ރައްޔިތުންގެ މަޖިލިސް

މަސީހާއި ރިޒާގެ މައްޗަށް ނަގަން އުޅޭ ވޯޓް ކާމިޔާބެއް ނުވާނެ: އަބްދުއް ރަހީމް

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހިމެނިވަޑައިގަންނަވާ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި ވަކި ކުރުން އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް ވިދާޅުވެއްޖެ އެވެ.

އަބްދުއް ރަހީމް މިހެން ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރާއިރު މެންބަރުންގެ އަޑު ކަނޑާލަން މަސީހު މަސައްކަތް ކުރައްވާ ކަމަށާއި ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ރިޒާގެ އަމަލުތައް ބައްޓަން ކުރައްވާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ދެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅޫ ބައެއް މެންބަރުން މަސައްކަތް ކުރަމުން ދަނިކޮށެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއް ރަހީމް ވިދާޅުވީ މަސީހާއި ރިޒާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅެނީ ކޮން މެންބަރުންނެއްކަން ސީދާ އަދި އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނާއެކު ތިއްބެވި ހުރިހާ އެމްޕީން ތިބީ ގުޅުން ބަދަހިކޮށް ސާބިތުކަން މަތީގައި ކަމަށާއި އެހެންކަމުން މަޖިލީހުގެ ރައީސާއި މެންބަރު ރިޒާގެ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގައިގެން ކާމިޔާބެއް ނުކުރެއްވޭނެ ކަމަށެވެ.

"އެބޭފުޅުން އުޅެނީ ސަރުކާރު ވައްޓާލައި ބަލިކަށި ކުރަން ކުރެވޭނެ ހުރިހާ ކަމެއް ކުރަން. އެ ބޭފުޅުން ނޫޅޭ ގައުމަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް ކޮށްދޭކަށެއް، ބަދަލުގައި އުޅެނީ އިދިކޮޅު ފަރާތްތަކާއެކު ވެރިކަން ވައްޓާލެވޭތޯ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ދެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލީހަށް ވައްދަން މަސައްކަތް ފަށާފައިވާ އިރު ކުރީގެ ރައީސް މައުމޫން ފެކްޝަނުން ވަނީ ހުރިހާ ޕާޓީތަކާއެކު މަޝްވަރާކޮށް މަޖިލީހުގައި ނަގާ ވޯޓުތަކަށް އެއްބާރުލުން ދިނުމަށް މަޝްވަރާ ވެސް ކޮށްފަ އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ވެއްދޭނީ 15 މެންބަރުންގެ ސޮޔާއެކު އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ ސަބަބު ބަޔާން ކުރާ ލިޔުމެއް މަޖިލީހަށް ހުށަހަޅައިގެނެވެ. އަދި އެ ބަލައިގެންފިނަމަ އެ މައްސަލައާ މެދު ބަހުސް ކުރެއްވުމަށް ފަހު ވޯޓަށް އަހާނެއެވެ. މަޖިލީހުގެ ރައީސް ވަކިކުރަން ބޭނުންވާނީ ހާޒިރުވީ މެންބަރުންގެ ދެބައި ކުޅައެއްބައި މެންބަރުންގެ ވޯޓެވެ.