ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބު: ވަގުތީ ނަތީޖާ އިއުލާނުކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ފުއާދު ތައުފީގު ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް މިރޭ ނިމިފައިވާ ކަމަށެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއިން މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައިވެއެވެ. އެމްޑީޕީއަށް ލިބިފައިވަނީ ހަ ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް އެއް ގޮނޑި ލިބިފައިވެއެވެ. މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ ހަތް އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން ލަސްވީ ބައެއް ވޯޓްފޮށިތަކުގެ ޝީޓްތަކުގައިވާ އަދަދުތައް ދިމާނުވެ އަލުން ވޯޓްފޮށިތައް ގުނާ ސެކިއުރިޓީ އުރަ ކަނޑަން ޖެހުމުންނެވެ. ކޮމިޝަނުން އެކަން ކޮށްފައިވަނީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި މީޑިއާތަކުގެ ހާޒިރުގައެވެ.