ޓެކްސީގެ ހިދުމަތް

ގަވައިދަށް ފައްތަން ޓެކްސީތަކަށް 24 ގަޑިއިރު ދޭން ފަށައިފި

Oct 30, 2016

މާލޭގައި ދުއްވާ ޓެކްސީތައް ގަވާއިދާއި އެއްގޮތަށް ހުރިތޯ ބަލަން ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ޓްރާންސްޕޯޓް އޮތޯރިޓީ ގުޅިގެން މާލެގައި ދުއްވާ ޓެކްސީތައް ބަލައި ފާސް ކުރަން ފަށައިފި އެވެ.

މިއަދު ހެނދުނު ފެށި މި ހަރަކާތުގެ ތެރޭގައި މާލޭގައި ދުއްވާ ހުރިހާ ޓެކްސީތައް ބަލައި ފާސްކުރާނެ އެވެ. އަދި ޓެކްސީތަކުގައި ފުރިހަމަކޮށްފައި ހުންނަންޖެހޭ ވަސީލަތްތައް ގާއިމްކޮށްފައި ހުރިތޯ އާއި އުޅަނދުގެ ސަލާމަތީ ކަންކަން ފުރިހަމަކުރެވިފައި ހުރިތޯ ވެސް ބަލާނެ އެވެ.

ފުލުހުން ބުނީ ބަލައި ފާސްކުރާއިރު މިންގަނޑަށް ނުފެތޭ އުޅަނދުތައް އެމިންގަނޑަށް ގެނައުމަށް 24 ގަޑިއިރުގެ މުހުލަތެއް ދޭއިރު އެ މުއްދަތުގެ ތެރޭގައި އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހު ނުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

މިއަދު މާލޭގައި ފެށި މިހަރަކާތް މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައި ވެސް ކުރިއަށް ގެންދާނެ އެވެ.

މާލޭ ސިޓީގައި މިވަގުތު 899 ޓެކްސީ ހިދުމަތުގައި އޮންނަ އިރު ގަވާއިދާ ހިލާފަށް ޓެކްސީކުރާ ފަރާތްތަކަށް މި ހަފުތާއިން ފެށިގެން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އޮތޯރިޓީން ދިނީ މިދިއަ ހަފުތާގަ އެވެ. އޭރު ބުނެފައި ވަނީ ޓެކްސީ ކުރުމުގެ ގަވާއިދާ ހިލާފަށް ގިނަ ބަޔަކު ޓެކްސީ ކުރާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.