އެކަށީގެންވާ ގޮތެއްގައި ހައިޑްރޯފްލޮރޯކާބަންސް މަދުކުރެވިއްޖެނަމަ، މިގަރުނު ނިމުމުގެ ކުރިން ދުނިޔެ ހޫނުވާ މިންވަރުން 0.5 ޑިގްރީ ސެލްސިއަސް ދަށްކުރެވޭނެކަމަށް ދިރާސާތަކުން ދައްކާކަމަށް އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ދުނިޔެ ހޫނުވާ މިންވަރުން 0.5 ޑިގްރީ ސެލްސިއަސް މަދުކުރެވުމަކީ ދުނިޔެ ހޫނުވުން ދެ ޑިގުރީ ސެލްސިއަސްގެ ތެރޭގައި ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިިދިޔަ އޮކްޓޯބަރު މަހު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ބައްދަލުވުމުގައި ދުނިޔޭގެ 197 ގައުމުން މޮންޓްރިއަލް މުއާހަދާއަށް އިސްލާހު ގެނައުމަށް އެއްބަސްވީ، ޖައްވު ހޫނު ކުރާ (އެޗްއެފްސީ) މަދުކޮށް މޫސުމީ ބަދަލުތަކުން ހިމާޔަތް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
މި އިސްލާހުގެ ދަށުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން 2019 ވަނަ އަހަރުން ފެށިގެން އެޗްއެފްސީ މާއްދާތައް މަދުކުރުމަށް މަސައްކަތް ފަށަންޖެހޭއިރު، ތަރައްގީވަމުން އަންނަ ގައުމުތަކުން 2024 ވަނަ އަހަރާއާއި 2028 އަހަރާއި ދެމެދުގައި އެޗްއެފްސީ ބޭނުންކުރުން ކޮންޓްރޯލްކޮށް މަދުކުރަން ފަށަން ޖެހެ އެވެ.
"އެޗްއެފްސީއަކީ ފިނިކުރާ ނިޒާމުތަކުގައި ބޭނުންކުރާ މާއްދާތަކުގެ ބާވަތެއް. އެޗްއެފްސީ ބާވަތުގެ މާއްދާތަކަކީ ޖައްވުގައި ނިސްބަތުން ކުރު މުއްދަތަކަށް ދެމިހުންނަ، ނަމަވެސް ޖައްވު ހޫނުކުރުމުގެ ބާރުގަދަ މާއްދާތަކެއް. އެޗްއެފްސީއަކީ ޖައްވުހޫނުކުރާ ގޭސްތަކުގެ ތެރެއިން އެންމެ ބާރަށް އިތުރުވަމުން އަންނަ މާއްދާތަކެއް." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެޗްއެފްސީ މާއްދާތައް ބޭނުންކުރާ މިންވަރު މަދުކުރަން ރާއްޖޭގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެތެރެއިން ޒަމާނީ ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ ޑިސްޓްރިކްޓް ކޫލިން ނިޒާމެއް މާލެއާއި ހުޅުމާލޭގައި ގާއިމުކުރުމުގެ ދިރާސާ ފާހަގަކޮށްލެވޭ ކަމަށެވެ.
މި ދިރާސާ ރިޕޯޓުގައި ވާގޮތުން ޑިސްޓްރިކްޓް ކޫލިން ނިޒާމު ގާއިމުކުރުމުން އަހަރަކު 4،100 ޓަނުގެ ކާބަންޑައިއޮކްސައިޑްއާ އެއްވަރުގެ މިންވަރެއްގެ އެޗްއެފްސީ ޖައްވަށް ބޭރުނުކޮށް ސަލާމަތްވާނެ ކަމަށާއި އަދި އަހަރަކު 426،000 ޓަނުގެ ކާބަންޑައިއޮކްސައިޑް ވެސް ޖައްވަށް ބޭރުނުކޮށް ސަލާމަތްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެއިތުރުން ރާއްޖޭގައި އެޗްއެފްސީ މާއްދާތައެއް ބޭނުންކުރާ މިންވަރާއި އެޗްއެފްސީ މާއްދާތައް ބޭނުންކުރާ ދާއިރާތައް ދެނެގަނެ އެޗްއެފްސީގެ އިންވެންޓްރީއެއް އެކުލަވާލުމުގެ ދިރާސާއެއްވެސް މިއަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.