ބޭރު ކުޅިވަރު

މޮރީނިއޯއާ ދެކޮޅަށް އިނގިރޭސި އެފްއޭއިން ފިޔަވަޅު އަޅައިފި

Nov 3, 2016

ޕްރިމިއާ ލީގްގައި އެންމެ ފަހުން ބާންލީއާ ދެކޮޅަށް ކުޅުނު މެޗްގައި ރެފްރީގެ ނިންމުމާމެދު ހިތްހަމަނުޖެހޭކަން ދެއްކުމުގެ ގޮތުން މެޗްގެ އޮފިޝަލުންނަށް ނިސްބަތްކޮށް ބުނި އެއްޗެއްގެ ސަބަބުން މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ޖޯސޭ މޮރީނިއޯއާ ދެކޮޅަށް އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަނުން ފިޔަވަޅު އަޅައިފިއެވެ.

ބާންލީ މެޗްގައި އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން މެން ޔޫގެ މަޓާއޯ ޑާމިއަން ބާންލީގެ ކުޅުންތެރިން ކުރި ފައުލާ ގުޅިގެން، ރެފްރީ ޕެނަލްޓީއެއް ނޫންކަން ނިންމުމުން، މެޗްގެ ރެފްރީ މާކް ކެލަންޓަންބާގް ވަނީ މޮރީނިއޯ ބެންޗުން ފޮނުވާލާފައެވެ. މިކަމާ ގުޅިގެން މޮރީނިއޯ ސަސްޕެންޑް ކުރުމުން މިއަންނަ އާދިއްތަ ދުވަހު ސްވަންސީއާ ދެކޮޅަށް އެޓީމު ކުޅޭ މެޗްގައި މޮރީނިއޯއަށް ސްޓޭޑިއަމަކަށް ނުވަދެވޭނެއެވެ.

މީގެ އިތުރުން ލިވަޕޫލްއާ ދެކޮޅަށް މެން ޔުނައިޓަޑް ކުޅުނު މެޗަށްފަހު، އެ މެޗްގެ ރެފްރީ އެންތޮނީ ޓޭލާއާ ބެހޭގޮތުން މީޑިއާގައި ދެއްކި ވާހަކަތަކާ ގުޅިގެން މޮރީނިއޯ 50000 ޕައުންޑުން ޖޫރިމަނާ ކުރުމަށްވެސް އިނގިރޭސި އެފްއޭގެ މިނިވަން ރެގިއުލޭޓަރީ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިދިޔަ ސީޒަންގައިވެސް ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން މޮރީނިއޯ އަށް އެއް މެޗްގެ ސަސްޕެންޝަނެއް ކުރިމަތިވި އެވެ. އެ ކަމާ ހުރެ އެފަހަރު އޭނާ މެޗް ބަލާފައިވަނީ ހޮޓެލްގައ ހުރެ ޓީވީއިންނެވެ.