ހަބަރު

ޕީޕީއެމްގެ ޓިކެޓް ހޯދަން ފުރުސަތު ހުޅުވާލައިފި

ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ރަސްމީކޮށް ހުޅުވާލައިފި އެވެ. އެ ޕާޓީގެ ހިންގުން ކޯޓުން ހަވާލުކޮށްފައިވަނީ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ އެވެ. މިއަދު ޓިކެޓަށް ވާދަ ކުރަން ހުޅުވާލީ އެ ފަރާތުންނެވެ.

މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދު ފެށިގެން ޕާޓީގެ ޓިކެޓް ހޯދުމަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި އެ ފުރުސަތު އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ ކަމަށް ވެސް ބުނެފައި ވެއެވެ. އެކަމަށް އެދޭ ފޯމް ދަރުބާރުގޭގައި ގާއިމުކޮށްފައިވާ ޕީޕީއެމްގެ އޮފީހުން ދޫކުރެ އެވެ.

މިއަދު މިފަދަ އިއުލާނެއް ކޮށްފައިވާއިރު ޕާޓީގެ ތެރޭގައި އުފެދިފައި އޮތް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ވެސް ވަނީ ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓް ހޯދާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.

ޕީޕީއެމުން މި ފުރުސަތު ހުޅުވާލުމާއެކު ޕާޓީ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ ރައީސް މައުމޫނުގެ ފެކްޝަނުން ކުރިން އިއުލާންކޮށްފައި ބަލައިގެންފައިވާ ފޯމްތައް ބާތިލުވެފައިވާ ކަމަށާއި އަލަށް މިއަދު ދޫކުރަން ފެށި ފޯމްތައް ވެސް ތަފާތުވާނެ ކަމަށެވެ.

އިއްޔެ ހައިކޯޓުން ވަނީ، ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ. އިލެކްޝަނުން ބުނެފައި ވަނީ އެފަރާތުން ބަލައިގަންނާނީ ކޯޓުގެ އެންގުން ކަމަށެވެ.