ވިޔަފާރި

ބީއެމްއެލް ގެ އިންވެސްޓްމަންޓް ދެ ގުނަ އިތުރުކޮށް، 150 އިތުރު ވަޒީފާ

Oct 30, 2016
4
  • 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކަށް
  • ވަޒީފާގެ ބޮޑު ބައެއް އަތޮޅުތަކުގައި
  • އިތުރު ހަތް ބްރާންޗެއް އަންނަ އަހަރު

ގައުމީ ބޭންކް، ބީއެމްއެލް އިން އަންނަ އަހަރުގެ ތެރޭ ކުރާ އިންވެސްޓްމަންޓް ދެ ގުނަ އިތުރުކޮށް ހަތް ބްރާންޗެއް ހުޅުވައި މުޅިން އަލަށް 150 އިތުރު ވަޒީފާގެ ފުރުސަތު ދިވެހިންނަށް ދޭން ނިންމައިފި އެވެ.

ގައުމީ ބޭންކުން އަންނަ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން އެ ބޭންކްގެ ސީއީއޯ އެންޑްރޫ ޖޭ ހީލީ މިއަދު ދެއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ބީއެމްއެލްއަށް ލިބޭ ފައިދާ ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ އެ ބޭންކުން އަންނަ އަހަރު ކުރާ އިންވެސްޓްމަންޓް 300 މިލިއަން ރުފިޔާއަށް އިތުރު ކުރާނެ ކަމަށެވެ. އެ ވަޒީފާތަކުގެ ބޮޑު ބަޔަކީ އެ ބޭންކުން މުޅިން އަލަށް ހުޅުވަން ނިންމާފައިވާ ހަތް ބްރާންޗާއި އެހެނިހެން ވެސް ސާވިސް ސެންޓަރުތަކާ އެކު އަތޮޅުތަކުގެ ތެރޭގައި އުފެދޭނެ ވަޒީފާގެ ފުރުސަތުތައް ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން މިއަހަރު ވެސް ވަނީ 150 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތައް ކުރިއަށް ގެންގޮސްފަ އެވެ. މި އިންވެސްޓްމަންޓާ އެކު ވެސް މިއަހަރުގެ ނުވަ މަސް ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް ވަނީ 755 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައިފަ އެވެ.

ސީއީއޯ ވިދާޅުވީ އަލަށް ފަށާ އިންވެސްޓްމަންޓްތަކާ އެކު މާލޭގައި މުޅިންއާ ކަސްޓަމަސާވިސް ސެންޓަރަކާއި އަތޮޅުތަކުގައި މުޅިން އަލަށް ހަތް ބްރާންޗާއި ހަތަރު ބިޒްނަސް ސެންޓަރާއި އަދި މުޅިން އަލަށް އައްޑޫ ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވާނެ ކަމަށެވެ. އެއާ އެކު ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ވާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބީއެމްއެލް އޮތީ މާލީ ގޮތުން ވަރަށް ވަރުގަދަކޮށް ކަމަށެވެ. އެގޮތުން ވިޔަފާރީގެ ގޮތުންނާއި ލޯނު ދޫކުރުމާއި ފައިދާގެ ގޮތުން ވެސް ބޭންކް އޮރީ ރަނގަޅު ހިސާބެއްގައި ކަމަށް ވިދާޅުވި އެވެ.

"ބީއެމްއެލްގެ އަބަދުވަސް އަޒުމަކީ އަދި މަސައްކަތް ކުރަމުން ވެސް އަންނަނީ މި ބޭންކަށް ލިބޭ ފައިދާ ދިވެހިންނާއި މުޅި މުޖުތަމައާއި ގައުމުގެ ލާބަޔާއި މަންފާޔަށް އިންވެސްޓްކުރުމަށް. އެގޮތުން މިއަހަރު ވެސް އަޅުގަނޑުމެން ކުރިއަށް ގެންދިޔަ 150 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްގެ ތެރެއިން އާ ބްރާންޗްތަކާއި އޭޓީއެމްތަކާއި ސެލްސްސާވިސް ބޭންކިން އާއި އަދި ސީއެސްއާރުގެ ޕްރޮގްރާމްތައް ވަނީ އިތުރު ކުރެވިފައި،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރު އަލަށް ހުޅުވާ ބްރާންޗްތަކުން 22 ރަށަކަށް ފައިދާ ކުރާނެ ކަމަށެވެ. އަދި ތައުލީމާއި، ކުޅިވަރާއި ތިމާވެށީގެ ދާއިރާއިން އަންނަ އަހަރު މުޅިން އަލަށް 10 ސީއެސްއާރު ޕްރޮގްރާމެއް ފަށާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އެންޑްރޫ ވިދާޅުވީ ބޭންކިން ދާއިރާއަށް ޓެކްނޮލޮޖީ ބޭނުންވާ ގޮތަށް އަތޮޅުތަކަށް ހިދުމަތް ފުޅާކުރުމުގައި މީހުން ވެސް ބޭނުންވާ ކަމަށެވެ. އަދި އަތޮޅުތަކުގެ ހުރިހާ ރަށަކަށް ބޭންކިން ފުޅާކުރުމަށް އެ ބޭންކުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އެންޑްރޫ ވިދާޅުވި އެވެ.