ހަބަރު

ދިވެހި ފުރާވަރު ކުދިންގެ ބަރުދަނާއި ދަތުގެ މައްސަލަ ބޮޑު: ރިޕޯޓް

ރާއްޖޭގައި ފުރާވަރު އުމުރުގެ ކުދިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބަރުދަނާއި ދަތުގެ މައްސަލަ ކަމަށް ދިރާސާ ރިޕޯޓަކުން ދައްކައިފި އެވެ.

މިއަދު އިފްތިތާހު ކުރި ފުރާވަރު ކުދިންގެ ހެލްތު ސްކްރީނިން ރިޕޯޓް ދައްކާ ގޮތުގައި ފުރާވަރުގެ ހަތަރު ބައިކޮށްފައި އެއްބައި ކުދިން ދަތުގެ މައްސަލަ ހުރެ އެވެ. މި ދިރާސާ ރިޕޯޓަކީ ރާއްޖޭގެ ހުރިހާ ސްކޫލަކުން ގްރޭޑް ހަތެއްގައި ކިޔަވާ 4238 ކުދިން ބޭނުން ކޮށްގެން ހަދާފައިވާ ދިރާސާ އެކެވެ މި ދިރާސާ ދައްކާ ގޮތުގައި އެ އުމުރުގެ ކުދިންނަށް އެންމެ ބޮޑަށް ދިމާވާ މައްސަލަތަކަކީ ބަރުދަނުގެ މައްސަލައާއި އެނީމިއާ އަދި ޑައިބެޓިކްސް މައްސަލަ އެވެ.

މި ރިޕޯޓް މިއަދު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަމީލާ އެވެ.

މި ދިރާސާގައި ބައިވެރިވެފައިވަނީ 2،114 ފިރިހެން ކުދިންނާއި 2،124 އަންހެން ކުދިންނެވެ. ދިރާސާގައި ބައިވެރިވި ފިރިހެން ކުދިންގެ 25.91 ޕަސަންޓު ކުދިންނަކީ އޯވާ ވެއިޓްވެފައިވާ ކުދިންނެވެ. އަދި 12.94 ޕަސަންޓު ކުދިންނަކީ މާބޮޑަށް ބަރުދަން ލުއި ކުދިންނެވެ. އަދި ބައިވެރިވި އަންހެން ކުދިންގެ ތެރެއިން 21.56 ޕަސަންޓު ކުދިންނަކީ އޯވާ ވެއިޓް އަދި 30.6 ޕަސަންޓު ކުދިންނަކީ މާބޮޑަށް ބަރުދަން ލުއި ކުދިންނެވެ.

ހްލްތު ސްކްރީނިން ޕްރޮގްރާމްއެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކިީ ރާއްޖޭގެ ސިއްހީ ހާލަތު އޮތް ހިސާބު ދެނެގަނެ އެކަންތައް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމެވެ.

.