ގާނޫނީ ވަކީލަކަށް ވިޔަސް ކޯޓުތަކުގެ ހުރަމަތް ކެނޑޭފަދަ އަމަލުތައް ކުރާނަމަ އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ. ސުޕްރީމް ކޯޓުން ވަނީ ކޯޓުގެ ހުރުމަތް ކަނޑޭފަދަ އަމަލުތައް ކުރާ ވަކީލުންގެ ހުއްދަ ބާތިލްކުރާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މުޖުތަމައުގެ އެކި އެކި ފަރުދުންގެ މެދުގަ އައި ފަރުދުންނާއި ދައުލަތާ ދެމެދުގައި އުފެދޭ ދެބަސްވުންތަކާއި ހުސޫމަތްތައް ހައްލުކޮށްދީ، ގާނޫނުގައި ކަން އޮތް ގޮތް ބަޔާންކޮށްދޭ ފަރާތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތިން ތަފާތު ތިން މަރުހަލާގައި ޝަރީއަތް ކުރަން ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ކޯޓުތައް
ކަމަށްވެފައިވާއިރު، ކޯޓުތަކުގެ ނިންމުންތަކާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތަކީ ގާނޫނުގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތުގެމަތީން އެ ނިންމުންތައް މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރުން ކަމަށެވެ.
އެހެން ނަމަވެސް ފަހަކަށް އައިސް އެ އުސޫލުތަކާ ހިލާފަށް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފު ކުރުމަކާ ނުލައި ނުވަތަ އިސްތިއުނާފުގެ
މަރުހަލާތައް ނިމި ހުކުމްތައް އިސްތިގްރާރުވެފައި އޮތުމާއެކު ވެސް ހުކުމްތަކުގައި އޮޅުން ނާރާފަދަ ސާފު ބަހުން ބުނެފައިވާ ކަންތައްތައް ބައެއް ކަހަލަ މަގުސަދުތައް ހާސިލްކުރުމަށްޓަކައި އޮޅުވާލައިގެންނާއި ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް ބައެއް ފަރާތްތަކުން މާނަކުރަމުން އަންނަ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"... މިކަމަކީ ދިވެހި މުޖުތަމައުގެ އަމްނު އަމާންކަމާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސްތަކެއް ކުރިމަތިކުރުވާ ކަމެކެވެ." ބަޔާނުގައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސުޕްރީމް ކޯޓަކީ ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތަށްވެފައި ރާއްޖޭގައި ގާނޫނުގެ ހުކުމް ނެގެހެއްޓުމަކީ ރާއްޖޭގެ ސުޕްރީމް ކޯޓާ މަތިކުރެވިފައިވާ މުހިއްމު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ގާނޫނަށް ބޯނުލެނބުމުގެ އޮއިވަރެއްގައި ޖެހި ދިވެހި ގައުމު އިޖްތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާއި ގާނޫނުއަސާސީގެ ދަށުން ގާއިމްވެފައިވާ ދީމިގްރާތީ ވެށި ހިމާޔަތް ކުރުމަށްޓަކައި ގާނޫނަށް ބޯނުލެނބުމުގެ އޮއިވަރެއް އެއްވެސް މަގްސަދަކަށްޓަކައި މި މުޖުތަމައުގައި ފަތުރާ ކޮންމެ ފަރާތަކާމެދު ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓުމަކީ ވެސް އެ ކޯޓުގެ ޒިންމާއެއް ކަމަށެވެ.
އަދި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމަށްޓަކައި ގާނޫނު އަސާސީގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް ކޯޓުތަކުގެ ގާނޫނު އާއި ސުޕްރީމް ކޯޓުގެ ގަވާއިދު އާއި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމުގެ ގަވާއިދު އާއި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދުގެ ދަށުން އަޅަމުން ގެންދާނެ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
"އެފަދަ އަމަލެއް ކުރި ފަރާތަކީ ގާނޫނީ ވަކީލެއް ކަމުގައިވާނަމަ އެފަދަ ފަރާތެއްގެ ވަކާލާތުކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލް ކުރެވޭނެކަން އާންމުކޮށް އެންގީމެވެ." ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.