ވިޔަފާރި

ބީއެމްއެލްގެ ފައިދާ 96 ޕަސެންޓް އިތުރު، ތަރައްގީއަށް ބޮޑު ހޭދައެއް

Oct 30, 2016
2
  • ސާފު ފައިދާގެ ގޮތުގައި 755 މިލިއަން
  • އާމްދަނީއަކީ 1.5 މިލިއަން ރުފިޔާ
  • ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވޭ

ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މި އަހަރުގެ ނުވަ މަސް ދުވަހު ސާފު ފައިދާ މިދިޔަ އަހަރާ އަޅާބަލާއިރު 96 ޕަސެންޓް އިތުރުވެއްޖެ އެވެ. އަދި އެފައިދާޔާ އެކު ބޭންކިން މުޅި ރާއްޖެއަށް ފުޅާކުރުމުގެ އިންވެސްޓްމަންޓް ބޮޑު ކުރަން ވަނީ ނިންމައިފަ އެވެ.

ބީއެމްއެލް އިން ނެރެފައިވާ މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 755 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 385 މިލިއަން ރުފިޔާ އެވެ. އެހެން ކަމުން މިއަހަރުގެ ތިނަ ވަނަ ކުއާޓާގައި ލިބުނު ފައިދާ އަކީ 96.1 ޕަސެންޓްގެ ކުރިއެރުމެކެވެ.

ގައުމީ ބޭންކުން މާލީ އުސްއަލިތަކަށް ބަލާއިރު މި ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ބޭންކަށް 1.5 ބިލިއަން ރުފޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ.

ބީއެމްއެލްއިން ބުނި ގޮތިގައި މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 29 ބްރާންޗް، 76 އޭޓީއެމް، 3900 ޕީއޯއެސް މާޗަންޓުން، 187 ކޭޝް އޭޖެންޓުން، 16 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 5 ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު، ބޭންކް އޮފް މޯލްޑިވްސްގެ އިންވެސްޓްމަންޓް ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކެއްގެ އިންވެސްޓްމަންޓަށް ވުރެ ބޮޑެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ އެ ބޭންކުގެ މަގުސަދަކީ މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް އިތުރު ކުރުން ކަމަށެވެ. އަދި މުޖުތަމައަށް ފައިދާވާނެ ބޮޑެތި އިންވެސްޓްމަންޓްތައް ކުރެވޭ ވަރަށް ބޭންކްގެ ފައިދާ ފުޅާވުމުގެ ފައިދާ ކުރާނީ މުޅި ރާއްޖެއަށް ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އަދި ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް އެ ބޭންކުން ކުރާ މަސައްކަތުގައި ދެމި ތިބޭނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުޖުތަމައަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް އަދި މިފަދަ ބޮޑު ނިސްބަތެއްގެ ވަޒީފާ އިތުރުކުރުމަށް ބޭންކުގެ މިހާރުގެ ހާލަތު ތަންދޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ވޭތުވެ ދިޔަ އަހަރުތަކުގައި އަޅުގަނޑުމެންގެ މާލީ ހާލަތު ރަނގަޅުވަމުން އައިއިރު ހަމަ އެއާއެކު އަޅުގަނޑުމެން މުޖުތަމައަށް ކުރަމުންދާ އިންވެސްޓްމަންޓްވެސް އައީ އިތުރުކުރަމުން. މިފަދަ ގޮތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހޯދައިދިން ކަމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި އިތުބާރާއެކު އަޅުގަނޑުމެންނާއެކީ ކުރިއަށް ދާ ކަސްޓަމަރުންނަށް ޝުކުރު ދަންނަވަން،" ސީއީއޯ ވިދާޅުވި އެވެ.