އިތުބާރު ނެތް ކަމުގެ މައްސަލަ

މަސީހު މަގާމުން ދުރުކުރަން އަޑީގައި ތިބީ ގާސިމާއި މައުމޫން: ޕީޕީއެމް

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް އަޑީގައި ތިއްބަވައިގެން ކަމަށް ޕީޕީއެމުން ތުހުމަތުކޮށްފި އެވެ.

ޕީޕީއެމުން ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ މަޖިލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅޭ އެއްވެސް ސަަބަބެއް އަދި އެއިން ހާސިލް ކުރަން ބޭނުންވާ ނަތީޖާއެއް ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް އެ ވާހަކަތައް އެންމެ ގަދައަށް ދައްކަވާ ބޭފުޅުންނަކީ މާމިގިލީ ދާއިރާގެ ގާސިމާއި ޕީޕީއެމްގެ ރައީސް މައުމޫން ކަމަށެވެ. ގާސިމަކީ މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރެއްވި ބޭފުޅެކެވެ. ޖޭޕީ އާއި ޕީޕީއެމްގެ ކޯލިޝަން ރޫޅުމުގެ މައިގަނޑު އެއް ސަބަބަކީވެސް އެއީ އެވެ. އެ ދުވަސް ވަރު ގާސިމް މަޖިލީހުގެ ރައީސް ކަމަށް ގެނައުމާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަފުޅު ދެއްކެވި އެއް ބޭފުޅަކީ މައުމޫނެވެ.

"އަޅުގަނޑު ތެރޭގައި ތިއްބެވި މެންބަރުންތަކަކަށް ރައީސް މައުމޫން ދެއްވާ އެ ޒާތުގެ ލަފައެއްގެ ސަބަބުން ގައުމަށް ކިހާ ބޮޑު ގެއްލުމެއްތޯ ވާނީ. އެހެންވެ އަޅުގަނޑުމެންގެ ޕީޖީ ގްރޫޕު މެންބަރުން ވެސް ނުވަތަ އެހެން މެންބަރުންވެސް މީގައި ބައިވެރިވަޑައި ނުގަންނަވާނެ،" ނިހާން ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް މައުމޫން ފެކްޝަނުން މަސައްކަތް ކުރައްވަނީ "ކޮކްޓެއިލް ކޯލިޝަން" އެއްގެ ތެރެއިން ކަމަށެވެ. އަދި މަޖިލީހުގެ ރައީސްކަމުން މަސީހު ދުރު ކުރަން ސިމްޕަލް މެޖޯރިޓީ ބޭނުންވާ އިރު އެކަން އެބޭފުޅުންނަށް ކުރެވޭނެ އެއްވެސް ފޯމިއުލާއެއް ނޯންނާނެ ކަމަށެވެ. އަދި މެންބަރު އިބްރާހިމް ފަލާހު ވެސް ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރަނީ އެމްޑީޕީއަށް ވުރެ ބޮޑަށް މައުމޫނާއި ގާސިމް ގުޅި ވަޑައިގެން ކަމަށާއި އެއީ ގައުމު ހަލާކު ކުރައްވަން ކުރައްވާ މަސައްކަތް ކަމަށެވެ.

މި ވާހަކަތައް ޕީޕީއެމުން ދެއްކި އިރު މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކަ މައުމޫންގެ ފެކްޝަނުން އިންކާރު ކުރެއެވެ. އެ ފެކްޝަންގެ މެންބަރުން ވިދާޅުވަނީ މަސީހު މަގާމުން ދުރު ކުރުވަން އުޅެނީ މެންބަރުންތަކެއް އިސްނަގައިގެން ކަމަށެވެ.

ނިހާން މިއަދު ހެނދުނު ވިދާޅުވެފައި ވަނީ މަސީހުގެ މައްޗަށް ނަގާ ވޯޓް ކާމިޔާބު ނުވާނެ ކަމަށާއި އެކަން ދާނީ ފަނުފުލުން ކަމަށެވެ.