ބޭރު ކުޅިވަރު

މެޗް އެއްވަރުވެ ރެއާލް ހިތްދަތި ނަތީޖާއެއް

Nov 3, 2016

ޗެމްޕިއަންސް ލީގްގައި ޕޮލެންޑްގެ ލެގިއާ ވަރުސާވޯ އަތުން 3-3 ގެ ނަތީޖާއަކުން އެއް ވަރުވެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ހިތް ދަތި ނަތީޖާއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މެޗްގެ ފުރަތަމަ މިނެޓްގައި ގެރެތުބޭލް ލަނޑު ކާމިޔާބުކޮށް ރެއާލްއަށް ލީޑް ނަގައިދިނުމުން، ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗެކޭ އެއްގޮތަށް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެދާނެ ކަމަށް ބެލެވުނެވެ. ފުރަތަމަ ލެގް މެޗް ރެއަލް ކާމިޔާބު ކުރީ 5-1 ންނެވެ.

މެޗްގެ 35 ވަނަ މިނެޓްގައި ކަރީމް ބެންޒަމާ ރެއާލްއަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައިވަނިކޮށް ވަރުސާވޯ ވަނީ ފަހަތުން އަރައި 3-2 ނަތީޖާ ބަދަލު ކޮށްލާފަ އެވެ.

ބަލިނުވެ ރެއާލް ސަލާމްތްވީ މެޗް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މަޓާއޯ ކޮވަޗިޗް ކާމިޔާބު ކުރި ލަނޑުންނެވެ.

ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު ރެއާލްއާ އެއްގުރޫޕެއްގައި ހިމެނޭ ޖަރުމަންގެ ބްރޫޝިއާ ޑޯޓަމަންޑް ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ކުޅުނު މެޗް 1-0 ން ކާމިޔާބުކޮށް ރެއާލްއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ވަނީ ބޮޑުވެފައެވެ.

ސްޕެއިންގެ ސެވިއްޔާ ވަނީ ކޮރޭޝިއާގެ ޑައިނަމޯ ޒެގްރާބްއާ ދެކޮޅަށް ކުޅުނު މެޗް 4-0 ން ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ، ޑެންމާކްގެ އެފްސީ ކޯޕެންހޭގަންއާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އޮލިމްޕިކް ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ 1-1 އެއްވަރުވެގެންނެވެ. ޕޯޓޯ، ބެލްޖިއަމްގެ ކުލަބު ބާގްއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ.