ހަބަރު

ބޮއިކޮޓް ކެމްޕޭނާއި އިންޒާރުތަކުން ކާމިޔާބެއް ނުވާނެ: އަދީބު

Mar 6, 2015

ޓުއަރިޒަމް ބޮއިކޮޓް ކެމްޕޭންތަކާއި އިންޒާރުތަަކަކީ މިހާރު ކާމިޔާބު ވާނެ ކަންތައްތަކެއް ނޫން ކަމަށާއި އެފަދަ ކަންތައްތައް ކުރާ ފަރާތްތަކުން ގައުމާ މެދު ވިސްނަން ވެއްޖެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓްގައި ހިނގަމުން އަންނަ މައްސަލަޔަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ހުންނަ މައްސަލައިގައި އެމްޑީޕީގެ ސަޕޯޓަރުން ދަނީ ޓުއަރިސްޓުން ރާއްޖެ ނައުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ކެމްޕޭންތަކެއް ހިންގަމުންނެވެ. އަދި މި ސަރުކާރަށް ސަޕޯޓް ކުރާ ބައެއް ވިޔަފާރި ވެރިންނަށް ނިސްބަތްވާ ރިސޯޓް ތަކަށް ނުދިޔުމަށް ވެސް އަންނަނީ ގޮވަމުންނެވެ.

އެކަމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުލްހަވެރި ކަމާ އެކު ކަންތައްތައް ކުރިއަށް ގެންދިޔުމުގައި ހުރިހާ ފަރާތްތަކުން ވެސް އިހުލާސްތެރި ވާން ޖެހޭ ކަމަށެވެ. ބޮއިކޮޓް ކެމްޕޭންތަކާއި އިންޒާރުތައް އަދި އަނިޔާވެރިކަމުގެ އަމަލުތައް ހިންގައިގެން އެ ބަޔަކު ބޭނުންވާ ކަމެއް މިހާރު ހާސިލް ނުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އަދީބު ދެއްވި ނަސޭހަތަކީ، ހަރުދަނައި އަދި ދުރުވިސްނޭ ގޮތަކަށް ކަންތައްތަކާ މެދު ވިސްނުން ގެންގުޅުމަށެވެ.

"ހުއްޓުމެއް ނެތި ގެންދާ ބޮޔެކޮޓް ކެމްޕޭންތަކާއި އޭގެ ނަތީޖާއެއްގެ ގޮތުން ގައުމަށް ލިބޭ ގެއްލުން ތަކަކީ، ސުލްހަވެރިކަމާއި އަމާންކަމުގެ ސިފައެއް ކަމުގައި ނުލެވޭނެ،" އަދީބު ޓްވީޓް ކުރައްވާފައިވެ އެވެ.

ބޮއިކޮޓް ކެމްޕޭންތަކާ ގުޅިގެން، ބައެއް ބުކިންސްތައް ކެންސަލް ކުރުމުގެ ޝަކުވާތައް ވަނީ އަނެއްކާ ވެސް ފެންމަތިވެފަ އެވެ. ނަމަވެސް ޓްއަރިޒަމްގެ އެންމެ ބޮޑު ފެއާގައި ރާއްޖޭގެ ބޮޑު ވަފުދެއް ބައިވެރިވެ، ރާއްޖެ އިޝްތިހާރު ކުރުމުގެ މުހިންމު ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ. އަދި އަންނަ އަހަރުގެ ފެއާގެ މެއިން ސްޕޮންސަރަކީ ރާއްޖެ ކަމުގައި ހަމަޖައްސައި އެގްރިމަންޓްގައި ވަނީ ސޮއިކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ އެކަން ރާއްޖެއިން ހޯދީ ވަރަށް ބޮޑަށް ލޮބީ ކޮށްގެން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓޭނެ ކަމަށެވެ. މިނިސްޓަރު ސިފަ ކުރެއްވި ގޮތުގައި އެއީ ރާއްޖެއަށް ލިބުނު ކާމިޔާބެކެވެ.