ނަސްރުގެ ދުވަސް

ހުސައިން އާދަމް ބޭނުންކުރި ބަޑި ދައްކާލައިފި

Nov 3, 2016
4

ހދ. ކުޅުދުއްފުއްޓަށް އުފަން، އެ ރަށު މާވާގެ ކޯޕްރަލް ހުސައިން އާދަމަކީ ރާއްޖެ ދެމިއޮތްހާ ހިނދަކު އެއްވެސް ދިވެއްސެއްގެ ހިތުން ފިލައިގެންދާނޭ ނަމެއް ނޫނެވެ. އޭނާގެ ހަށިގަނޑުން މި މިގައުމުގެ ފަސްގަނޑަށް އޮހޮރުނު ގުރުބާނީގެ ލެޔަކީ ހަނދާން ނައްތާލެވޭނެ ލެޔެއް ނޫނެވެ. މީގެ 28 އަހަރު ކުރިން އުމުރުން 20 އަހަރުގައި ރާއްޖެ އާއި ދިވެހިންނާއި އިސްލާމް ދީނަށްޓަކައި އޭނާ ކުރި ހިތްވަރުގެ ޖިހާދަކީ އާދައިގެ ޖިހާދެއް ނޫނެވެ.

މިއަދަކީ އޭނާ އަށާއި އޭނާއާއެކުގައި ގައުމަށްޓަކައި ޝަހީދުވެގެން ދިޔަ އެހެން ފަހުލަވާނުންނަށް ވެސް ހާއްސަ ދުވަހަކެވެ. އަދި މިއަދު އެހެން ގޮތަކުން ވެސް ހާއްސަ ވެއްޖެ އެވެ. ރާއްޖެ އެ މީހަކަށްޓަކާ ފަހުރުވެރިވާ ވަރުގަދަ ބަތޮލު ހުސައިން އާދަމް މީގެ 28 އަހަރު ދިވެހިންނާއި ރާއްޖެއާއި މާތްވެގެންވާ އިސްލާމް ދީނުގެ ދިފާއުގައި ދުޝްމަނުންނާ ކުރިމަތިލައި ދުޝްމަނުން ފަހަތަށް ޖެެއްސުވުމަށް ބޭނުން ކުރެއްވި ބަޑި މިއަދު އާންމުކޮށް ދައްކާލުމުންނެވެ.

ސްރީލަންކާގެ ޕްލޯޓްގެ ޓެރަރިސްޓުން ދިވެހިންގެ ބަޔަކާއެކު ރާއްޖެ އަރައި ދިން ހަމަލައިން ރާއްޖެ ދިފާއު ކުރުމަށް އެންމެ ފުރަތަމަ ސިކުންތުން ފެށިގެން އެންމެ ފާހަގަ ކޮށްލެވޭ ހިތްވަރުގަދަ ރައްދެއް ޓެރަރިސްޓުންނަށް ދިނީ ހުސައިން އާދަމެވެ. ރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމަށް ހަމަލާދީ 19 ދިވެހިން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށް މާއްދީ އަދި މާލީ ގެއްލުންތައް ދިން ޕްލޯޓް ޖަމާއަތުގެ މީހުންނާ ދެކޮޅަށް ހަމާ ދިނުމުގައި ހުސައިން އާދަމް ބޭނުން ކޮށްފައިވަނީ އޭކޭ 47 ގެ ރައިފަލެކެވެ. އެ ރައިފަލް ބޭނުން ކޮށްގެން އެނާގެ އެންމެ ފަހު ނޭވައާ ހަމައަށް ދުޝްމަނުންނާ ހަމަ ދީ ޝަހީދުވެގެން ދިޔައިރު އެ ބަޑިއަށް ވެސް ދުޝްމަނުން ގެ ހަމަލާތައް އަރާފައި ވެއެވެ.

މިއަދު ރައިފައިލް ދައްކާލާފައި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހެނދުނު ޝަހީދުންގެ ބިނާ ކައިރީ ސިފައިން ބޭއްވި ގާޑް މައުންޓް ކުރުމާއި ދިދަ ނެގުމާއި ބަޑީގެ ސަލާމް ކުރުމުގެ ހާއްސަ ޕެރޭޑްގެ ތެރޭގައެވެ. ސިފައިންގެ ތެރޭގައި ވަރަށް ބޮޑަށް ރައްކާކުރެވި ހާއްސަ ގޮތެއްގައި ބަލަހައްޓަމުންދާ މި ބަޑި ދައްކާލާފައިވަނީ ހާއްސަ ފޮއްޓެއްގެ ތެރޭގައި ބާއްވައިގެން ސިފައިން ދައްކާލި ހަރާކާތާއެކު އެވެ. ނަމަވެސް ނޫސްވެރިންނަށް ވަކިން ވަނީ ބަޑި ދައްކާލާފަ އެވެ. މިއީ މިއަދުގެ ބަތޮލު ބޭނުން ކުރި އެ ބަޑި މިފަދަ ގޮތަކަށް ދައްކާލި ފުރަތަމަ ފަހަރެވެ.

ޝަހީދު ހުސައިން އާދަމް ދުޝްމަނުންނާ ކުރިމަތިލި ގޮތް

ނޮވެމްބަރު 3، 1988 ގެ ހަމަލާގައި ދުޝްމަނުންގެ ފަރާތުން ފުރަތަމަ ހަމަލާ ދިނުމާއެކު ހުސައިން އާދަމް ވަނީ ވަޒަން އައި ދިމާލަށް ރައްދު ދީ އުންޑަ ޖަހާފަ އެވެ. އޭރު އޭނާ ހުރީ ސިފައިންގެ މައި ގޭޓް ހުޅަނގުފަރާތުގައި ފޯރިއަށެވެ. ހަމަލާގައި ކަވަރު ނެގުމަށްޓަކައި އޭނާ ވަނީ ހުޅަނގުފަރާތުގައި ހުރި ސެނގަރު ތެރެއަށެވެ. ކެނޑިނޭޅި އޭނާގެ ބަޑިން ދުޝްމަނުންނަށް ހަމަލާތައް ދެމުންނެވެ. އެ ވަގުތު ސިފައިންގެ ތެރޭގެ ދިފާއީ ޑިއުޓީ ޕޮއިންޓްތަކަށް މީހުނަށް ދެވި އެފަދަ ވަގުތަކަށް ވާންޖެހޭ ތައްޔާރީތައް ވެވެން އޮތް ގޮތަކަށް ވެވުނީ ކުޅަދާނަ ކަމާއެކު ހުސައިން އާދަމް ދިން ވަރުގަދަ ހަމަލާތަކުގައި ދުޝްމަނުން ސިއްސުވާލައި ކުރިއަރައިގެން އަޔަ ނުދީ ހިފެހެއްޓުމުގެ ސަަބަބުންނެވެ. އެހެން ނަމަވެސް އޭނާގެ އަތުން ވަޒަން ހުސްވީ އެވެ. އެދެމުން ދިޔައީ އިތުރު މެގަޒިނެއް ދިނުމަށެވެ. ވަރުގަދަ އަޒުމަށް ބަދަލެއް ނައިސް ދުޝްމަނުންނާ ކުރިމަތިލައިގެން ހުރެއެވެ. ނަމަވެސް ދުޝްމަނުންގެ ހަމަލާތަކުން އެރި ވަޒަން ތަކުން ޙުސައިން އާދަމްގެ މެޔާއި ހަށިގަނޑު ދިމަދިމާއިން ފޫއަޅުވައިލިއެވެ. ސިފައިންގެ މައި މަރުކަޒުގެ ފާރު އޭނާގެ ލެއިން ތެންމާލައި، ޝަހީދުވީ އަބަދުގެ އަބަދަށް ދިވެހި ސިފައިންނަށް ފަޚްރުވެރި ނަމެއް ހޯދައިދީފައެވެ. މިލޮބުވެތި ވަތަންގެ މިނިވަންކަމަށް ކުރަމުންދިޔަ މަތިވެރި ޖިހާދަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައެވެ. އެ އުދުވާނީ ހަމަލާގައި ގައުމުގެ ބަޠަލެއްގެ ޝަރަފުވެރިކަމާއިގެންނެވެ.