އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ޕީޕީއެމް ޓިކެޓް ހޯދަން ހ. ތެމާގައި ކުރިން ހިންގަމުން އައި ޕީޕީއެމްގެ މައި އޮފީހަށް މެންބަރުން ހުށަހެޅި ފޯމްތައް ބާތިލުވާނެ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް މެންބަރުން ތެމާއަށް ފޯމްހުށަހަޅާފައިވަނީ އެކަން އެގޮތަށް ކުރަން އެ ޕާޓީގެ ރައީސް މައުމޫންގެ ފެކްޝަނުން އިއުލާން ކުރުމުންނެވެ. ކުރިން މައުމޫންގެ ފެކްޝަނުން ބުނެފައިވާ ގޮތުގައި ކައުންސިލް އިންތިހާބަށް 200 އަށްވުރެ ގިނަ ފޯމް އެ އޮފީހަށް ހުށަހެޅި ކަމަށެވެ.
ނަމަވެސް މިހާރު ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވާތީ، އެ އޮފީހުގައި ހުރި އިދާރީ ތަކެއްޗެއް ވަނީ ދަރުބާރުގޭގައި ގާއިމުކޮށްފައިވާ ޕީޕީއެމްގެ އޮފީހަށް ގެންގޮސްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރު، ހަލީލު މިއަދު "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތެމާގައި ހުރި ތަކެތި ގެންދިޔައިރު ކުރިން އެ އޮފީހަށް ހުށަހެޅު ފޯމްތައް ހުރިކަން ޔަގީން ނުވާ ކަމަށާއި ނަމަވެސް ކޯޓްގެ ހުކުމާ އެއްގޮތަށް އިދާރީ ހުރި ތަކެއްޗެއް ދަރުބާރުގެއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ތެމާގައި ހުރި އޮފީހަށް ހުށަހެޅި ފޯމްތައް ބާތިލުވާނެ ކަމަށާއި ޕީޕީއެމްގެ ޓިކެޓް ލިބޭނީ ދަރުބާރުގޭގައި ހުންނަ އޮފީހަށް ފޯމް ހުށަހެޅުމުން ކަމަށެވެ.
ތެމާގައި ހުރި އޮފީހަށް ފޯމް ހުށަހެޅި ފަރާތްތަކުން ވެސް އަލުން ދަރުބާރުގެ އޮފީހަށް ފޯމް ހުށަހެޅުމަށް ހަލީލު ވަނީ އެދިވަޑައިގެންފަ އެވެ.
ކައުންސިލް އިންތިހާބަށް ޕީޕީއެމްއިން ދަރުބާރުގޭގައި ތައްޔާރުވަމުންދާއިރު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ޓިކެޓް ހޯދަން ފޯމް ހުށަހަޅަން ވަނީ އެދިފަ އެވެ. އިންތިހާބު އޮންނާނީ ޖެނުއަރީ 14 ވަނަ ދުވަހު އެވެ.