ރޯމް (ޑިސެމްބަރު 10) – މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއޭރޯ އަށް ލިބުނު އަނިޔާއާ ގުޅިގެން ހަތަރު ހަފުތާ އާއި ހަ ހަފުތާގެ މުއްދަތަކަށް އޭނާ އަށް ކުޅުމާ ދުރުގައި ހުންނަންޖެހިފައިވާ ކަމަށް ސިޓީގެ ކޯޗު މެނުއެލް ޕެލްގްރިނީ ބުނެފި އެވެ.
އަގުއޭރޯ ،26، ގެ ކަކުލަށް އަނިޔާވީ އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އެވަޓަން އަތުން 1-0 އިން ސިޓީ މޮޅުވި މެޗުގަ އެވެ.
"ހަތަރު ހަފުތާ އާއި ހަ ހަފުތާގެ މުއްދަތަށް އަގުއޭރޯ އަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ،" ޕެލެގްރިނީ ބުންޏެވެ. "ކުޅުމާ ދުުރުގައި ހުންނަންޖެހޭ މުއްދަތު ދެން ބިނާވާނީ އަގުއޭރޯގެ ރިކަވަރީ އަށް. އެކަމަކު މި ޓީމަކީ އެންމެ ކުޅުންތެރިއަކަށް ބަރޯސާވާ ޓީމެއް ނޫން."
ޗެމްޕިއަންސް ލީގުގައި މިރޭ އޭއެސް ރޯމާއާ ދެކޮޅަށް ރަށުން ބޭރުގައި ސިޓީ ނުކުންނައިރު، ސިޓީ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ މި މެޗުން މޮޅުވެގެންނެވެ. އެކަމަކު މުހިންމު މެޗަށް ނުކުންނައިރު މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ އަގުއޭރޯ އަށް ނުކުޅެވުމަކީ ސިޓީ އަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ.
މި މެޗަށް ނުކުންނައިރު، ގުރޫޕް އީގައި ރޯމާ އާއި ސިޓީ އަދި ސީއެސްކޭއޭ މޮސްކޯ އޮތީ ފަސް ޕޮއިންޓާއެކު، ޕޮއިންޓްގެ ގޮތުން އެއްވަރުވެފަ އެވެ. ބާރަ ޕޮއިންޓާއެކު ބަޔާން މިއުނިކް ވަނީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ހޯދައިފަ އެވެ.
މި މުބާރާތުގައި މިރޭ ބަޔާންއާ ދެކޮޅަށް ރަަށުން ބޭރުގައި ކުޅޭ މެޗުން ސީއެސްކޭއޭ މޮޅުވެއްޖެ ނަަމަ، ސިޓީ މުބާރާތުން ކަޓާނެ އެވެ. މި މެޗު އެއްވަރުވެއްޖެ ނަމަ، ސިޓީ އަށް ދެވަނަ ބުރުގެ ފުރުސަތު ލިބޭނީ ރޯމާ އަތުން މޮޅުވެގެންނެވެ. ބަޔާން އަތުން ސީއެސްކޭއޭ ބަލިވެއްޖެ ނަަމަ، ލަނޑެއް ނުޖެހި އެއްވަރުވުން ނޫން އެހެން ނަތީޖާއަކުން ރޯމާ އާއި ސިޓީގެ މެޗު އެއްވަރުވެގެން ސިޓީ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ.