާގެ ހާލު ދެރަ އެވެ. ދެ މީހުން ތިބެން ޖެހުނީ މާ ދުރުގަ އެވެ.

ރީމާގެ ރަށަށް ހުސެން ދިޔަ ދުވަހު އޭނާގެ އާއިލާގެ އެންމެން ކަހަލަ ގޮތަކަށް ގޭދޮށަށް އެއްވެ ތިއްބެވެ. އޭގެ ތެރޭގައި ރީމާގެ ބައްޕަ އާއި މަންމަ ވެސް ހުއްޓެވެ. މަގުގެ ކޮޅުން ހުސެން ދައްކައިލުމާ އެކު ރީމާގެ ކަންފަތް މަތީގައި އޭނާގެ ބައްޕަ އެތިފަހަރެއް އަޅުވައިލި އެވެ. އެ އަނިޔާއިން ލޯބިވެރިޔާ ސަލާމަތްކުރަން ކިތަންމެ ބޭނުންވިޔަސް ހުސެންގެ ބާރެއް އޭރަކު ނެތެވެ.

އެންމެ ފަހުން މައްސަލަ ގޯސްވެ، ރަށު ފުލުހުން އެ މައްސަލަގަނޑުގެ ތެރެއަށް ވަންނަވަރުވީ 19 އަހަރުގެ އެ އަންހެން ކުއްޖާ ކޮޓަރިއެއްގައި ބަންދުކޮށް އަނިޔާ ކުރުމުންނެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރީ ހުސެން އެވެ. ފުލުހުން އާއިލާ އަށް އެންގީ ބޮޑުވެފައި ހުރި އަންހެން ކުއްޖަކު އެގޮތަށް ނުހިފެހެއްޓޭނެ ކަމަށެވެ.

އެ ހިސާބުން ދުވެފައި އައިސް ރީމާ އަނެއްކާވެސް ހުސެންގެ އުނގަށް ވެއްޓިގަތެވެ. ލޯބީގެ ސިޑިން ދެ މީހުން އަނެއްކާވެސް މައްޗަށް އަރައިގަތެވެ.

ދެ މީހުން ވެސް އެކަކު އަނެކަކު ދެކެ ލޯބިވީ، ދުނިޔެ އަށް ވެސް ފިލަން ކެރޭ މިންވަރަށް ކަމުގައިވީތީ އެވެ.

ލޯބީގެ ބޮކި ދިއްލި މުޅި ރަށް އެލާޓަށް އައުން!

ކިޔަމުންދާއިރު މިއީ ލޯބީގެ ހިޔާލީ ވާހަކައެއްހެން ހީވިޔަސް މިއީ މީގެ ތިން އަހަރުކުރިން ބ. އަތޮޅުގެ ރަށެއްގައި ހިނގާފައިވާ ލޯބީގެ ނިކަން ވަރުގަދަ ކުޅިގަނޑެކެވެ. ލޯބީގައި ޖެހި މީހުން ދީވާނާވާ ވާހަކަ އާއި ގުރުބާންވެ ފުރާނަ އަށް ގެއްލުންވާ ހިސާބަށް ކަންތައް ދާ ވާހަކަ ލޯބީގެ އަސަރުގަދަ ވާހަކަތަކުން ކިޔައި ފިލްމުތަކުން ބަލައި ހަދަމެއް ނޫން ހެއްޔެވެ؟ ހުސެން އާއި ރީމާގެ ވާހަކައިގައި ވެސް ވަކި ތަފާތެއް ނެތެވެ.
އަސަރު ވެސް އެހާ ގަދަ އެވެ. ޑްރާމާ ވެސް އެހާ ބޮޑެވެ.

އެ މީހުންގެ ލޯތްބަށް އަނެއް ޓްވިސްޓެއް އައީ ފިލަން ރޭވި ހިސާބުންނެވެ.

ދެ މީހުން ޓެކްސީ އަށް އެރީ ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިއުމުގެ ނަމުގަ އެވެ. އޭރު މި ޓެކްސީގެ ޑްރައިވަރާ ވާހަކަ ދައްކައިގެން ހުސެން ވަނީ ހުރިހާ ކަމެއް ހަމަޖައްސައިފަ އެވެ. ލޯންޗު އޮތީ ރީމާ ގޮވައިގެން ނައްޓާލުމަށް އިންޖީނު ސްޓާޓްކޮށް ވާ ކަހާލައިގެންނެވެ.

ނަމަވެސް ފިލުންވީ އެހާ ފަސޭހަ ކަމަކަށް ނޫނެވެ. ރީމާގެ މަންމަ ވެސް އެމީހުން ފަހަތު އަޅުވައިލުމުންނެވެ. ފުލުހުން މެދުވެރިވެގެން ރީމާ ދޫކޮށްލަން މަޖުބޫރުވި ނަމަވެސް އޭނާގެ އާއިލާގެ މީހަކު އަބަދުވެސް އޭނާއާ އެކު ހިޔަންޏެއްހެން ދަތުރުކުރެ އެވެ. ހުސެންއާ އެކު ފިލައިގެން ހިނގައިދާނެ ކަމަށް ހީކޮށް ކަމަށް ވެސް ވެދާނެ އެވެ.

އެކަމަކު އެންމެފަހުން، ލޯންޗަށް އަރައިގެން އަންހެން ކުއްޖާ ފިލައިގެންދިޔައިރު ވެސް އޭނާގެ މަންމަ އަށާއި އާއިލާގެ އެހެން މީހުންނަށް ވެސް ވީނުވީއެއް ނޭނގުނެވެ. އޭރު ވެސް ރީމާގެ މަންމަ ދިޔައީ ހުސެންއާ އެކު ރީމާ އެރި ޓެކްސީގެ ފަސް ފަހަތް ބަލަމުން ޓެކްސީއެއްގަ އެވެ.

އެންމެފަހުން ޓެކްސީ އިން ފޭބީ ހުސެން އެކަންޏެވެ. އެ ހިސާބުން މައްސަލަ ހޫނުވެ ރަށް އެލާޓަށް އައީ އެވެ.

ފުލުހުންނަށް މައްސަލަ ރިޕޯޓްކުރި ނަމަވެސް، ހުސެން ރަށުގައި ހުރުމުން މި ލޯބީގެ ކުޅިގަނޑެއްގައި އޭނާ ކުށްވެރިއެއް ނުވި އެވެ. އެންމެފަހުން ހުސެން ވެސް ރަށުން ފުރައިގެން ހިނގައްޖެ އެވެ.

ދެ ލޯބިވެރިން ދެން ބައްދަލުވީ މާލެއިންނެވެ. ބޯޓަކަށް އަރައިގެން ހުސެންގެ ރަށަށް ދިއުމަށް ކަނޑުގެ ގަދަ ރާޅުތައް ކަފަމުންދިޔައިރު ރީމާގެ އާއިލާ މީހުންގެ ވިސްނުން އޭރު އެހެން ގޮތަކަށް ބަދަލުވާން ފަށައިފި އެވެ.

ރަށަށް ގޮސް ކައިވެނިކޮށްގެން އަލަތު ދަރިފުޅަށް ރީމާ ބަލިވެއިންއިރު ހުސެންގެ ހާލު ވެސް ގޯސްވާން ފަށައިފި އެވެ. ނޭވާ ހާސްވެ ކަރުތެރެއިން ހުތުރު އަޑުއަޑު ލައްވަން ފަށައިފި އެވެ.

އަލާމާތްތައް ދިރާސާކުރުމަށް ފަހު ރުގްޔާކިޔަވާ މީހާ ބުނީ، ހުސެން އަށް ޖެހިފައި ވަނީ ނުބައި ސިހުރެއްގެ ބަލާވެރިކަން ކަމަށެވެ.

ޖިންނިއެއްގެ ފުރައްސާރަ އާއި ފޭކު ފަންޑިތަވެރިންގެ ގްރޫޕެއް

ހުސެންގެ ވާހަކަ އެންމެ ފުރަތަމަ އަޅުގަނޑަށް ކިޔައިދިނީ އޭނާ އަށް ފުރަތަމަ ރުގްޔާކިޔަވައިދިން މީހާ އެވެ. ހުސެންގެ ހަށިގަނޑު ތެރެއަށް ޖިންނިއެއް ވަދެ އޭނާގެ ނަފުސުގެ ކޮންޓްރޯލް އަތުލާފައިވާ ވާހަކަ ބުނީމަ ފަހަރެއްގައި ބައެއް މީހުން މި ވާހަކައެއް ގަބޫލުނުކޮށްފާނެ އެވެ.
އެކަމަކު އިންސާނުންގެ ހަށިގަނޑު ތެރޭގައި ލޭ ދައުރުކުރާހެން ދައުރުވުމުގެ ގާބިލުކަން ޖިންނި ޝައިތޯނުން ލިބިފައިވާކަން ދީނާއި އިލްމުން އަޅުގަނޑުމެންނަށް އެނގެން އެބައޮތެވެ. ހުސެން އަށް ދިމާވި ކަމަކީ އިތުރު ހެއްކެކެވެ.

ރުގްޔާކުރާ މީހާ ބުނީ، ކިޔެވެލިތައް ކިޔަވައިގެން ޖިންނި ކޮންޓްރޯލްކޮށް، ހުސެން މެދުވެރިއަކަށް ބޭނުންކޮށްގެން ޖިންނިއާ އޭނާ ވާހަކަ ދައްކާ ކަމަށެވެ. އަދި ހުސެންގެ ހަށިގަނޑަށް ވަދެގެން އުޅޭ ސަބަބާއި އޭނާ އަށް ފުރައްސާރަކުރާ ސަބަބު ވެސް ކިޔައިދޭ ކަމަށެވެ. ނަމަވެސް ޖިންނި ޝައިތޯނުންނަކީ ވަރަށް މަކަރުވެރި އަދި އެހާމެ ދޮގުހަދާ ބަޔަކަށްވާއިރު ދައްކާ ހުރިހާ ވާހަކަތަކެއް ގަބޫލުކުރާކަށް ނުވާނެ އެވެ.

ރުގްޔާކުރުމުގައި ތަޖުރިބާމަދު މި ޒުވާނާ އަށް ވެސް ހުސެންގެ ކޭހުގައި ފުރަތަމަ ކެހި ލިބުނީ އެހެންވެގެންނެވެ. ހުސެންގެ ހަށިގަނޑު ދޫކޮށް ދިއުމަށް އަމުރުކުރުމުން، އިސްލާމްވެއްޖެ ކަމަށް ބުނެ އެ ޖިންނި ވަރަށް ފަސޭހައިން ނުކުމެގެން ހިނގައްޖެ އެވެ. އެކަމަކު އެއީ ޖެހި މަކަރެކެވެ. ހަގީގަތަކީ، އެ ޖިންނިއެއް ހުސެންގެ ހަށިގަނޑު ތެރެއަށް ވަދެ ފިލީ ކަމެވެ.

މައްސަލަ ދެން އިތުރަށް ގޯސްވާން ފެށީ އެވެ. ބަންގީގެ އަޑު ކަންފަތުގައި ޖެހުނަސް ހުސެން ވިއްސައިގެން ގޮސް ފާރުގައި ތަތްވެ އެވެ. ގުރުއާނުގެ އާޔަތްތައް ކިޔަވަން ފެށީމަ ހަތަރެސް ފަޔަށް ވަރުއަރައި ބާރުވެގެން، އެނބުރުން އަރައިގެން ބިންމައްޗަށް ވެއްޓި ބުރަފަތިއެއްހެން އެނބުރިއެނބުރި އޮވެ އެވެ.

މި ހުރިހާ ވާހަކައެއް ގަބޫލުނުކުރާ ނަމަ، ރުގްޔާކުރާ މީހާގެ އަތުގައި މި މަންޒަރުތައް ފެންނަ ވީޑިއޯ އެބަހުއްޓެވެ. އަދި ހުސެން މެދުވެރިކޮށް ޖިންނި ހުތުރު އަޑުން ވާހަކަ ދައްކައި ހަޅޭލައްވާ އަޑާއި މަންޒަރު ފެންނަ ވީޑިއޯ ވެސް ރިކޯޑްކޮށްފައި އެބަހުއްޓެވެ.

ކޮންމެއަކަސް ރުގްޔާ މެދުކެނޑުމަށް ފަހު ހުސެންގެ ހާލު އިތުރަށް ގޯސްވީ، އެއި މުއްދަތުގައި މާ ގަދަފަދަ ފަންޑިތަވެރިންތަކެއް ކަމަށް ބުނާ ބައެއްގެ އަވާގައި ޖެހުމުންނެވެ. ވާނީ ވެސް އެހެންނެވެ. އަނދިރިވަމުން ވަޅުލެވެމުން ދިޔަ ހަޔާތް ހޯދުމަށް މީހަކު ނުވާނީ ކޮން ގުރުބާނީއެއް ހެއްޔެވެ؟

އަނެއްކޮޅުން އޭރު، ލޯބިވީ އަނބިމީހާ މަތިން ވެސް ހުސެން ފޫހިވެ، އޭނާގެ ސިފަ ވެސް ހުސެންގެ ލޮލަށް ފެންނަ ގޮތް ހުތުރުވެއްޖެ އެވެ. އެއްދާން ކުރުން ވެސް ހުއްޓިއްޖެ އެވެ.

މި ހާލެއްގައި އުޅެނިކޮށް އޭނާއާ ބައްދަލުވަނީ "ފޭކް ފަންޑިތަވެރިންގެ ބައިގަނޑަކާ" އެވެ. ރަށުން ފުރައިގެން މާލެ އައިސް އެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވާހަކަ ފުރަތަމަ ގަބޫލުކޮށްގެން އެތައް ފައިސާއެއް އަތުން ދިޔަ އެވެ. އެކަމަކު ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މީހުންނަށް އޮޅުވާލާ މި ފަންޑިތަވެރިންގެ ހަގީގަތް އެނގުމާއި ގުރުއާނުގެ އާޔަތްތައް ބޭނުންކޮށްގެން، ޝިރުކަށް ނާރައި ރުގްޔާކުރުމުގެ ފައިދާ އެވެ.

އެކަމަކު މި ފޭކު ފަންޑިތަވެރިންތަކެއްގެ އަތްދަށުގައި ހުސެން ތާށިވިއިރު އޭނާ އަށް ވަނީ އިތުރު މުސީބާތެއް ވެސް ޖެހިފަ އެވެ. އޭނާ އާއި ރީމާގެ ގުޅުމަށް އެހާ ނަފުރަތު ކުރި ރީމާގެ އާއިލާ ކުއްލިއަކަށް ރަނގަޅުވެގެން އެމީހުންގެ ރަށަށް ގޮސް އެމީހުންގެ ތެރޭގައި ދުވަސްތަކެއް ވަންދެން އުޅެ ކައިބޮއި ނިދައި ހަދައިފަ އެވެ.

ހުސެން ގަބޫލުކުރާ ގޮތުން ނަމަ މައްސަލަ އިތުރަށް ގޯސްވީ، އަދި ކުއްލިއަކަށް އޭނާގެ ހިތް އެ އާއިލާ އަށް ލެނބުނީ ވެސް ނުބައި ބާރެއްގެ ސަބަބުންނެވެ.

"އެއީ އެ ރަށަށް ގޮސް އެ ގެއިން ކެއި ފަހުން އެއް ދުވަހަކު މުޅިން އަލުން ބަނޑު ސަކަރާތްވެގަތީ ކުރިން ވާގޮތަށް. އަންހެނުންނަށް ވެސް ކެވުނު. އެކަމަކު އޭނާ އަށް ހޮޑުލެވުނީ އެ ހުރިހާ އެއްޗެއް ބޭރުވަންދެން. އަހަންނަކަށް ހޮޑެއް ނުލެވޭ. ބަނޑު ފުއްޕަން ފެށީ އެއްކަލަ ގޮތަށް،" ހުސެން ކިޔައިދިނެވެ.

"ކެއީ ނޫޑްލްސް ކައްކައިގެން. އެއީ އެ ގޭގެ މީހުން ކައްކާ އެއްޗެހި ނުކަން އަހަރެމެންނެއް. އަމިއްލަ އަށް ނޫޑްލް ގަންނަނީ ވެސް. އެކަމަކު އެ ރޭ ކެއީ، މާ ކުރިން ގަނެފައި ބަދިގޭގައި ބަހައްޓާފައި ހުރި ނޫޑްލްސް."

އެންމެފަހުން މައްސަލަ ގޯސްވެ، މޮޅު ފަންޑިތަވެރިންތަކެކޭ ކިޔާފައި ގޮސް ބައްދަލުވީ ވެސް މާ ގޯސް ބަޔަކާ އެވެ. އެ ހިސާބުން އަނެއްކާވެސް ހުސެން އަށް އެހީވުމަށް އައީ ކުރިން ރުގްޔާކުރި މީހާ އެވެ.

ސިހުރު ހަދާފައި ވަނީ މަރަން، އަދިވެސް ރަނގަޅެއް ނުވޭ

ހުސެންގެ ހަށިގަނޑުގައި އަދިވެސް ޖިންނި އުޅޭ ކަމަށް ކިޔަވާ މީހުން ބުނެ އެވެ. ޖިންނިތައް ބުނާ ގޮތުން ނަމަ އޭނާގެ ހަށިގަނޑު ތެރޭގައި ތިން ޖިންނިއެއް އެބަ އުޅެ އެވެ. ނަމަވެސް ފާއިތުވި ތިން އަހަރު ރުގްޔާކޮށްގެން ސިހުރު ވަރަށް ބޮޑަށް ހަލާކުކޮށްލެވިފައިވުމުން ޖިންނިތަކުގެ ފުރައްސާރަ މިހާރު ކުޑަ އެވެ.

"ފަހުން ރުގްޔާކުރަނީ ވަރަށް މޮޅު މީހެއް ކަމަށްވާ އަޖުނާދު ލައްވައި. އޭނާ އައިސް، ފުރަތަމަ ދުވަހު ވެސް ކިޔަވާފައި ދިން ފެން ތަށްޓެއް ބޯލުމާ އެކު ވަރަށް ގަދަ އަށް ހޮޑުލެވުނީ. އެއަށް ފަހު މިހާރު ވަރަށް ރަނގަޅު. އެކަމަކު މުޅިން ރަނގަޅެއް ނުވޭ އަދިވެސް. މިހާރު ހިޖާމަ ވެސް އެބަޖަހަން. ހިޖާމާ ޖަހަނީ ބޮލުގައި،" ހުސެން ކިޔައިދިނެވެ.

"ރުގްޔާކުރި ގިނަ މީހުން ބުނަނީ އެއްޗެއް ކާން ދީގެން ނުވަތަ ބޯން ދީގެން ކަމަށް ސިހުރުގައި ޖައްސާފައި ހުރީ. އަދި ރިކޯޑްކޮށްފައިވާ ސެޝަންތަކުގައި ޖިންނިއާ ވާހަކަ ދައްކައިގެން އެނގިފައިވާ މައުލޫމާތަށް ބަލާއިރު ޖިންނި ބުނަނީ އޭތި ފޮނުވީ އަހަރެން މަރާލުމަށް ކަމަށް"

"އެހެންވީމަ ހަށިގަނޑުން ނުކުމެގެންދާނީ އެކަން ކޮށްފައޭ."

އެހެންވީމަ މި ކުރިމަތިލުމެއް އަދިވެސް ކުރިއަށް އޮތީ އެވެ. އަންހެން ކުއްޖާގެ އާއިލާ އިން ބުނަނީ ހުސެން އަށް ޖެހުނީ އޭނާ އަމިއްލަ އަށް ހެދި ސިހުރެއް ކަމަށެވެ.

"ރޮއިރޮއިފަ އަންހެނުން އެމީހުން ކައިރީގައި ބުނި މިކަންތައް ހުއްޓުވާލަދޭށޭ. އާއިލާ އިން ދުވަހަކު ވެސް ނުބުނޭ އެމީހުން ކަމެއް ނުކުރެއެކޭ،" ހުސެން ބުންޏެވެ.

އޭނާ މިހާރު އިނދެގެން އުޅެނީ އެހެން މީހަކާ އެވެ. ކުރީގެ އަންހެނުން މަތިން ފޫހިވެ، ނޫޅެވިގެން ދެ މީހުން ވަރިވީ އެވެ. ދަރިފުޅު ގޮވައިގެން ރަށަށް ދިޔަގޮތަށް ރީމާ މިހާރު ދިރިއުޅެނީ އޭނާގެ އާއިލާއާ އެކުގަ އެވެ.

ހުސެން އުޅެނީ އަދިވެސް މި މުސީބާތަކުން ސަލާމަތްނުވެވިގެންނެވެ. މިހާރު ވެސް ހަމަ ހުރެފައި ކުއްލިއަކަށް ގަޔަށް އަރާ ވަރުގަނޑަކާ އެކު އޭނާ ހޭނެތިގެން ވެއްޓިދާނެ އެވެ. މި ހާލެއްގަ އެވެ.