ޑިޕޯޓިވޯ އަލްވޭސްއާ ދެކޮޅަށް ރޭ ރެއާލް މެޑްރިޑް ކުޅުނު މެޗް 4-1 ން ކާމިޔާބުކޮށް، ލަނޑު ނުޖެހޭ ކަމަށް ބުނެ ކީ ފާޑު ކިޔުންތަކަށް ހެޓްރިކަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ރައްދު ދީފި އެވެ.
ރޭގެ މެޗާ ހަމަޔަށް ރޮނާލްޑޯ އަށް މިސީޒަންގައި ޖެހިފައިވަނީ އެންމެ ހަތަރު ލަނޑެވެ. އެހެންވެ އޭނާގެ ލަނޑުޖެހުމުގެ ރޭޓް ދަށްވުމުން ރެއާލްގެ ސަޕޯޓަރުންނާއި ސްޕެއިންގެ މީޑިއާތަކުގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
މެޗްގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ލަނޑު ނުޖެހޭތީ ހުދު "ރޮނާލްޑޯވެސް ހުރީ ހިތްހަމަ ނުޖެހިފައި،" ކަމަށެވެ.
މިހާތަނަށް ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ މިދިޔަ ސީޒަނަގައި ވެސް ރަން ބުޓް ހޯދި ބާސެލޯނާގެ ލުއިސް ސުއަރޭޒް އެވެ. ރޭ ބާސާ ގްރެނޭޑާއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބު ކުރީ 1-0 ގެ ނަތީޖައިންނެވެ. އެޓީމުގެ ލަނޑު ކާމިޔާބު ކުރީ ރަފީނިއާ އެވެ.
ކުރިން ދެ ވަނައިގައި އޮތް ސެވިއްޔާ ރޭ ސްޕޯޓިން ޖިއޯންއާ ދެކޮޅަށް ކުޅުނު މެޗް އެއް ވަރުވުމުން އެޓީމު ވަނީ ތާވަލުގެ ހަތަރު ވަނަ އަށް ވެއްޓިފައެވެ.
ސައުވީސް ޕޮއިންޓާއެކު ރެއާލް އެއް ވަނައިގައި އޮތް އިރު، ބާސާ އޮތީ 22 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގައެވެ. އެތުލެޓިކޯ މެޑްރިޑްވެސް ވަނި ތާވަލުގެ މަލާގާއާ ދެކޮޅަށް ކުޅު މެޗް 4-2 ން ކާމިޔާބު ކޯށް ތާވަލުގެ ތިން ވަނަ އަށް ޖެހިލާފައެވެ.